ސްނެޕްޗެޓުން ދިމާވި މީހަކު ހޯދަން ކުޑަކުއްޖަކު 200 މޭލުގެ ދަތުރެއް ކޮށްފި
ސްނެޕްޗެޓުން ދިމާވި މީހަކު ހޯދަން ކުޑަކުއްޖަކު 200 މޭލުގެ ދަތުރެއް ކޮށްފި

އެމެރިކާގެ ކެރޮލީނާގައި 11 އަހަރުގެ ފިރިހެންކުއްޖަކު ސްނެޕްޗެޓުން ދިމާވި މީހަކާ ބައްދަލުކުރަން، އާއިލާގެ ކާރުގައި 200 މޭލުގެ ދަތުރެއް ކޮށްފި އެވެ.

މިކުއްޖާ ކާރުގައި އުޅެނިކޮށް ފެނުނީ ޓެކްސީކުރާ ކުންފުންޏެއްގެ ގަރާޖަކަށް މަޑުކޮށްގެން އޮވެ ޕޮލިހަށް ގުޅައި މަގު އޮޅިގެން އުޅޭކަން އެންގުމުންނެވެ.

މިކުއްޖާ ދަތުރު ފެށީ ޓެބްލެޓުން ޖީޕީއެސް ޖައްސައިގެންނެވެ. އޭނާ ގަސްތުކޮށްފައި ވަނީ ސްނެޕްޗެޓުން ބައްދަލުވި ފިރިހެނެއް ކައިރި އަށް ގޮސް އޭނާއާ އެކު ދިރިއުޅޭށެވެ.

ޕޮލިހުންނަށް އެކުއްޖާ ދިން މައުލޫމާތުން އެނގުނު ގޮތުގައި މަގު އޮޅެން މެދުވެރިވީ ސްނެޕްޗެޓުން 24 ގަޑިއިރު ތެރޭ ސްޓޯރީ ފޮހެލާތީ، އޭނާގެ ސްނެޕްޗެޓް އެކުވެރިޔާގެ ސްޓޯރީ ގެއްލުމުންނެވެ. އަދި ހަމަ މިއާއެކު އެކުއްޖާގެ އަތުގައި އޮތް ބައްޕަގެ ޓެބްލެޓްގެ ސިގްނަލް ވެސް ވަނީ ގެއްލިފަ އެވެ.

ޕޮލިހުން ކުއްޖާގެ ބައްޕަ އަށް ގުޅިއިރު ބައްޕަ އުޅެނީ ދަރިފުޅު ގެއްލިގެން އެކަން ރިޕޯޓްކުރާށެވެ.

ކުއްޖާ ބައްދަލުކުރަން އުޅުނު މީހާ ހޯދުމާ މެދު ނިންމި ގޮތެއް އަދި ނޭނގެ އެވެ. ނަމަވެސް ހެއްކެއްގެ ގޮތުގައި ޓެބްލެޓް ހިފަހައްޓާފައިވާކަން ޕޮލިހުން ހާމަކޮށްފައިވެ އެވެ. އަދި މިހާރު އެކުއްޖާ ވަނީ ބެލެނިވެރިންނާއި ހަވާލުކޮށްފަ އެވެ.