26 ސެޕްޓެމްބަރ 2019 - 10:45

އދ. ގެ އާއްމު މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވެ ތަގްރީރު ކުރެއްވުމަކީ ނަފްރަތާއި ބަދަލު ހިއްޕެވުމުގެ ރޫހު މި ސަރުކާރުގައި އޮތް މިންވަރު ހާމަވާ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނީ ވަރަށް ހަމަނުޖެހޭ ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް ތަގްރީރު ކުރައްވަމުން ބަހުގެ ހޫނު ހަމަލަތަކެއް ޔާމީންގެ ސަރުކާރަށް އަމާޒުކުރެއްވި އެވެ. އެ ސަރުކާރުގައި "ޝަރުއީ ނިޒާމު ހިސާރުކޮށް" މަޖިލިހުގައި ތަޅު އަޅުވައި، ނޫސްވެރިންގެ އަނގަ ބަންދުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކަށް ބިރު ދައްކައި، އިދިކޮޅު ލީޑަރުންނަށް ޖަލު ނޫނީ ބޭރު ގައުމަކުން ހިމާޔަތް ހޯދަން ޖެހުނު. ބައިނަލްއަގުވާމީ މުޖުތަމައު އިން އެކަމާ ދެކޮޅަށް އަޑު އުފުލި. އެކަމަކު، އެ ހުރިހާ ގޮވާލުންތަކަށް އެ ސަރުކާރުން ދިނީ ފުރަގަސް،" ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތީ ދުނިޔޭގެ ގައުމުތަކާ އެކަހެރިވުމަށް ކަން އިޝާރާތް ކުރައްވައި ރައީސް ވިދާޅުވެފައި ވެ އެވެ.
ރައީސްއާ އެކު ނިއުޔޯކްގައި މިވަގުތު ހުންނެވި އަލީ ޒާހިރު "މިހާރު" އަށް ވިދާޅުވީ ރައީސްގެ ތަގްރީރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަނީ "ހަމަޖެހޭ" ވާހަކަތަކެއް ނޫން ކަމަށެވެ. ރައީސްގެ ތަގްރީރުގައި ހާމަކުރެއްވީ އޭރުގައި ކަންކަން ހިނގަމުން ދިޔަ ގޮތުގެ ހަގީގަތް ކަމަށް އޭނާ ވިދާޅުވި އެވެ. ކުރީގެ ސަރުކާރުގެ އަމަލުތަކަކީ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އދ. ގެ މެމްބަރު އެތައް ގައުމަކަށް ފެންނަން އޮތް އޭރުގެ ހާލަތު. އދ. ގެ ކަންބޮޑުވުން ވެސް އޮތް. ސިޔާސީ ޕާޓީތަކާއި އޭރުގެ ސަރުކާރާ ވާހަކަ ދެކެވުނީ ރައީސް ވިދާޅުވި ކަންކަން ހުރުމުން. އެއީކީ އެއްވެސް މީހަކަށް އޮޅިފައިވާ ކަންތައްތަކެއް ނޫން. މުޅި ރާއްޖެ އާއި ދުނިޔެ ދެކެމުން އައި ހަގީގަތް އެއީ،" ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ އަލީ ޒާހިރު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅާ ގުޅިގެން އިދިކޮޅު އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވުމަކީ ނަފްރަތާއި ބަދަލު ހިއްޕެވުމުގެ ރޫހު މި ސަރުކާރުގައި އޮތް މިންވަރު ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައީސްގެ ވާހަކަފުޅުން އެނގުނީ ގައުމިއްޔަތެއް، އުއްމީދެއް ވެސް ސަރުކާރުގެ ނެތް ކަމެވެ.
އެކަމަކު، އަލީ ޒާހިރު ވިދާޅުވީ ރައީސްގެ ތަގްރީރުގެ ފުރިހަމަ ކަން އދ. ގެ އާންމު މަޖިލިހުގައި ބައިވެރިވެވަޑައިގެންނެވި ދުނިޔޭގެ ގިނަ ވެރިން ފާހަގަ ކުރައްވައި ތައުރީފް ކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ވާހަކަފުޅު ބަޔާން ކުރެއްވީ އެއްވެސް ޖެހިލުމެއް ނެތި އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ވާހަކަފުޅުގައި އިސްކަން ދެއްވި އެއް ނަމަކީ ވެސް ރާއްޖެ އެވެ. އެއީ ޑިމޮކްރަޓިކް އުސޫލުތައް ހަރުދަނާވަމުން އަންނަ މިސާލެއްގެ ގޮތުގައި ވިދާޅުވި އެވެ.
ވެރިކަމުގައި ހުންނަވައި ރާއްޖޭގެ ރައީސަކު އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ނުކުރައްވާ ހަތް އަހަރު ފަހުން ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި އިޒްރޭލާ ދެކޮޅަށް އަދި ފަލަސްތީން ރައްޔިތުންނާ އެއްކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ.
އެންމެ ފަހުން އދ. ގައި ތަގުރީރު ކުރައްވާފައިވާ ރާއްޖޭގެ ރައީސަކީ ޑރ. މުހައްމަދު ވަހީދެވެ. ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނުގެ ބަދަލުގައި ވަހީދު ވަނީ އދ. ގައި ތަގުރީރު ކުރައްވައިފަ އެވެ. ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވިއިރު ވެސް ތަގުރީރު ކުރެއްވުމަށް އދ. އަށް ވަޑައެއް ނުގަންނަވަ އެވެ.
އަލީ ޒާހިރު ވިދާޅުވީ އދ. ގެ އާންމު މަޖިލިހަކީ ގައުމުތަކުގެ އެންމެ އިސް ވެރިން ތަމްސީލް ކުރައްވާ އަދި ދުނިޔޭގައި ހިނގާ އެންމެ ބޮޑު ބައްދަލުވުން ކަމަށްވީ އިރު، އެ ބައްދަލުވުންތަކުގައި ގައުމުތަކުގެ ވެރިން ފިޔަވައި އެހެން ބޭފުޅުން ބައިވެރިވެވަޑައިގަތުމަކީ އެ ގައުމެއްގެ ބަލިކަށިކަން ހާމަވާނެ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބައްދަލުވުން ބިނާވެފައި އޮތީ ވެރިން ތަގްރީރު ކުރެއްވުމަށް އެކަންޏެއް ނޫނެވެ. އެއާ ގުޅިގެން އެކިއެކި ބައްދަލުވުންތަކާއި ކޮންފަރެންސްތައް އޮންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ރައީސްގެ ދަތުރުފުޅުގައި ތަފާތު އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވާ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވި. އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވި. މިއިން ކޮންމެ ތަނަކީ އެތައް ގައުމެއްގެ ވެރިންނާ ބައްދަލުކޮށް، ވާހަކަ ދައްކައި ހުރި ކަންބޮޑުވުންތަކާއި ހައްލުތައް ހޯދުމަށް އެންމެ މަތީ ލެވެލްގައި މަޝްވަރާ ކުރަން ލިބޭ ފޯރަމެއް،" އަލީ ޒާހިރު ވިދާޅުވި އެވެ.