27 ސެޕްޓެމްބަރ 2019 - 19:40

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ފްލީޓަށް ހަތަރު ސީޕްލޭން އިތުރު ކުރަން ނިންމައިފި އެވެ.
މި ހަތަރު ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު އިއްޔެ ވަނީ ރާއްޖެ ގެނެސްފަ އެވެ. ބާކީ ތިން ބޯޓު އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބޯޓުތައް ގެންނަނީ ޕޯޗުގަލް އިންނެވެ.
މިއީ މިދިޔަ 30 އަހަރުތެރޭގައި މިހާ ގިނަ އަދަދެއްގެ ބޯޓު އެއްފަހަރާ އެ ކުންފުނިން ގެންނަ ފުރަތަމަ ފަހަރު ކަމަށް ޓީއެމްއޭ އިން ބުންޏެވެ. ޓީއެމްއޭގެ ފްލީޓުގައި މިހާރު ވެސް 52 ބޯޓު އޮޕަރޭޓް ކުރެ އެވެ.
ޓީއެމްއޭ އިން ބުނީ އެ ކުންފުނިން ގެންނަ އާ ބޯޓުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ. ޓޫރިޒަމް އިންޑަސްޓްރީ އަށް އިތުރުވާ އާ ރިސޯޓުތަކާ އެކު ޓީއެމްއޭގެ ފްލީޓަށް އިތުރު ބޯތުތައް އިތުރުވުމަކީ މުހިންމު ކަމެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ޓީއެމްއޭ އަކީ ދުނިޔޭގައި އެންމެ ގިނަ ސީޕްލޭން އޮޕަރޭޓް ކުރާ ކުންފުންޏެވެ.