މާޔޫސް ނުވެ އުންމީދީ ވުމަށްޓަކައި އީމާންކަން ވަރުގަދަކުރުން
މާޔޫސް ނުވެ އުންމީދީ ވުމަށްޓަކައި އީމާންކަން ވަރުގަދަކުރުން

އިންސާނާގެ ދިރިއުޅުން ބާއްޖަވެރި ކުރެވޭނީ ހަމަޖެހުމާއި އަމާންކަން ލިބިގެންނެވެ. މިކަމަށްޓަކައި އުންމީދަކީ ވަރަށް މުހިންމު އެއްޗެކެވެ. ސަބަބަކީ އުންމީދަކީ ކަންނެތްކަން ފިލުވާލައި ހީވާގިކަމާ އެކު މަސައްކަތް ކުރަން ލިބޭ ބާރެކެވެ. ނާކާމިޔާބުވުމުގެ ފިކުރުތައް ސިކުނޑިން ދުރުކޮށް ނަފްސަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. މިކަން މިހެން އޮތް ނަމަވެސް ބައެއް މީހުން ދިރިއުޅުމުގައި މާޔޫސްވެ އެކަމުގެ އިހުސާސްތަކުން ދުރުވާން އުނދަގޫވެ އެވެ. މިފަދަ މީހުންނަށް އޮތް އެންމެ ރަގަނޅު ފަރުވާއަކީ އީމާންކަން ވަރުގަދަ ކުރުމެވެ. ސަބަބަކީ އީމާންކަމަކީ މާޔޫސްކަން ދުރުކޮށްދީ އުއްމީދު އުފަންކޮށް އާލާކުރުވާ ކަމަކަށް ވާތީ އެވެ.

މާޔޫސްވުމަކީ އިސްލާމްދީން އެކަމަށް ނަފުރަތު ކުރާ ކަމެކެވެ. ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި މާތްﷲ ގެ ރަހުމަތާ މެދު މާޔޫސް ވަނީ މަގުގެއްލިފައިވާ މީހުންނެވެ. އަދި ﷲ ގެ ރަހުމަތުން އުންމީދު ކަނޑާލާ މީހުންނަކީ ކާފިރުވީ މީހުންނެވެ. (ޔޫސުފް 87). ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ ބޮޑެތި މުސީބާތްތަކުގެ ވަގުތުތަކުގައި މާޔޫސްވާ މީހުންގެ އެ އަމަލު ކީރިތި ޤުރުއާނުގައި ކުށްވެރި ކުރެ އެވެ. (ފުއްޞިލަތު 49). ވީމާ އީމާންކަން ފުރިހަމަކުރަން ބޭނުން ނަމަ އަދި ތެދުމަގުގައި ހުންނަން ބޭނުންނަމަ ނުވަތަ ނަފްސުގައި ޝައްކުބަލި އުފެދި ދިރިއުޅުމުގެ ހަޔާތަކީ ކަޅު އަނދިރި ޖަންގައްޔެއް ކަމުގައި ދެކެން ބޭނުން ނުވާނަމަ މާޔޫސްވުމުން ދުރުހެލިވާން ޖެހެ އެވެ.

