27 ސެޕްޓެމްބަރ 2019 - 16:43

ގަދަފަދަ އިންޑިއާ އަތުން 4-0 އިން ބަލިވެ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ދިވެހިރާއްޖޭގެ ޔޫތު ގައުމީ ޓީމު މިއަދު ކަޓައިފި އެވެ.

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށްދާ މި މުބާރާތުގެ ތިން ވަނަ ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ. ތިން ވަނަ ހޮވާ މެޗުގައި ހޮނިހިރު ދުވަހު ރާއްޖެ ބައްދަލުކުރާނީ ބޫޓާނާ އެވެ. ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުގައި އެ ޓީމާ 0-0 އިން އެއްވަރުކޮށްފަ އެވެ. ފައިނަލުން ފުރުސަތު ނުލިބުނަސް، މި މުބާރާތުގައި ސެމީގައި ވާދަކުރެވުމަކީ ޔޫތު ލެވެލްގައި ރާއްޖެ އަށް ރަނގަޅު ކާމިޔާބެކެވެ. އެންމެ ފަހުގެ ދެ މުބާރާތުން ރާއްޖެ ކެޓީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެގެންނެވެ.
މުބާރާތުގެ ފައިނަލުގައި އާދީއްތަ ދުވަހު އިންޑިއާ ބައްދަލުކުރާނީ ބޫޓާން 4-0 އިން ބަލިކޮށް މިއަދު ފައިނަލުން ޖާގަ ހޯދި ބަންގްލަދޭޝާ އެވެ.
މިއަދުގެ ސެމީ ފައިނަލް މެޗުގައި އިންޑިއާ އިން ވަނީ ރާއްޖޭގެ މައްޗަށް ހުރިހާ ގޮތަކުން ކޮންޓްރޯލް ހޯދައި މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިން ދެ ވަނަ ހާފުގައި މެޗުގެ ތެރެއަށް ވަދެ އިންޑިއާ އަށް ކޮންމެވެސް ވަރަކަށް ނުރައްކާކުރި އެވެ.
އިންޑިއަން ސުޕަ ލީގުގައި ނޯތު އީސްޓް ޔުނައިޓެޑަށް ކުޅޭ ވިންގާ ނިންތޯއިންގަންބާ މީޓޭއީ ދިޔައީ ފުރަތަމަ މިނެޓުން ފެށިގެން ރާއްޖެ އަށް ބާރުބޮޑު ކުރަމުންނެވެ. ކޮންމެ ބޯޅައެއްގައި އޭނާ ދިޔައީ ކުރި އަރައި ރާއްޖޭގެ ޑިފެންސަށް ނުރައްކާ ކުރަމުންނެވެ. އިންޑިއާގެ ފުރަތަމަ ލަނޑަކީ ޑިފެންޑަރު މުހައްމަދު ރަފީ ކޯނަރަކުން ނެގި ހުރަހެއް ކެޕްޓަން ނަދެންދާ ބޮލުން ވައްދާލި ގޯލެކެވެ. އިންޑިއާގެ ދެ ވަނަ ގޯލް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކޯނަރަކުން ހުރަސްވި ބޯޅައަކުން ޖެހީ ރަފީ އެވެ.
އޭގެ ހަތަރު މިނެޓު ކުރިން ރާއްޖެ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓާ އެޓޭކެއްގައި ރާއްޖޭގެ އަހުމަދު ހުސާމް އަރައި އަރިމަތިން ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ އިންޑިއާ ޑިފެންޑަރަކު ބޭރުކޮށްލީ އެވެ. އެ ބޯޅައިން ލިބުނު ކޯނަރަކުގައި ރާއްޖޭގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) އޭރިއާ ތެރެއިން ނުރައްކާ ކުރަނިކޮށް އިންޑިއާ ޑިފެންޑަރެއްގެ ޓެކުލަކަށް ވެއްޓުނީ އެވެ. އޭނާ ޕެނަލްޓީއަކަށް އެޕީލްކުރި އެވެ.
ފުރަތަމަ ހާފުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުރީގައި އެއްގޮތަކަށް ވެސް ބޯޅަ ނުހިފެހެއްޓި ދިޔަ ނަމަވެސް ދެ ވަނަ ހާފުގައި ފެނުނީ ކުރިއަށް ވުރެ ރަނގަޅުކޮށެވެ. އެގޮތުން ޕާސް ޖަހައިގެން ހަމަލާ އުފެއްދޭތޯ މަސައްކަތްކުރި އެވެ. އެކަމަކު އިންޑިއާ އިން ވަނީ ފަހުކޮޅު ލިބުނު ދެ ފުރުސަތެއްގެ ބޭނުން ހިފައި ތަފާތު ބޮޑުކޮށްލައިފަ އެވެ.
އެ ޓީމުގެ ތިން ވަނަ ގޯލް 78 ވަނަ މިނެޓުގައި މަންވީރް ސިންގް ޖެހީ ރާއްޖޭގެ ގޯލްކީޕަރު ހަސަން އަލީފް ހިފި ބޯޅައެއް އަތުން ދޫވި ގަޑީގަ އެވެ. އޭގެ މިނެޓެއް ފަހުން ކީޕަރު ކުރިއަށް އެރި ވަގުތު ބޯޅަ ދޫވެ، އިންޑިއާގެ ކުޅުންތެރިޔަކަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ސީދާނުކުރެވުނެވެ. އިންޑިއާގެ ހަތަރު ވަނަ ގޯލް 81 ވަނަ މިނެޓުގައި ޖެހީ ނިންތޯއީ އެވެ. އިންޑިއާ ޓީމަށް 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ކުޅުނު ނިންތޯއީ މި ގޯލް ޖެހީ އޭރިއާ ބޭރުން ލިބުނު ބޯޅާއެއް ވޮލީއަކުން ގޯލަށް ވައްދާލައިގެންނެވެ.