މެންޗެސްޓާ ސިޓީގެ ވެރިން އިންޑިއާގެ ކްލަބެއް ގަންނަނީ
މެންޗެސްޓާ ސިޓީގެ ވެރިން އިންޑިއާގެ ކްލަބެއް ގަންނަނީ

މެންޗެސްޓާ (ސެޕްޓެމްބަރު 28) - އިންޑިއަން ސުޕަ ލީގުގައި ވާދަކުރަމުން އަންނަ މުމްބާއީ ސިޓީ ގަންނަން މެންޗެސްޓާ ސިޓީގެ ވެރިން ހުރިހާ މަޝްވަރާތަކެއް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަބޫ ދާބީ ޔުނައިޓެޑް ގްރޫޕްގެ ގޮތުގައި އޮތް ކުންފުނި ފަހުން ސިޓީ ފުޓްބޯލް ގްރޫޕްގެ ނަމަށް ބަދަލުކޮށް މުޅި ދުނިޔެ އަށް އެ ކުންފުނީގެ ފުޓްބޯޅަ ޕްރޮޖެކްޓް ފުޅާކުރަން ވަނީ ނިންމައިފަ އެވެ. ޔޫއޭއީގެ މަހުޖަނު ޝެއިހް މަންސޫރު، 2008 ވަަނަ އަހަރު މެންޗެސްޓާ ސިޓީ ގަތުމަށް ފަހު އަމާޒުހިފީ އޭނާގެ ބެލުމުގެ ދަށުން ދުނިޔޭގެ ފުޓްބޯޅައިގެ ހަބްތަކެއް އުފެއްދުމަށެވެ.

އޭގެ ތެރެއިން މިހާރު ވެސް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ސިޓީ ފުޓްބޯލް ގްރޫޕުން އަންނަނީ މެންޗެސްޓާ ސިޓީގެ އިތުރުން އެމެރިކާ ލީގުގައި ނިއުޔޯކް ސިޓީ، އޮސްޓްރޭލިއާގައި މެލްބަން ސިޓީ، އުރުގުއޭގައި އެތުލެޓިކޯ ޓޯކޭ، ޗައިނާގައި ޝިޗުއާން ޖިއުނީއޫ ގަނެފަ އެވެ. މީގެ އިތުރުން ސްޕެއިނުގެ ކްލަބް ޖިރޯނާ އާއި ޖަޕާނުގެ ޔޮކޮހާމާ މެރިނޯސްގައި ސިޓީ ފުޓްބޯލް ގްރޫޕްގެ ހިއްސާ އޮވެ އެވެ.

ސިޓީ ފުޓްބޯލް ގްރޫޕުން މިހާރު އަމާޒުހިފާފައިވަނީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ސަމާލުކަން ލިބެމުން އަންނަ އިންޑިއަން ސުޕަ ލީގުގައި ހަރަކާތްތެރިވުމަށެވެ. އެގޮތުން މުމްބާއީ ސިޓީ ގަންނަން ސިޓީ ފުޓްބޯލް ގްރޫޕުން މަސައްކަތްކުރަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. މިދިޔަ ހަފްތާގައި މުމްބާއީ ސިޓީގެ ވެރިޔާ އިންދްރަނިލް ދާސްއާ އެކު ބާއްވަން ޖެހޭ މަޝްވަރާތައް މިހާރު ވަނީ ނިމިފަ އެވެ. މިހާރު އެއްބަސްނުވެވި އޮތީ އަގަކާ މެދު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ ކުރިން އިންޑިއަން ސުޕަ ލީގުގެ ކޮލްކަތާ އަށް ނިސްބަތްވާ އެތުލެޓިކޯ ޑި ކޮލްކަތާ ޓީމު ހިންގީ ސްޕެއިނުގެ މަޝްހޫރު ޓީމު އެތުލެޓިކޯ މެޑްރިޑާ ގުޅިގެންނެވެ. އެކަމަކު ފަހުން އެތުލެޓިކޯ ޑި ކޮލްކަތާގެ މެޖޯޜިޓީ ހިއްސާދާރުކަން އިންޑިއާގެ މަހުޖަނު ސަންޖީވް ގޮއެންކާ ހޯދި ފަހުން އެތުލެޓިކޯގެ ހިއްސާއެއް އެ ކްލަބްގައި ނެތެވެ.

ސިޓީ ފުޓްބޯލް ގްރޫޕުން ގަންނަ ކްލަބްތައް އޮންނަނީ އެއް ޕްލެޓްފޯމެއްގެ ތެރެއިން ގުޅާލެވިފަ އެވެ. އަދި އެކެޑެމީ ލެވެލްގެ ޕްރޮގްރާމުން ފެށިގެން ހުރިހާ ކަންތައްތަކެއް އެއް މޮޑިއުލުގެ ތެރެއިން ކުރިއަށްދާއިރު، އެކި ޓީމުތަކުގެ މެދުގައި ކުޅުންތެރިން ބަދަލުކުރުމުގެ ކަންތައްތައް ވެސް ކުރިއަށްދެ އެވެ. މީގެ ކުރިން މެންޗެސްޓާ ސިޓީ އަށް ފްރޭންކް ލަމްޕާޑް ކުޅުނީ ވެސް ނިއުޔޯކް ސިޓީ އަށް ބަދަލުވުމަށް ފަހު ހަމަޖެހިގެންދިޔަ އެގްރީމެންޓެއްގެ ތެރެއިންނެވެ.