މާޔޫސްވުމަކީ އީމާންކަން ނިގުޅައިގަންނަ ކަމެއް ކަމުގައިވާ އިރު އަނެއްކޮޅުން އީމާންކަމަކީ އުންމީދު އުފަންކޮށް އާލާކުރުވާ ކަމެކެވެ. ސަބަބަކީ އީމާންވާ މީހަކު ގަބޫލުކުރާ ގޮތުގައި މި ކައުނުގައި ހިނގާ ހުރިހާ ކަމެއް ތަދުބީރު ކުރައްވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ މަތިވެރި ﷲ އެވެ. އެކަލާނގެ އެއްވެސް ކަމަކަށް ނުކުޅެދުންތެރިވެވޮޑިގެން ނުވެ އެވެ. އެކަލާނގެ ރަހުމަތަކީ އޭގެ މިންވަރެއް ނެތް ރަހުމަތެކެވެ. ދަތިހާލުގައި ޖެހިފައިވާ މީހުންގެ ދައުވަތް އިޖާބަކުރައްވައި، ނުބައި ކަންކަމުން އިންސާނާ މިންޖު ކުރައްވަނީ އެކަލާނގެ އެވެ. އެއީ ފާފަ ފުއްސަވައި ތައުބާ ގަބޫލު ކުރައްވާ ކަލާނގެ އެވެ. (އައްޝުޢަރާއު 25). އެއްޗެއް ގެއްލިފައިވާ މީހަކަށް އެއެތި ފެނުމުން ލިބޭ އުފަލަށްވުރެ ކުށްކުރާ މީހަކު ތައުބާވުމުން އެކަލާނގެ އުފާވެވޮޑިގަންނަވާ މިންވަރު ބޮޑެވެ. ހެޔޮކަމަކަށް ދިހައަކުން ފެށިގެން ހަތްސަތޭކަ ގުނައާ ހަމައަށް އެކަލާނގެ ޖަޒާ ދެއްވަ އެވެ. އެކަމަކު ނުބައި ކަމަކަށް އެކަމެއްގެ މިންވަރުން މެނުވީ ޖަޒާ ނުދެއްވަ އެވެ. (އަލްއަންޢާމް 160). އަދި ކިއެއްތަ އެއްގޮތަކަށް ވެސް ޖަޒާ ނުދެއްވައި އަފޫ ކުރައްވަ އެވެ. އިންސާނާ އެކަލާނގެއާ ގާތްވާން މަސައްކަތް ކުރާނަމަ އިންސާނާ ގާތްވާ މިންވަރަށް ވުރެ ބޮޑަށް އެކަލާނގެ އިންސާނާއާ ކުއްތަންވެ ވޮޑިގަންނަވަ އެވެ.

މި ހުރިހާ ކަމެއް މިހެން އޮތް ނަމަވެސް އެކަލާނގެއީ މީސްތަކުންގެ މެދުގައި ދުވަސްތައް ބަދަލުކުރައްވަމުން ގެންދަވާ ކަލާނގެ އެވެ. މިގޮތުން ބިރުވެރިކަމަށް ފަހު އަމާންކަން މެދުވެރި ކުރައްވަ އެވެ. ނިކަމެތިކަމަށް ފަހު ބާރުވެރި ކުރައްވަ އެވެ. ދަތިކަމަށް ފަހު ފަސޭހަކުރައްވަ އެވެ. (އައްޝަރްޙު 5-6). ކަންބޮޑުވުމަށް ފަހު ހިތްހަމަޖެހުން މެދުވެރި ކުރައްވަ އެވެ. މުސީބާތަށް ފަހު އަމާންކަން ދެއްވަ އެވެ. މިއީ ކައުނުގައިވާ އިލާހީ ގާނޫނެވެ. އެއީ އިންސާނުން މި ދުނިޔޭގައި އަދާކުރަން ޖެހޭ ދައުރު އަދާކުރާ މިންވަރު އިމްތިހާނު ކުރުމަށްޓަކަ އެވެ.

