27 ސެޕްޓެމްބަރ 2019 - 12:07

މިލާން (ސެޕްޓެމްބަރު 27) – ސެން ސީރޯގެ ބަދަލުގައި އޭސީ މިލާނާއި އިންޓަ މިލާނުން 1.34 ބިލިއަން ޑޮލަރުގެ އާ ސްޓޭޑިއަމް ޕްރޮޖެކްޓެއް އިއްޔެ އިއުލާންކޮށްފި އެވެ.

މިލާނަށް ނިސްބަތްވާ ވާދަވެރި ގުޅިގެން އަޅާ ސްޓޭޑިއަމް ހެދުމަށް ލިބިފައިވާ ޑިޒައިންތަކުގެ ޝޯޓްލިސްޓް ދެ ޑިޒައިން އިއްޔެ ވަނީ ދައްކާލައިފަ އެވެ. ގާތްގަނޑަށް 60،000 މީހުންގެ ޖާގައިގެ އާ ސްޓޭޑިއަމް ބިނާކުރާނީ ވަށައިގެން ވިޔަފާރި އާއި މުނިފޫހިފިލުވާނެ ވަސީލަތްތައް ހިމެނޭ ފެހިކަންގަދަ ޑިސްޓްރިކްޓެއް ހިމެނޭ ގޮތަކަށެވެ. އެއާ އެކު އަލަށް 3500 ވަޒީފާ އުފެދިގެންދާނެ އެވެ. ވިނަގަނޑާ ވީހާ ވެސް ކައިރީގައި ކުޅިބަލަން ތިބެވޭ ގޮތަށް، އަދި ކުރިއަށް ވުރެ އުސްކޮށް ހަދާ ސިޑިބަރިތައް އިންޓަ ކުޅޭއިރު ނޫކުލައިން އަދި މިލާން ކުޅޭއިރު ރަތްކުލައިން ދިއްލޭނެ އެވެ.

އެކަމަކު އާ ސްޓޭޑިއަމެއް އެޅުމަށް މިލާނުގެ ސިޓީ ކައުންސިލުން އެހާ ގަޔާނުވެ އެވެ. މޭޔާރު ޖިސެއްޕޭ ސަލާ ބޭނުންވަނީ ސެން ސީރޯ ސްޓޭޑިއަމް މަރާމާތުކޮށް 2026 ވަނަ އަހަރުގެ ވިންޓާ އޮލިމްޕިކްސްގެ ހުޅުމުގެ ރަސްމިއްޔާތު އެތަނުގައި ބާއްވައި ސްޓޭޑިއަމުގެ 100 އަހަރު ފުރުން ފާހަގަކުރާށެވެ.

ދެ ކްލަބުން ބުނި ގޮތުގައި 1926 ގައި ބިނާކޮށް ދެ ފަފަރެއްގެ މަތިން، މަތިމައްޗަށް ބިނާކޮށްފައިވާ އެ ސްޓޭޑިއަމް މަރާމާތުކުރާ ނަމަ 500 މިލިއަން ޔޫރޯގެ ހަރަދެއް ހިނގައި ސަޕޯޓަރުންގެ އަދަދު ވެސް މަދުކުރަން ޖެހޭނެ ކަމަށެވެ. އަދި މަރާމާތުކުރުމަށް ނަގާ ހަޔެއް އަހަރުގެ ތެރޭގައި، ކޮންމެ އަހަރަކު ބޮޑު އާމްދަނީއެއް ވެސް ގެއްލޭނެތީ ހުރިހާ ގޮތަކުން ވެސް ރަނގަޅު އާ ސްޓޭޑިއަމެއް އެޅުން ކަމަށް ދެ ކްލަބުން ދެކެ އެވެ.
"ސެން ސީރޯ އަކީ ދުނިޔޭގެ ފެންވަރުގެ މަގާމެއް އަދާކުރަން ބޭނުންވާ ބޮޑު ދެ ކްލަބަކަށް އެކަށީގެންވާ ސްޓޭޑިއަމެއް ނޫން މިހާރަކު. އަހަރެމެން ސެން ސީރޯ ދެކެ ލޯބިވޭ ވަރަށް ބޮޑަށް. އެކަމަކު މިއީ ބަދަލު ގެންނަންވީ ވަގުތު،" މިލާނުގެ ރައީސް ޕައޮލޯ ސްކަރޯނީ ވިދާޅުވި އެވެ.
ސްޓޭޑިއަމާ އެކު ކޮންމެ ކްލަބަކަށް އަހަރެއްގެ ތެރޭ އިތުރު 100 މިލިއަން ޔޫރޯގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. ޔޫރަޕުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިލާނާއި ތިން ފަހަރު ހޯދާފައިވާ އިންޓަ ފަހަކަށް އައިސް އަޑިއަޅާލީ ވެސް މާލީ ގޮތުން ޔޫރަޕުގެ ބޮޑު ކްލަބްތަކާ ވާދަކުރެވޭނެ ގޮތެއް ނެތުމުންނެވެ. އާ ސްޓޭޑިއަމެއް އަޅައި ލިބުނު އާމްދަނީ އަކީ އިޓަލީގައި މިހާރު ރަސްކަންކުރާ ޔުވެންޓަސްގެ ކާމިޔާބީގެ ވެސް އެއް ސިއްރެވެ.
އާ ސްޓޭޑިއަމެއް އަޅާނީތޯ ނުވަތަ ސެން ސީރޯ މަރާމާތުކުރާނީތޯ ނިންމާނީ ސިޓީ ކައުންސިލުންނެވެ. އޮކްޓޯބަރު 10 ގެ ކުރިން އެ ކައުންސިލުން އާނ ބަސް ދީފި ނަމަ މަސައްކަތް ފަށާއި އާ ސްޓޭޑިއަމް ތިން އަހަރު ތެރޭ ނިންމާލާނެ އެވެ. އެއަށް ފަހު ސެން ސީރޯ ތަޅާލާނެ އެވެ.
މިލާނުން 1926 އިން ފެށިގެން އަދި އިންޓަ އިން 1947 އިން ބޭނުންކުރަމުން އަންނަ 80،000 މީހުންގެ ޖާގައިގެ ސެން ސީރޯ ސްޓޭޑިއަމަކީ މިލާނުގެ މުނިސިޕަލްޓީގެ މިލްކެކެވެ. މީގެ 92 އަހަރު ކުރިން ބިނާކުރި ސެންސީރޯ އަކީ ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް ސްޓޭޑިއަމެވެ. އެ ސްޓޭޑިއަމުގައި 1934 އަދި 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ކުޅެފައިވާއިރު ޗެމްޕިއަންސް ލީގުގެ ފައިނަލް ހަތަރު ފަހަރު ވަނީ ބާއްވައިފަ އެވެ. އެއީ ޔޫރަޕުގައި ހުރި އެންމެ ރީތި އެއް ސްޓޭޑިއަމަށްވީ ނަމަވެސް 80 ހާސް މީހުންގެ ޖާގައިގެ މި ސްޓޭޑިއަމުގައި ޒަމާނީ ވަސީލަތްތަކެއް ނެތެވެ. ސްޓޭޑިއަމް ބާވުމުގެ ސަބަބުން، ވަންނަ ސަޕޯޓަރުންނަށް ވެސް އެންމެ ހިތްހަމަޖެހޭ މާހައުލެއް ނޯވެ އެވެ.