27 ސެޕްޓެމްބަރ 2019 - 17:26

މޯލްޑިވްސް ވޮލީބޯލް ވެޓްރަންސް (އެމްވީވީ) އިން އިންތިޒާމްކޮށްގެން ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ބީޗް ވޮލީބޯލް ޓޯނަމަންޓުގެ ނަމުގައި ބައިނަލްއަގްވާމީ މުބާރާތެއް ރ. ފުރަވެރި ރިޒޯޓް އެންޑް ސްޕާގައި މިއަދު ފަށައިފި އެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތުގެ މެޗުތައް މިއަދު ހެނދުނު ފަށާފައިވާއިރު ރަސްމީކޮށް މުބާރާތް ހުޅުވައިދެއްވީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

މުބާރާތުގައި އޮންނަނީ ޕްރޯ ޑަބަލްސް ޑިވިޝަނާއި މިކްސް ރިކްރިއޭޝަނަލް ޑަބަލްސް ޑިވިޝަނަކާއި މިކްސް ރިކްރިއޭޝަނަލް ކުއަޓްރޯ ޑިވިޝަނެކެވެ. ދިވެހި ކުޅުންތެރިންގެ އިތުރުން އުތުރު އެމެރިކާ، ދެކުނު އެމެރިކާ، އޭޝިއާ، ޔޫރަޕް އަދި އޯޝޭނިއާ އިން ކުޅުންތެރިން ބައިވެރިވެ އެވެ.
ޕްރޯ ޑިވިޝަނުގައި ރާއްޖޭން މި ކެޓަގަރީގައި ވާދަކުރަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރިހި މެޑަލް ހޯދި ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު މުހައްމަދު (ޑެންޒޯ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ އާއި ކުރީގެ ކުޅުންތެރިންގެ ދެ ޕެއާ އެކެވެ. އެއީ ނިޒާރު އިބްރާހީމާއި މުމްތާޒް އަލީ އަދި އިސްމާއިލް ރިފާއު (ޗިޗޫ) އަދި އިބްރާހިމް އާދިލް (ކޮއްކޮ) ގެ ޕެއާ އެވެ. މީގެ ތެރެއިން ޑެންޒޯ އާއި އެޑަމް ވަނީ ފުރަތަމަ މެޗުން އޮސްޓްރޭލިއާގެ ޕެއާއެއްގެ އަތުން 2-1 އިން މޮޅުވެފަ އެވެ.
އެމްވީވީން އަމިއްލަ އަށް އިސްނަގައިގެން ބޭއްވި ނަމަވެސް ސްޕޯޓްސް މިނިސްޓްރީ އާއި ބިގްސް އައިލެންޑް ޕްރޮޑަކްޝަނާއި ބީޗް ވޮލީބޯލް ތައިލެންޑުގެ އެހީތެރިކަން ވަނީ ހޯދައިފަ އެވެ. ހާއްސަކޮށް ސްޕޯޓްސް މިނިސްޓްރީގެ ދައުރު ވަރަށް ބޮޑެވެ. ޕްރެޒިޑެންޓްސް އިންވިޓޭޝަނަލް ޓޯނަމަންޓުގެ ޓައިޓަލް މުބާރާތަށް ދިނީ ވެސް މިނިސްޓްރީންނެވެ.
އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރުން އައި ކުޅުންތެރިންނަށް އެމްވީވީން ވަނީ ވަރަށް ރަނގަޅު ޕެކޭޖްތަކެއް ހަމަޖައްސައިދީފަ އެވެ. ފަސް ތަރީގެ ފުރަވެރި ރިޒޯޓުގައި ހަތަރު ރޭ ހުރުމާއި ދުނިޔޭގެ ފެންވަރުގެ ބީޗެއްގައި ތިން ދުވަހު ބީޗް ވޮލީބޯޅަ ކުޅުމުގެ ފުރުސަތާއި ލިބޭއިރު ނައިޓް ފިޝިން ފަދަ ހަރަކާތްތައް ވެސް ވަނީ ރާވައިފަ އެވެ. އަދި އެތެރޭގެ ލުއި ފަސޭހަ ދަތުރުފަތުރާއި އިމިގްރޭޝަނުގެ ފާސްޓް ޓްރެކިން ހިދުމަތް ވެސް އެ ކުޅުންތެރިންނަށް ވަނީ ހަމަޖައްސައިދީފަ އެވެ.
"އަޅުގަނޑުމެން ހީނުކުރާހާ ވަރުގެ ތަރުހީބެއް ލިބުނު. ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިން ވެސް އައި،" އެމްވީވީގެ ނައިބް ރައީސް ތަރި މުހައްމަދު އަނީސް ވިދާޅުވި އެވެ.