މި ހަގީގަތްތައް ދަންނަ މުއުމިނަކު ދިރިއުޅޭނީ އަބަދުވެސް އުންމީދާ އެކު އެވެ. ހަޔާތާ ކުރިމަތިލާނީ ހިނިތުންވެފައިވާ މޫނަކައިގެންނެވެ. ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކަށް ކުރިމަތިލާނީ ކެތްތެރިކަމާ އެކު އެވެ. މިފަދަ މީހަކު ﷲ ގެ މަގުގައި ޖިހާދު ކުރާނީ ނަސްރު ލިބޭނެކަމުގެ އުއްމީދާ އެކު އެވެ. އެހެނީ ގަދަވާނެ ބަޔަކީ ﷲ ގެ ލަޝްކަރުގެ މީހުންކަން އޭނާ ގަބޫލުކުރާތީ އެވެ. (އަލްމާއިދާ 56). ބަލިވެއްޖެ ނަމަ ފަރުވާ ކުރާނީ އާފިޔަތު ލިބޭނެކަމުގެ އުއްމީދު އޮވެގެންނެވެ. އެހެނީ ބަލިވާ ހިނދު ޝިފާ ދެއްވާ ފަރާތަކީ ﷲ ކަން އޭނާއަށް ކަށަވަރުވާތީ އެވެ. (އައްޝުޢަރާޢު 80). ކުށެއް ކުރެއްވިއްޖެ ނަމަ ﷲ އަށް ރުޖޫއަވެ ތައުބާވާނީ ތައުބާ ގަބޫލު ކުރެވި ފާފަ ފުއްސެވުމަށް އުއްމީދުކުރާ ހާލު އެވެ. ސަބަބަކީ ކުށްކުރުމުގައި އިސްރާފުގެ ދަރަޖައަށް ދިޔަސް ﷲ ގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެ ކަމާއި ﷲ އީ ހުރިހާ ފާފައެއް ފުއްސަވާ އޯގާވަންތަ ރަސްކަލާނގެކަން އޭނާ އަށް ޔަގީންވާތީ އެވެ. (އައްޒުމަރު 53).

މިފަދަ މީހަކު ދިރިއުޅުމުގައި ދަތިކަމަކާ ކުރިމަތި ލައިފި ނަމަ ފަސޭހަކަން އަދި އަންނާނެކަމާ މެދު ޝައްކެއް ނުކުރާނެ އެވެ. އެހެނީ އުނދަގޫ ކަމާ އެކު ފަސޭހަކަން ވާނެކަން އޭނާ އަށް ކަށަވަރުވާތީ އެވެ. (އައްޝަރްޙު 5-6). މުސީބާތެއް ނުވަތަ ކާރިސާއެއް މެދުވެރިވެއްޖެ ނަމަ އޭނާގެ އުންމީދަކަށް ވާނީ އޭގެ ސަބަބުން ހެޔޮ ދަރުމައެއް ލިބުން ނުވަތަ އޭގެ ފަހުގައި އެއަށްވުރެ ހެޔޮ އެހެން ގޮތެއް ވުމެވެ. އެހެނީ މުސީބާތެއް ކުރިމަތިވާ ހިނދު "ހަމަކަށަވަރުން ތިމަންމެންނީ ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ އެކަލާނގެ ހަޟްރަތަށް އެނބުރިދާނޭ ބައެކޭ" ބުނާ މީހުންނަށް ﷲ ގެ ހަޟްރަތުން ފާފަފުއްސެވުމާއި ރަހުމަތް ލިބޭނެކަމާ އަދި ތެދުމަގު ލިބިގެންވާ ބަޔަކީ އެފަދަ މީހުންކަން އޭނާއަށް ޔަގީން ވާތީ އެވެ. (އަލްބަޤަރާ 156). މީހަކާ ނުވަތަ ބަޔަކާ މެދު ނުރުހުންވެ ދެކޮޅުވެރި ވެއްޖެނަމަ އެދެމެދު ސުލްހަވާނެ ކަމުގެ އުންމީދު އޭނާ ކުރާނެ އެވެ. އެހެނީ ހިތްތައް ބަދަލު ކުރައްވައި އަދާވާތްތެރިކަން ލޯތްބަށް ހައްދަވާ ކަލާނގެއަކީ ﷲ ކަން އޭނާއަށް ޝައްކެއް ނެތި އެނގޭތީ އެވެ. (ފުއްޞިލަތު 34).

