22 ސެޕްޓެމްބަރ 2016 - 13:08

ދުނިޔޭގައި ބާއްވާ ޝެފުންގެ އެންމެ ބޮޑު މަހާސިންތާ، "ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2016" ގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ގެ ފަރާތުން ދިވެހި ޝެފުން ވެސް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މަހު 24-27 އަށް ގްރީސްގެ ތެސަލޮނިކީގައި އޮންނަ މި މަހާސިންތާގައި ރާއްޖެ އިން ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.
މި މަހާސިންތާގައި ރާއްޖެ ތަމްސީލްކުރުމަށް ހަމަޖެހިފައި ވަނީ ސީޖީއެމްގެ ފައުންޑަރު އަދި ރައީސާ މަރިޔަމް ނޫރައްދީނާއި ނައިބު ރައީސް، ޝެފް އިސްހާގު ސޯލިހެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި މަހާސިންތާ އަށް ރާއްޖެ އަށް ފުރުސަތު ލިބިފައި ވަނީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ވެކްސް) ގެ މެމްބަރުކަން ސީޖީއެމް އަށް ލިބުމާ ގުޅިގެން ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
މީގެ ދެ އަހަރު ކުރިން އުފެއްދި ސީއެމްޖީ އަށް ވެކްސްގެ މެމްބަރުކަން ލިިބިފައި ވަނީ، އެއީ ރާއްޖޭގެ އެފަދަ ހަމައެކަނި ޖަމިއްޔާ އަށް ވެފައި، މި އަހަރާއި މިދިޔަ އަހަރު ބޭއްވި ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްގެ ކެއްކުމުގެ މުބާރާތް ކާމިޔާބު ކަމާ އެކީ ބާއްވާފައިވާތީ އެވެ. އެ މުބާރާތަކީ ވެކްސްގެ ފަރާތުން އެންޑޯޒްކޮށްގެން ބާއްވާ މުބާރާތެކެވެ.
ސީއެމްޖީ ވުޖޫދަށް އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޖަމިއްޔާ އިން ވަނީ ދެ އިވެންޓެއްގައި ރާއްޖެ ތަމްސީލު ކޮށްފަ އެވެ. އެގޮތުން، މި އަހަރު އޭޕްރިލްގައި ސިންގަޕޫރުގައި އޮތް ފުޑް އޭޝިއާ 2016 އާއި އެފްއެޗްއޭ ކަލިނަރީ ޗެލެންޖުގައި އެ ޖަމިއްޔާ އިން ރާއްޖެ ތަމްސީލުކޮށްފައިވެ އެވެ.
އެ އިވެންޓުތަކުގައި ސީޖީއެމްގެ ފަރާތުން ބައިވެރިވި ދިވެހި ޓީމުން ވަނީ ދެ މެޑަލް ވެސް ހޯދައިފަ އެވެ.
މި ބޮޑު މަހާސިންތާގައި އެކި ގައުމުތަކުން 800 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އެވެ. ކެއްކުމުގެ ދާއިރާއާ ގުޅުން ހުރި އެކި ކަންކަމާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށް އެކި ކަހަލަ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ އިރު އެ ދާއިރާގައި ސޯޝަލް މީޑިއާގެ ބާރާއި ނުފޫޒު އޮތް މިންވަރާ މެދު ބައިވެރިންގެ މެދުގައި ބަހުސް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.