27 ސެޕްޓެމްބަރ 2019 - 07:12

އެ ފޮޓޯ ފެނުމުން އުމުރުން 10 އަހަރުގެ އަޒާން ފައިސަލް ވާން ޖެހޭނީ އުފަލެއް ނޫން ހެއްޔެވެ؟ އޭނާ އާއި އެކުވެރިން ތިމާވެށީގެ ހިމާޔަތަށް މިއަދު އުފުލާ އަޑުތައް މީގެ 31 އަހަރު ކުރިން އޭނާގެ ބައްޕަ މުހައްމަދު ފައިސަލް އުފުލާފައިވާތީ އެވެ. އެކަމަކު އޭގެ ބަދަލުގައި އަޒާނަށް އަހާލެވުނީ ބައްޕަމެން މި ހުރިހާ ދުވަހު ކުރީ ކީއް ހެއްޔެވެ؟

އެއީ ރަނގަޅު ސުވާލެކެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް 1982 ވަނަ އަހަރުގެ ސީ ލެވެލް ކޮންފަރެންސުގައި، ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އަޅުވާލެއްވި އައްޔަކާ އެކު، މި ކުޑަކުޑަ ޖަޒީރާ އިން އައީ އެ މައްސަލައިގައި އަޑުއުފުލަމުންނެވެ. މާލެ އަށް ބޮޑުރާޅުއެޅިތާ އަހަރެއްހާ ދުވަސް ފަހުން 1988 ވަނަ އަހަރު މާފަންނު ހިއްކިތަނުގައި، ތިމާވެށީގެ ހިމާޔަތުގައި ވަރުގަދަ އެއްވުމެއް ބޭއްވި އެވެ.

ދިވެހި ސަރުކާރުން އިސްނަގައިގެން ތިމާވެށީގެ ޖަމިއްޔާތަކާ ގުޅިގެން ސްކޫލް ދަރިވަރުން ވެސް ބައިވެރިކޮށްގެން ބޭއްވި އެ އެއްވުމަކީ ރާއްޖޭގައި އެހާތަނަށް ތިމާވެށީގެ ހައްގުގައި ބޭއްވި ފުރަތަމަ އަޑުއުފުލުމެވެ. ތިމާވެށީގެ ހިމާޔަތަށް ގޮވާލައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނަ "ގްލޯބަލް ކްލައިމެޓް ސްޓްރައިކް" ގައި މިއަދު ބައިވެރިވާން އަޒާން ތައްޔާރުވަނިކޮށް އޭނާ އަށް ފައިސަލް އިއްޔެ ދައްކާލީ 1988 ގެ އެއްވުމުގައި ބައިވެރިވެ އޭނާ ވާހަކަދައްކަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.
އޭރު މަޖީދިއްޔާ ސްކޫލުގެ ގްރޭޑް ނުވައެއްގެ ދަރިވަރު އެ އެއްވުމަށް ދިޔައީ އެއްގޮތަކަށް ވެސް ސްކޫލުގެ މަޖުބޫރުކަމަކުން ނޫނެވެ. ޕްރިފެކްޓުންގެ ހުދު ޔުނިފޯމުގައި ހުރެ އޭނާ އެ ދުވަހު ދިނީ އަމިއްލަ އަށް ތައްޔާރުކުރި ތަގުރީރެކެވެ. ތިމާވެށީގެ މައްސަލަތަކުގައި ދުނިޔޭގެ ފެންވަރުގައި މާބޮޑު ހޭލުންތެރިކަމެއް ދިވެހިންގެ އޭރު ނެތަސް ފައިސަލަކީ ލޮނުގަނޑު އުފުލޭ މައްސަލައިގައި އިންތިހާ އަށް ކަންބޮޑުވި ދަރިވަރެކެވެ.
