27 ސެޕްޓެމްބަރ 2019 - 15:22

އެޕަލްގެ ޑިވައިސްތަކުން ތާނަ ލިޔަން އުނދަގުލުގައި އުޅޭތާ ކިތަންމެ ދުވަހަކެވެ. އެކަމަކު މި މަހު ރިލީޒްކުރި އައިއޯއެސް 13 އާ އެކު އައިފޯނުތަކުން މިހާރު ފަސޭހަކަމާ އެކު ތާނަ ލިޔަންވީ އެވެ.
މި މަހުގެ 19 ވަނަ ދުވަހު އާ އައިއޯއެސް ރިލީޒްކުރީ އަލަށް 38 ކީބޯޑް ލޭންގުއޭޖާ އެކީގަ އެވެ. މީގެ ތެރޭގައި ގިނައީ މަދު ބަޔަކު ބޭނުންކޮށް އުޅޭ ބަސްތަކެވެ. މީގެ ތެރޭގައި ދިވެހި ހިމެނެ އެވެ.
އެންމެ ފަހުގެ އައިއޯއެސް އަށް އަޕްޑޭޓްކޮށްލާށެވެ. ދެން ސެޓިން އަށް ގޮސް ޖެނެރަލް > ކީބޯޑް > ކީބޯޑްސް > އެޑް ނިއު ކީބޯޑް އިން ދިވެހި ނަގާނީ އެވެ.
ދިވެހިން ލިޔަންވުމުން، ކީބޯޑް ވާތްފަރާތު ތިރީ ކަނުން ފެންނަ "ދުނިޔެ" އަށް ފިތާލާށެވެ. އޭރުން އެޑްކޮށްފައި ހުރި ކީބޯޑްތަކުން ބޭނުން ބަހެއްގެ ކީބޯޑް ނެގޭނެ އެވެ.
އެހެންވެ، އައިފޯނު ކީބޯޑުން ތާނައިން ލިޔަން ބޭނުން ނަމަ، އެކި ފާޑުގެ އަމިއްލަ އެޕްލިކޭޝަންތައް އެޅުމުގެ ބަދަލުގައި މިހާރު ޖެހޭނީ ސެޓިން އަށް ގޮސް ދިވެހި ކީބޯޑް އެޑްކޮށްލާށެވެ. އޭރުން ތާނައިގެ އަކުރުތަކުން ކީބޯޑް ފެންނާނެ އެވެ.
އައިއޯއެސްގައި އާ ލޭންޖުއޭޖް ކީބޯޑެއް އެޑްކުރުމުން، ކޮންމެ އެޕެއްގައި ވެސް އެ ބަހަކުން ލިޔެވޭނެ އެވެ. ޗެޓްކުރަން ބޭނުންކުރާ އެޕްލިކޭޝަންތަކުގަ އާއި އިންޓަނެޓް ބްރައުޒާގައި ވެސް ހަމަ އެގޮތަށް ލިޔެވޭނެ އެވެ. ފޭސްބުކާއި މެސެންޖާ އާއި އެހެން ހުރިހާ އެއްޗެއްގައި ވެސް އެ މީހެއްގެ ބަހުން ލިޔަންވީ އެވެ.
އައިއޯއެސް 13 އާ އެކު ވަރަށް ގިނަ އާ ފީޗާތައް ވަނީ ގެނެސްފަ އެވެ. ވީޑިއޯ އެޑިޓްކުރުން، ފޮޓޯއެއް އެޑިޓްކުރުމާ އެއްވަރަށް ފަސޭހަކޮށްދީ އެތައް ކަމެއްގެ ސްޕީޑް ވަނީ އަވަސްކޮށްފަ އެވެ. ޑާކް މޯޑުގެ އިތުރުން މެޕަށް ވެސް އާ ކިތަންމެ ފީޗާއެއް ދީފައިވެ އެވެ.