27 ސެޕްޓެމްބަރ 2019 - 21:09

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅިގެން މާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެއްސުމަށް ފަހު އެންމެ ފަހު ވަގުތު ކެންސަލްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ، މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމަށެވެ. އެ ހާދިސާގައި އެކަކު ނިޔާވި އިރު 400 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ.

ޓޫރިޒަމް ދުވަހާ ގުޅިގެން ނުވަ ދުވަހަށް ތަފާތު ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާ އިރު މިރޭ މާލޭ ދެ ނަންބަރު ޖެޓީގައި ބާއްވަނީ "ޓޫރިޒަމް އިންޑަސްޓްރީ ޖޮބް ފެއާ" އެވެ. މި ހަރަކާތުގައި ހަވާ އަރުވަން ނިންމި ނަމަވެސް އެކަން ވަނީ އެންމެ ފަހު ވަގުތު ކެންސަލްކޮށްފަ އެވެ. މި ފެއާގެ ތެރެއިން 500 އަށް ވުރެ ގިނަ ވަޒީފާ ދިވެހިންނަށް ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މިއަދު ފާހަގަ ކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ރާއްޖޭގައި ފެށީ ވ. އަތޮޅުންނެވެ. އެގޮތުން އެ އަތޮޅު ކެޔޮދު އާއި ތިނަދޫގައި ހަރަކާތްތައް ކުރިއަށްދިޔަ އެވެ. މި ހަރަކާތްތައް ފެށުމަށް ކެޔޮދޫގައި ބޭއްވި ދިވެހި ބޮޑު ކެއުމަށް ފަހު ރޭ 12:00 ޖެހި އިރު އެ ރަށުގައި ހަވާ އެރުވި އެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާ އިރު މި ދުވަހާ ގުޅިގެން ބާއްވާ އެންމެ ބޮޑު ތިން ހަރަކާތުގައި ހަވާ އެރުވުމަށް ނިންމާފައިވެ އެވެ. ޖޮބް ފެއާގައި ހަވާ އެރުވުން ކެންސަލްވި އިރު ދެން ހަވާ އަރުވަން ނިންމާފައި ވަނީ ކްރޮސްރޯޑްސްގައި އޮންނަ ޓޫރިޒަމް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.