27 ސެޕްޓެމްބަރ 2019 - 07:06

މިހާރު ޓެސްޓްކުރަމުން އަންނަ ސިނަޖެޓިކް އެއާ ބްރީތިން ރޮކެޓް އިންޖީނު (ސޭބަ) ގެ އެހީގައި، ކުރިއަށް އޮތް ތަނުގައި، މަތިންދާބޯޓްގައި އިނގިރޭސި ވިލާތުން އޮސްޓްރޭލިއާ އަށް ކުރާ ދަތުރުތައް އެންމެ ހަތަރު ގަޑިއިރަށް ކުރުކޮށްލެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ސްޕޭސް އެޖެންސީން އަންގާރަ ދުވަހު ބުނެފި އެވެ.
މިހާރު މި ދެ ގައުމުގެ ދެމެދުގައި ވައިގެ މަގުން ކުރާ ދަތުރަކަށް 22 ގަޑިއިރު ހޭދަވެ އެވެ.
އެތަނުން ބުނިގޮތުގައި އަމާޒަކީ 2030 ވަނަ އަހަރުން ފެށިގެން މަތިންދާބޯޓްތަކުގައި ސޭބަ އިންޖީނު ބޭނުންކުރަން ފެށުމެވެ. މި ދާއިރާ އިން ދެ ގައުމު ގުޅިގެން މަސައްކަތްތަކެއް ކުރުމަށް "ސްޕޭސް ބްރިޖް" ގެ ނަމުގައި މިހާރު ކުރިއަށްދާ ޔޫކޭ ސްޕޭސް ކޮންފަރެންސްގައި ޔޫކޭ ސްޕޭސް އެޖެންސީ އާއި އޮސްޓްރޭލިއަން ސްޕޭސް އެޖެންސީއާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއި ވެސްކޮށްފަ އެވެ.
ސޭބަ އިންޖީނުގެ ދުވެއްޔަށް ބަލާއިރު މި ހައިޕަސޮނިކް ދަތުރުތަކަކީ އަޑަށް ވުރެ ފަސްގުނަ ބާރަށް ދަތުރުކުރަން މަގުފަހިކޮށްދޭނެ އެއްޗެކެވެ. އަދި މިއީ ކޮންކޯޑަށް ވުރެ ދެގުނަ ދުވެލި ބާރު އެއްޗަކަށް ވާނެ އެވެ. އެހެންވެ އެ އިންޖީނު އެހީގައި މަތިންދާބޯޓްފަހަރުގައި އިނގިރޭސިވިލާތުގެ ލަންޑަނުން އެމެރިކާގެ ނިއު ޔޯކަށް ދާން ވެސް ނަގާނީ އެންމެ ގަޑިއެއްހާ އިރެވެ.
ސޭބަ އިންޖީނަކީ އިނގިރޭސިވިލާތުގެ ރިއެކްޝަން އިންޖީނު ލިމިޓެޑުން ތަރައްގީކުރާ ޓެކްނޮލޮޖީއެކެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ސަރުކާރުން ވެސް ފަންޑްކޮށްގެންނެވެ. މި މަޝްރޫއަށް އިނގިރޭސި ސަރުކާރުން 100 މިލިއަން ޕައުންޑް (130 މިލިއަން ޑޮލަރު) އިންވެސްޓްކޮށްފައިވެ އެވެ.
އިނގިރޭސީ ސްޕޭސް އެޖެންސީގެ ސީއީއޯ ޑރ. ގްރަހަމް ޓާނޮކް ވިދާޅުވި ގޮތުގައި ވައިގެ ދަތުރުތަކަށް ހޭދަވާ ވަގުތައް ކުޑަވުމަކީ އެތައް ގޮތަކުން ފައިދާކުރާނެ ކަމެކ،ެވެ. އެހެންވެ މިއީ ކުރިއަށް އޮތް ތަނުގައި ވައިގެ ހިދުމަތަށް ބޮޑު އިންގިލާބެއް ގެނުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ލަންޑަނުން ސިޑްނީ އަށް ހަތަރު ގަޑިއިރުގެ ދަތުރުތަކުން ދެވުމަކީ ހަމަ ވަރަށް ބޮޑު ކުރިއެރުމަކަށްވާނީ،" ގްރަހަމް ވިދާޅުވި އެވެ.
ރިއެކްޝަން އިންޖީނުގެ ޕްރޮގްރާމް ޑިރެކްޓަރު ޝޯން ޑްރިސްކޯލް ވިދާޅުވި ގޮތުގައި ސޭބަ އިންޖީނު ޓެކްނޮލޮޖީއަކީ އިންޖީނު ހޫނުވާ މިންވަރު ވަރަށް ބޮޑުތަނުން ދަށްކޮށްދޭ އެއްޗެކެވެ. އަދި ޓެކްނޮލޮޖީ ތަރައްގީކުރުމުގައި ވެސް އެންމެ ބޮޑަށް ބަލާފައިވާ އެއް ކަމަކީ އެއީ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ މިއީ ވައިގެ ތެރޭގައި އިންޖީނު ހޫނުވުމުގެ މައްސަލަ ކުރިމަތިވާނެ ކަމެއް ނޫން. ސޭބައަކީ ހަގީގަތުގައި ރޮކެޓް އިންޖީނަކާއި އެއިރޯ އިންޖީނެއް އެކުވީމާ އޭގެ ބަރުދަން ލުއިކޮށްދީ ޕްރޮޕަލްޝަން ވަރުގަދަކޮށްދޭނެ ނިޒާމެއް،" ޝޯން ވިދާޅުވި އެވެ.
ސޭބަ އިންޖީނު ޓްރައިލް މިހާރު ކޮލަރާޑޯ އާއި ޑެންވާގައި ކުރިއަށްދާ އިރު، ފްލައިޓްތަކުގައި ޓެސްޓްކުރަން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. އަދި ކޮމާޝަލް ފްލައިޓްތަކަށް މި ނިޒާމު ގެންނަން ނިންމާފައި ވަނީ 2030 ގަ އެވެ.