ޕޫލް ބޭނުންކުރަން ފަށައިފި، ފެތުންތެރިންނަށް ހިތްހަމަޖެހުމެއް
ޕޫލް ބޭނުންކުރަން ފަށައިފި، ފެތުންތެރިންނަށް ހިތްހަމަޖެހުމެއް

ހުޅުމާލޭގައި ކުރީ ސަރުކާރުން ހެދި އިންޑޯ ސްވިމިން ކޮމްޕްލެކްސްގައި އިއްޔެ ބޭނުންކުރަން ފެށުމާ އެކު ރާއްޖޭގެ ފެތުންތެރިންނަށް ރަސްމީ އުސޫލުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ޕޫލެއްގައި ތަމްރީން ހެދުމުގެ ފުރުސަތު ތަނަވަސްވެއްޖެ އެވެ.

ހުޅުމާލޭ ސިންތެޓިކް އެތުލެޓިކްސް ޓްރެކް ކައިރީގައި އެޗްޑީސީން ހެދި ކޮމްޕްލެކްސްގައި ފަސް ލޭނުގެ ޕޫލަކާއި ޗޭންޖިން ރޫމްތަކާއި ކުޅިބަލާ މީހުން ތިބޭނެ ގޮނޑިބަރިއެއް ވެސް ހުރެ އެވެ. އެކަމަކު މިތަން މުބާރާތް ބާއްވަން ބޭނުމެއް ނުކުރެވޭނެ އެވެ. އެއީ ވޯމްއަޕް ޕޫލެއް ނެތުމުންނާއި މިތަނުގައި އޮތީ ފަސް ލޭން ކަމަށް ވުމުންނެވެ. މުބާރާތްތަކުގެ ކޮންމެ ހީޓެއްގައި އަށް ފެތުންތެރިން ވާދަކުރާނެތީ ފަސް ލޭނަކުން ނުފުދޭނެ އެވެ.

ސްވިމިން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާރިފް ވިދާޅުވީ މިތަނުގައި ކުޑަކުދިންނަށް ހާއްސަ ކުދަކުދި މުބާރާތްތަކެއް ބޭއްވިދާނެ ކަމަށާއި އެކަމަކު މިތަން މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ތަމްރީންތަކަށް ކަމަށެވެ.

"ސްޕޯޓްސް މިނިސްޓްރީން ވަނީ އަޅުގަނޑުމެންނާ ހަވާލުކޮށްފައި. ތަން ބޭނުންކުރާނީ ތަމްރީންތަކަށް. އެއަށް ފަހު ދެން އޮންނަ ވަގުތުތަކުގައި އާއްމުންނަށް ބޭނުންކުރަން ވެސް ހުޅުވާލާނަން. އެކަމަކު އާއްމުންނަށް ހުޅުވާލާނީ އަދި ތަންކޮޅެއް ފަހުން ބައެއް އިންތިޒާމްތައް ހަމަޖެއްސުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.

އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އޮތުމަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ފެތުމުގެ މުބާރާތްތައް ބާއްވަން ފެށީއްސުރެ ފެތުންތެރިން ދެކެމުން އައި ހުވަފެނެކެވެ. ގައުމީ ސްވިމިން ޓީމުގެ ފަރިތަކުރުންތަކާއި އަދި މުބާރާތްތައް ވެސް ބާއްވަމުން އަންނަނީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގަ އެވެ. ލޮނުގައި ފަރިތަކުރުމަށް ފަހު ޕޫލުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރަން ޖެހުމުން އޭގެ ސަބަބުން ޕާފޯމަންސަށް އަސަރުކުރެ އެވެ. އެއަށް ވުރެ ބޮޑަށް ވެސް ފެތުންތެރިންގެ ޝަކުވާ އަކީ ކުނިބުންޏާއި ތެޔޮ އެޅި ކިލަނބުވެފައިވާ އަދި މާލޭގެ އާއްމުންނަށް ވެސް ބޭނުންކުރަން އޮންނަ ތަނެއްގައި ފަތައި މުބާރާތްތަކުގައި ވާދަކުރަން ޖެހުމެވެ. އަދި އެތަނުގައި މުބާރާތް ބާއްވާއިރު އިދާރީ ކަންކަމާއި އިނާމް ދިނުން ބާއްވަން ޖެހެނީ ރިންގްރޯޑުގެ ޕޭމަންޓްމަތީގަ އެވެ. ތަންކޮޅެއް ކުރިން ބައެއް ފެތުންތެރިން އަމިއްލަ ގޮތުން ހުޅުލޭ އައިލެންޑް ހޮޓަލުގެ ޕޫލް ތަމްރީންތައް ބޭނުންކުރި އެވެ.

ފެތުމަކީ ރާއްޖޭގައި މަތީ ފަންތީގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން އެކަށީގެންވާ ވަސީލަތެއް ނުލިބޭ ހަމައެކަނި ކުޅިވަރެވެ. މީގެ އިތުރުން ފަހަކަށް ރާއްޖޭގެ ފެތުންތެރިން ބައިނަލްއަގްވާމީ މައިދާނުގައި ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު، ރަނގަޅު ފެންވަރުގެ ވަސީލަތެއް އެ އެތުލީޓުންނަށް ފުރިހަމަކޮށްދޭން ކުޅިވަރުގެ ވަރަށް ގިނަ ފަރާތްތަކުން އައީ ގޮވާލަމުންނެވެ.

އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އެޅުމަކީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގެ ވައުދެކެވެ. ކުރެހުންތައް ކުރަހައި އެތައް ޕްލޭންތަކެއް ވަނީ އިއުކާންކޮށްފަ އެވެ. ޕޫލެއް އެޅުމުގެ މަސައްކަތް ފެށުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. އެކަމަށް 100 ދުވަހުގެ ތެރޭ ބިމެއް ހޯދި ނަމަވެސް، އެއީ އާބިޓްރޭޝާނުގައި އޮތް ބިމަކަށް ވާތީ ވަގުތީ ގޮތުން ހުއްޓާލި އެވެ. އެކަމަކު ފަހުން ވަނީ އާ ބިމެއް ހޯދައި މަސައްކަތް ފަށައިފަ އެވެ. އެތަން ހަދަނީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބޭނުންކުރުމަށާ އެއްކޮށް ވަރަށް މަތީ ފެންވަރުގަ އެވެ.