އޭގެ 31 އަހަރު ފަހުން މިއަދުގެ ހަޅުތާލަށް ފައިސަލްގެ ދަރިފުޅު އަޒާން ދިޔައީ ވެސް އަމިއްލަ އަށެވެ. ދުނިޔޭގެ މަޝްހަރުގައި ހިނގާ ކަންކަމަށް ހުޅުވިފައިވާ ލޮލާ އެކު، ތިމާވެށީގެ މައްސަލަތަކާ މެދު އޭނާ ކަންބޮޑުވުމެވެ. ޖަނަވާރުންގެ ހައްގުތަކާ މެދު ވިސްނަ އެވެ. ފައިސަލް ބުނި ގޮތުގައި ދަރިފުޅު އެތަނަށް ފޮނުވަން ކޮންމެހެން މަސައްކަތެއް ނުކުރާ ކަމަށާއި އެއީ އޭނާގެ ޝައުގުވެރިކަމާ ގުޅިފައި އޮތް ކަމެއް ކަމަށެވެ.
"އެކަމަކު ދާން އުޅޭކަން އެނގުމުން އަޅުގަނޑު އެ ފޮޓޯ ހޯދައިގެން ދައްކާލިން. ފޮޓޯ ބަލާލާފައި ދަރިފުޅު ހައިރާންވި. ބުނީ ބައްޕަމެން ކީއްހޭ ކުރީ؟،" ފައިސަލް ބުންޏެވެ.
ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް ފަހެއްގައި ކިޔަވަމުން އަންނަ އެ ދަރިވަރުގެ ސުވާލުން ފައިސަލް މެންގެ ޖީލު ސަހަރޯވެރިވާން ޖެހޭ ހެއްޔެވެ؟ އެ ޖީލުން އޭރު ނެގި އެ މައްސަލަ އަށް ހައްލެއް ނައިސް މިއަދުގެ ޖީލުން ވެސް އެކަމާ ދެކޮޅަށް ނުކުންނަން ޖެހުނީތީވެ އެވެ.
"އަޅުގަނޑު ޕާސަނަލީ (ތިމާވެށީގެ ހިމާޔަތަށް) ވަރަށް ގިނަ މަސައްކަތްކުރަން. ޕްލާސްޓިކް ބޭނުމެއް ނުކުރަން. ބާޒާރަށް ދާއިރު ވެސް އަމިއްލަ ކޮތަޅެއް ގެންދަނީ،" ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގައި ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ ފައިސަލް ބުންޏެވެ.
ފައިސަލް ދެކޭ ގޮތުގައި ތިމާވެށީގެ ކަންކަން ހައްލުވާން އޮތީ ދުނިޔޭގެ މައްސަލަތައް އެޑްރެސްކުރުމާ އެކު ރާއްޖޭން ރާއްޖޭގައި ހުރި މައްސަލަތަކަށް ސަމާލުކަންދީ އެކަންކަމާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތްކޮށްގެން ކަމަށެވެ. ވިހަ ގޭސްތައް ޖަށްވަށް ދޫކުރުން މަދުކުރަން ރާއްޖެ އަށް ކުރެވޭނެ ކަމެއް ނެތަސް، ރާއްޖެ އަށް ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި ކަމަށް އޭނާ ބުންޏެވެ.
"ޕްލާސްޓިކުގެ މައްސަލަ އެހާ ބޮޑު. ހާބަރަށް ގޮސް ބަލާލީމާ އެނގޭނެ (މޫދުގައި) ޕްލާސްޓިކް އޮތް މިންވަރު. ތިލަފުށިން ކުނި އެންދުމަކީ ވެސް ހައްލުކުރަން ޖެހޭ ކަމެއް. މާލެ އެހާ ބައިބޯ، މިތަނުގެ ކުނި މެނޭޖްކުރެވޭނެ ގޮތެއް ހޯދަން ޖެހޭ. ރަށްރަށުގައި ވެސް ވޭސްޓް މެނޭޖްކުރުން ރަނގަޅުކުރަން ޖެހޭ. މިހާރު ދެކެވޭނީ މާލެ ސްޓައިލަށް ރަށްރަށް ޑިވެލޮޕްކުރާ ވާހަކަ. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫން. މިއީ އެޑްރެސްކުރަން ޖެހޭ މައްސަލަތައް،" ފައިސަލް ބުންޏެވެ.
ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި ގިނަ ބަޔަކު ބަލާ ޗައިނާގައި، ދިވެހި ސަފީރުގެ ގޮތުގައި މަސައްކަތްކުރި ފައިސަލަށް ވަނީ ބޮޑެތި ގައުމުތަކަށް ކުރެވިދާނެ ކަންކަން ވަރަށް ގާތުން ފެނިފަ އެވެ. ބިޔަ ސިޓީތަކުގެ ސާފުތާހިރުކަމާއި ވައިނުސާފުވުމުގެ މައްސަލައަށް ސްޓޭޓް ފެންވަރުގައި ޗައިނާ އިން ކުރި މަސައްކަތަށް އޭނާ އަލިއަޅުވާލި އެވެ.
"ނިއު ދިއްލީގެ ޖަށްވު ނުސާފު ވާހަކަ ވަރަށް ގިނައިން ދެކެވޭ. އެކަމަކު އަޅުގަނޑު 2014 ބެއިޖިން އަށް ދިޔައިރު ފިނި މޫސުމުގައި ޖަށްވުގެ ނުސާފުކަން ވަރަށް ބޮޑު. އެކަމަކު ހަތަރު އަހަރުގެ ތެރޭގައި ޗައިނާ އިން އެ މައްސަލަ ހައްލުކުރި. ޗައިނާ އިން އަންނަނީ ޕްރެކްޓިކަލީ މަސައްކަތްކޮށް އަދި ދުނިޔޭގެ ފެންވަރުގައި ލީޑާޝިޕް ދައްކަމުން،" ފައިސަލް ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި ޗައިނާގެ އެ މަސައްކަތަކީ ރާއްޖެ ފަދަ ކުދި ގައުމަތަކަށް ލިބޭ ހިތްހަމަޖެހުމެކެވެ. ހިތްވަރެއް ވެސް މެ އެވެ. ރާއްޖޭން ވެސް ކުރަންވީ ކަމަކީ ގައުމުގެ އެތެރޭގައި ހުރި އެފަދަ މައްސަލަތަކަށް އެޑްރެސްކޮށް ހައްލުކުރުން ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު 1988 ގައި ވެސް ވާހަކަދެއްކީ. މިއަދު ވެސް ވާހަކަދައްކަނީ. ހުސް ވާހަކަތަކެއް މިފެންނަނީ. އޭގެބަދަލުތައް ފެންނަންވީ އަމަލީ މަސައްކަތް. ޕްރެކްތިކަލީ ކަންތައްތަކެއް ފެނިގެން ބަދަލެއް ގެނެވޭނީ،" ފައިސަލް ބުންޏެވެ.
ކުރިމަގާ މެދު އުއްމީދެއް އެބައޮތެވެ. އެއީ މީގެ 31 އަހަރު ކުރިން ރަސްމީ ސިފައެއްގައި ބޭއްވި ރަމްޒީ އެއްވުމަކުން އުފުލި އަޑުތައް މިއަދު އުފުލަނީ ހަރަކާތްތެރިންގެ ފެންވަރުގައި ކަމަށް ވުމެވެ. ތިމާވެށި ހަލާކުކުރާތީ އަންނަ ރުޅި އާއި ދަރީންގެދަރީންނާ ހަމަޔަށް މި ރީތި މާހައުލު ފޯރުކޮށްނުދެވިދާނެތީ އުފެދިފައިވާ މާޔޫސްކަމުން އުފައްދާ ހަކަތައިން ކަމަށް ވުމެވެ. އެ އަޑުތައް އަހައި ބަދަލުތައް ގެނެވިއްޖެ ނަމަ ފައިސަލް މެންގެ ކާފަރީންނާ ހަމައިން މަންޒަރު ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.