ނުގަވައިދުން ދާން އުޅުނު ބަހަކަށް ހުރަސްއެޅި މީހަކަށް ތައުރީފު އޮހެނީ
ނުގަވައިދުން ދާން އުޅުނު ބަހަކަށް ހުރަސްއެޅި މީހަކަށް ތައުރީފު އޮހެނީ

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުވާނީ އެންމެން ވެސް ގާނޫނާއި ގަވައިދުތަކަށް އަމަލުކޮށްގެންނެވެ. އެހެން ނޫން ނަމަ އެއްވެސްގެ މީހަކަށް މަގުމަތީގައި ރައްކާތެރި ކަމެއް ނުލިބޭނެ އެވެ. ހާއްސަކޮށް، ދުއްވާ އެއްޗެހީގައި އުޅޭ މީހުން މިކަމަށް ވަކިން ބޮޑަށް ސަމާލުވުން މުހިއްމެވެ. ހާދިސާއެއް ހިނގާ ކޮންމެ ތަނެއްގައި، ކޮންމެ ދަނޑިވަޅު ޓްރެފިކް ފުލުހަކު ނުހުރެދާނެ އެވެ. އެކަމަކު އޭގެ މާނަ އަކީ ތިމާހުރިހާ ގޮތަކަށް މަގު ބޭނުން ކުރުމެއް ނޫނެވެ.

މިފަދަ ގޮތަކަށް އަމަލުކުރަން އުޅުނު ބަހަކަށް އިންޑިއާގެ ކެރެލާގެ އަންހެނަކު މި ވަނީ ރަނގަޅު ފިލާވަޅެއް ދީފަ އެވެ.

އޭނާ ސްކޫޓަރުގައި ދުއްވާފައި ދަނިކޮށް ކުރިމަތިން ފެންނަނީ ބަހެއް ނުގަވައިދު ފަޅި އަށް އަރައިގެން އަންނަ ތަނެވެ.

އެހެންވެ އަންހެން މީހާ ހެދި ގޮތަކީ ޖެހިލުންވުމެއް ނެތި، ބަހަށް ނުދެވޭ ގޮތަށް ސްކޫޓަރު ބަހުގެ ކުރިމައްޗަށް މަޑުކުރީ އެވެ. އަދި އޭނާ ވަނީ ނުގަވައިދު ފަޅިން ކުރިއަށްދާން ބަހަށް ފުރުސަތު ނުދީ ސްކޫޓަރު މަތީގައި މަޑުކޮށްގެން މިނިޓްތަކެއް ވަންދެން ހުރެފަ އެވެ.

އެހެންވެ ބަހަށް ޖެހުނީ ގަވައިދު ފަޅި އަށް އަރައިގެން ކުރިއަށްދާށެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑަށް ވައިރަވްވެފައިވާ އިރު، ވަރަށް ގިނަ ބަޔަކު ވަނި އަންހެން މީހާ ދެއްކި ހިތްވަރަށް ސާބަސްދީ ޓްވީޓްކޮށްފަ އެވެ. އަދި އޭނާއަކީ ވަރަށް ވެސް ޖެހިލުން ކުޑަ މީހެއް ކަމަށް ބުނެފައިވެ އެވެ. ބައެއް މީހުން ބުނިގޮތުގައި ބަސް ޑްރައިވަރަށް މިހާރު ހުންނާނީ ރަނގަޅު ފިލާވަޅެއް ލިބިފަ އެވެ.