މިފަދަ މީހަކަށް އަނިޔާއެއް ލިބޭނަމަ ނުވަތަ ހައްގުގެ މައްޗަށް ބާތިލު ގަދަވެފައިވާ ނަމަ މި ކަމުންވެސް މިންޖުވެ ހައްގަށް ނަސްރު ލިބޭނެ ކަމުގެ އުންމީދު އޮންނާނެ އެވެ. އެހެނީ ބާތިލުގެ މައްޗަށް ﷲ ހައްގު ފޮނުއްވައި އެ ބާތިލު ހަލާކުކޮށް ނައްތާލާ ކަމާއި، ފޮނު ނުވަތަ ދަގުއި ފަދައިން ބާތިލުވެސް ނެތިގެންދާނެކަން އޭނާ ދަންނާތީ އެވެ. (އައްރަޢުދު 17). މުސްކުޅިވެ ގައިބާރު ނެތި އިސްތަށިތައް ނުރައަށް ވިއަސް ދެން އޮތް ހަޔާތުގައި މުސްކުޅިވުމެއް ނެތް ޒުވާން ކަމުގައި ދެމިހުރުގެ އުއްމީދުކުރާނެ އެވެ. އެހެނީ ނިއުމަތްތަކުން ފުރިގެންވާ އަރާމާއި އުފަލުގައި އަބަދަށް ދެމި ތިބެވޭނެ ސުވަރުގެތައް ވާކަމުގެ ވައުދު މާތް ﷲ ކުރައްވާފައިވާ ކަމާއި، އެކަލާނގެ ވައުދަކީ ޝައްކެއްނެތް ކަމެއްކަން އޭނާއަށް ޔަގީންވާތީ އެވެ. (އައްނިސާއު 122). އަދި މިފަދަ މީހާއަށް ދަތިކަމެއް މެދުވެރިވިއަސް އެއިން ސަލާމަތްވާން ﷲ ގެ ހަޒްރަތުން އުންމީދާ އެކު އެދޭނެ އެވެ. ހާސްކަމާއި ކަންބޮޑުވުމެއް ދިމާވިއަސް ކެތްތެރިކަމާއި ރުހުން މިންވަރު ކުރެއްވުމަށް އުންމީދާ އެކު އެދޭނެ އެވެ.

ދަރިން ނުލިބޭގޮތް މެދުވެރިވިއަސް އެކަމުން ސަލާމަތްވާން އެދި އިބްރާހީމްގެފާނާއި، ޒަކަރިއްޔާގެފާނު ފަދައިން ވަރުގަދަ އުންމީދުގެ މަތީ ހުރެ ދުޢާކުރާނެ އެވެ. (އާލް ޢީމްރާން 38). ތިމާ ލޯބިވާ މީހަކު ނުވަތަ އެއްޗެއް ގެއްލިގެން ދިޔަސް އެނބުރި އެ ލިބޭނެ ކަމުގެ އުންމީދުގައި ޔައުޤޫބުގެފާނު ފަދައިން ދުއާ ކުރާނެ އެވެ. ކުރެވުނު ކުށެއްގެ ސަބަބުން މުސީބާތަކާ ކުރިމަތިވިއަސް ޔޫނުސްގެފާނު ފަދައިން އުއްމީދާ އެކު ﷲ އަށް ތަސްބީޙަ ކިޔައި އިސްތިޣުފާރު ކުރާނެ އެވެ. އަދުއްވުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކުގައި އުދަރެސްތައް އެކީ ބެދުނަސް މޫސާގެފާނު ވިދާޅުވި ފަދައިން އަދި އޭގެފަހުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވިދާޅުވި ފަދައިން އުއްމީދާ އެކު އޭނާވެސް ބުނާނީ ތިމަންނާއާ އެކު ﷲ ވޮޑިގެންވާ ކަމަށެވެ. (އައްތައުބާ 40).

މިފަދަ ހުރިހާ ހާލަތްތަކެއްގައި މި ފަދައިން އުންމީދުތައް އާލާވެގެން މިދަނީ އީމާންތެރިކަމުގެ ސަބަބުންނެވެ. މި އުންމީދު އޮންނަހާ ހިނދަކު ގަދައަޅައި މަސައްކަތް ކުރާނެ އެވެ. އަދި ނަފްސަށް ހަމަޖެހުން ލިބޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ ހަޔާތް ބާއްޖަވެރިވާނެ އެވެ. އެހެންކަމުން އުންމީދު އާލާކޮށް މާޔޫސްކަން ފިލުވާލުމަށްޓަކައި ކޮންމެ މީހަކުވެސް އެ މީހެއްގެ އީމާންތެރިކަން ވަރުގަދަ ކުރަން ޖެހެ އެވެ.