އީރާނަށް އަސްކަރީ ގޮތުން ރައްދު ދިނުމުގެ ފުރުސަތު އެބައޮތް: ސައުދީ
އީރާނަށް އަސްކަރީ ގޮތުން ރައްދު ދިނުމުގެ ފުރުސަތު އެބައޮތް: ސައުދީ

ރިޔާޒް (ސެޕްޓެމްބަރު 27) - ތެޔޮ އުފައްދާ ތަންތަނަށް ދިން ވައިގެ ހަމަލާގެ ބަދަލު ހިފުމަށް އަސްކަރީ ގޮތުން ރައްދު ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ސައުދީގެ މިނިސްޓަ އޮފް ސްޓޭޓް އާދިލް އަލް ޖުބައިރު ވިދާޅުވީ ހަނގުރާމައެއް ފެށުމަކީ ސައުދީ އަރަބިއާ އިން ބޭނުންވާ ގޮތް ނޫން ކަމަށާއި އެކަމަކު ޑްރޯން ހަމަލާއާ ގުޅިގެން އީރާން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ.

ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ދެ ތެޔޮ ޕްލާންޓަށް ޑްރޯން ހަމަލާ ދިނީ ޔަމަނުގެ ހޫތީން ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ. ނަމަވެސް ސައުދީ އާއި އެމެރިކާ އިން އެ ހަމަލާގެ ތުހުމަތު އަޅުވާފައި ވަނީ އީރާނުގެ ބޮލުގަ އެވެ. އީރާނުން ދަނީ އެކަން ދޮގު ކުރަމުންނެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީ އަށް ނިއު ޔޯކަށް ވަޑައިގެން ބީބީސީއާ ވާހަކަ ދައްކަވަމުން އަލް ޖުބައިރު ވިދާޅުވީ ޑްރޯން ހަމަލާ ދިން ނަމަވެސް ސައުދީން ބަލަނީ ހަނގުރާމައެއް ނުފެށިވޭތޯ ކަމަށެވެ.

"ސައުދީ އަށް ކުރެވިދާނެ ހުރިހާ ކަމަކަށް ބަލަމުން މިދަނީ. ރަނގަޅު ވަގުތުގައި ސައުދީން ގޮތެއް ނިންމާނެ،" އަލް ޖުބައިރު ވިދާޅުވި އެވެ.

ސައުދީން ބުނީ އަބްގައިގުގެ ތެޔޮ ޕްލާންޓަށް 18 ޑްރޯން ހަމަލާ ދިން ކަމަށެވެ. ޚުރައިސްގެ ތެޔޮ ޕްލާންޓަށް ހަތަރު ކްރޫޒް މިސައިލް ހަމަލާ ދިން އިރު އަބްގައިގަށް ފޮނުވާލި ތިން މިސައިލް އަމާޒަށް ވާސިލްވެފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. ޚުރައިސް އަށް ދިން ކްރޫޒް މިސައިލް އިން އެނގޭ ގޮތުގައި އެއީ ހޫތީންގެ ގާބިލްކަމަށް ވުރެ މާ މަތީ އެއްޗެއް ކަމަށް ވެސް ސައުދީން ބުނެ އެވެ.