އިންޓަ އަށް ފަސް މެޗުން ފަސް މޮޅު
އިންޓަ އަށް ފަސް މެޗުން ފަސް މޮޅު

މިލާން (ސެޕްޓެމްބަރު 26) – ލާޒިއޯ 1-0 އިން ބަލިކޮށް އިންޓަ މިލާނުން ފުރަތަމަ ފަސް މެޗުން ފަސް މޮޅު ހޯދައި އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.

އެ ޓީމު 15 ޕޮއިންޓް ހަމަކޮށް ކުރީގައި އޮތްއިރު އެންމެ ގާތުގައި އޮތީ 13 ޕޮއިންޓާ އެކު، މިދިޔަ އަށް އަހަރު ޗެމްޕިއަންކަން ހޯދި ޔުވެންޓަސް އެވެ. ތާވަލުގެ ތިން ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ ރޭ ރޯމާ އަތުން 2-0 އިން މޮޅުވި އެޓަލާންޓާ އެވެ. ތާވަލުގެ ތިން ވަނަ އަށް އަރަން ނަޕޯލީ އަށް ލިބުނު ފުރުސަތު ގެއްލުނީ ރޭ ކަލިއާރީ އަތުން އަމިއްލަ ދަނޑުގައި 1-0 އިން ބަލިވުމުންނެވެ. މިދިޔަ ތިން އަހަރު ލީގަށް އެންމެ ބޮޑަށް ވާދަކުރި ޓީމު އޮތީ ނުވަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ސެން ސީރޯގައި ލާޒިއޯއާ ދެކޮޅަށް އިންޓަ ކުޅުނު މެޗުގައި ހަމައެކަނި ގޯލް 23 ވަނަ މިނެޓުގައި ޖެހީ ޑެނީލޯ ޑި އެމްބްރޯސިއޯ އެވެ. މި މެޗުގައި ލާޒިއޯ އިން ނުރައްކާތެރި ގިނަ ބޯޅަތަކެއް ފޮނުވާލި އެވެ. ސަލާމަތްކުރީ ރޭ އިންޓަ އަށް 300 ވަނަ މެޗު ކުޅެދިން ސްލޮވީނިއާ ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗެވެ.

ޔުވެންޓަސް އަށް އިޓާލިއަން ލީގު އަދި ޗެލްސީ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ އެންޓޯނިއޯ ކޮންޓޭ ހަވާލުވެ އިންޓަ މުޅިން ބަދަލުކޮށްލާފައިވާއިރު، ތަޖުރިބާކާރުން ދެކޭ ގޮތުގައި އެ ޓީމަށް ޔުވެންޓަސް ފަހަތަށް ޖައްސާލައި ތަށި ހޯދުމުގެ ފުރުސަތު ބޮޑެވެ. މި ސީޒަނުގައި އެ ޓީމު މިހާތަނަށް މޮޅެއް ނުލިބުނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސްލާވިއާ ޕްރާހާ މެޗުންނެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ދެން އޮތީ އަންނަ އަންނަ ބުދަ ދުވަހުގެރޭ ބާސެލޯނާއާ ދެކޮޅަށް ކޭމްޕް ނޯގައި ކުޅޭ މެޗެވެ.