26 ސެޕްޓެމްބަރ 2019 - 14:00

ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ސަލާމަތްކުރަން ޕާލޭއާ ގުޅިގެން މަސައްކަތްކުރަން ސަރުކާރުން ނިންމައިފި އެވެ.
ޕްލާސްޓިކާ ދެކޮޅަށް ހަރަކާތްތެރިވާ މި ޖަމިއްޔާއާ ގުޅިގެން އެ މަސައްކަތްކުރަން ނިންމިކަން އިއުލާނުކުރީ އެމެރިކާގައި މިހާރު ކުރިއަށްދާ އދ. ގެ އާއްމު ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެކަމާ ގުޅުންހުރި އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައި ވެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން 2023 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭން ހުއްޓާލާނެ ކަމަށެވެ. އޭގެ އެއް ބޭނުމަކީ ކަނޑުތަކަށް އުކާލާ ކުނީގެ މައްސަލަ އަށް ހައްލެއް ހޯދައި ޕްލާސްޓިކް ނެތް ކަނޑުތަކެއް ގާއިމުކުރުން ކަމަށް ވިދާޅުވި އެވެ.
އެކަމަކީ އެންމެންގެ އެއްބާރުލުން ބޭނުންވާ އަދި ވަކިން ހާއްސަކޮށް ވިޔަފާރިތަކުގެ އެހީތެރިކަން ބޭނުންވާ ކަމަކަށް ވާތީ ތަކެތި ބަންދުކުރަން ތިމާވެއްޓާ ރައްޓެހިގޮތެއް ހޯދަން ވިޔަފާރިތަކަށް ރައީސް ގޮވާލައްވާފައި ވެ އެވެ. އަދި ޕްލާސްޓިކް މަދުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި އެކަމުގައި ޒިންމާދާރު ދައުރެއް އަދާކުރަން ބައިނަލްއަގުވާމީ މުޖުތަމައަށާއި ބޮޑެތި ވިޔަފާރި ކުންފުނިތަކަށް އިލްތިމާސް ކުރައްވާފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔެ އަށް ކުރިމަތިވެފައިވާ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލަ އަށް ހައްލެއް ހޯދަން ރާއްޖޭން ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކޮށް އެހެން ގައުމުތަކަށް މިސާލު ދެއްކުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށެވެ.
"ނަމަވެސް މިއީ ރާއްޖޭން އެކަނި ކުރާ މަސައްކަތުން ހައްލުކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލައެއް. ހާއްސަކޮށް ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަކީ ވަކި ގައުމަކަށް ހާއްސަ މައްސަލައެއް ނޫން. މިކަމަށް ބޭނުންވަނީ ހުރިހާ ގައުމުތަކަކުން ގުޅިގެން މަސައްކަތް ކުރުން،" ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.
ކަނޑުތައް ހިމާޔަތްކުރަން ޕާލޭއާ ގުޅިގެން މަސައްކަތްކުރަން ނިންމިއިރު، ރާއްޖޭގައި މިހާރު ވެސް ޕާލޭގެ ގޮތްޕެއް ހިންގަ އެވެ. އެ މީހުން އަންނަނީ ޕްލާސްޓިކް ފުޅި ހޮވައި އެ ރިސައިކަލްކުރަން ބޭރަށް ފޮނުވަމުންނެވެ. މިހާރު ވެސް ރާއްޖޭން ހޮވި ޕްލާސްޓިކް ރިސައިލްކޮށް ބަޔާން މިއުނިކްގެ ޖޯޒީ ހަދާފައި ވެ އެވެ.