ޓްވީޓެއްގެ މައްސަލައިގައި ބެނާޑޯ ސިލްވާ ހޫނުފެނަށް
ޓްވީޓެއްގެ މައްސަލައިގައި ބެނާޑޯ ސިލްވާ ހޫނުފެނަށް

މެންޗެސްޓާ (ސެޕްޓެމްބަރު 28) - މެންޗެސްޓާ ސިޓީގެ ޕޯޗުގީސް މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެ ޓީމުގެ ބެންޖަމިން މެންޑީއާ ބެހޭގޮތުން ކުރި ޓްވީޓެއްގައި ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ ކަންތައްތަކެއް ފާހަގަވާތީ އެ މައްސަލަ އިނގިރޭސި އެފްއޭ އިން ބަަލަމުން ދަނިކޮށް އެކަމަށް އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށް ބެނާޑޯ ބުނެފި އެވެ.

ޓްވީޓެއްގެ މައްސަލައިގައި ބެނާޑޯ ސިލްވާ ހޫނުފެނަށް
ޓްވީޓެއްގެ މައްސަލައިގައި ބެނާޑޯ ސިލްވާ ހޫނުފެނަށް

ސްޕެއިނުގެ ޗޮކޮލޭޓް ބްރޭންޑެއްގެ ކެރެކްޓާ ކޮންގީޓޯސް އާއި މެންޑީގެ ކުޑައިރުގެ ފޮޓޯ އެއް ހިމަނައިގެން ބެނާޑޯ ޓްވީޓްކުރީ މީހުންގެ ކިބައިން އެއީ ކާކުތޯ ސުވާލު އުފައްދައިފަ އެވެ. އެ ޓްވީޓާ މެދު މެންޑީގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތެވެ. އެކަމަކު ސަޕޯޓަރުން އެ ޓްވީޓްގެ މައްސަލައިގައި ވާހަކަ ދައްކަން ފެށުމުން ފަހުން ބެނާޑޯ އެ ޓްވީޓް ޑިލީޓް ކުރި އެވެ. އޭގެ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ. އަދި އިނގިރޭސި އެފްއޭ އިން ވެސް އެ މައްސަަލަ ބަލަން ފެށީ އެ ހިސާބުންނެވެ.

މި މައްސަލައިގައި ބެނާޑޯ އަށް ހަ މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އޮތްއިރު އޭނާ ވަނީ އެކަމަށް މައާފަށް އެދި އެފްއޭ އަށް ސިޓީ ހުށަހަޅައިފަ އެވެ. ބެނާޑޯ ބުނީ އެ ޓްވީޓްކުރީ އެއްވެސް ގޮތަކުން ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނޫން ކަމަށާއި އެއީ ޖޯކަކަށް މެންޑީއާ ސަމާސަކުރަމުން ކުރި ޓްވީޓެއް ކަމަށެވެ.

ބެނާޑޯ އަށް އެ މައްސަލައިގައި އެފްއޭ އަށް ޖަވާބުދާރީވާން ދިން ފުރުސަތުގެ ބޭނުން އޭނާ ހިފަން ނިންމާފައިވާއިރު، އޭނާއާ އެކު މެންޑީ ވެސް ބައިވެރިވާނެ އެވެ. މި ދެ ކުޅުންތެރިންނަކީ އެކުގައި މޮނާކޯ ޓީމުން ވިދާލި ދެ ކުޅުންތެރިންނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ މި މައްސަލައިގައި ބެނާޑޯގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ މައްސަލަ އަކަށް ވުމުގެ އެންމެ ބޮޑު އަސްލަކީ ކަޅު ނަސްލުގެ ކުޅުންތެރިއަކާ ގުޅުން ހުރި ޓްވީޓަކަށްވުން ކަމަށާއި ދޮން މީހުންގެ ތެރެއިން ބަޔަކާ ގުޅޭ ނަމަ މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި މިއީ ދެ ކުޅުންތެރިއަކުގެ މެދުގައި ސަމާސާ އަކަށް ހިނގި ކަމެއް ކަމަށާއި އޭގެ ސަބަބުން އެއްވެސް ކުޅުންތެރިއަަކަށް އަދަބެއް ދީފިނަމަ މިއީ ވެވޭނެ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި އެފްއޭ އިން މި ޓްވީޓް މައްސަލައިގައި ބެނާޑޯ އަށް އަދަބު ނުދޭނެ ކަމަށް މީގެ ކުރިން ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ. އެކަމަކު ފަހުން އެކަން ބަދަލުވީ މީގެ ކުރިން މެންޑީ އަށް ނަސްލީ ގޮތުން މަލާމަތް ރައްދުވާގޮތަށް ވާހަކަ ދައްކާ ބެނާޑޯ ސިލްވާގެ ވީޑިއޯއެއް ފެންމަތިވުމުންނެވެ. އެހެންކަމުން މި ދެ މައްސަލަ އެކުވެގެން ގޮތެއް ނިންމާނަމަ ބެނާޑޯ އަށް އަދަބު ލިބުމުގެ ފުރުސަތު އެބައޮތެވެ. ގަވާއިދުގައިވާ ގޮތުން މި ކަމަށް އަންނާނެ އެންމެ ބޮޑު އަދަބަކީ ހަ މެޗުގެ ސަސްޕެންޝަނެކެވެ.

ސިޓީން ވަނީ މި މައްސަލައިގައި އެ ކްލަބްގެ ކުޅުންތެރިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ގޮތް މޮނިޓާކުރަން ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އެއީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ އެންގުމުގެ މަތިން ފަށާފައިވާ ކަމެކެވެ.