26 ސެޕްޓެމްބަރ 2019 - 10:51

ގއ. މާމުޓާގައި ތަރައްގީ ކުރި ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓު އިއްޔެ ހުޅުވައިފި އެވެ.

މިއީ، އެކޯ ހޮޓެލްސް އިން ގއ. ގައި ތަރައްގީ ކުރި ދެވަނަ ރިސޯޓެވެ. ގއ. ކޫއްޑޫގައި ތަރައްގީ ކޮށްފައިވާ މާކިޔޯ މޯލްޑިވްސް އަކީ ވެސް އެ ކުންފުނީގެ ރިސޯޓެކެވެ.

މާމުޓާ ރިސޯޓުގައި 122 ވިލާ ހުންނައިރު އޭގެ ތެރެއިން ދެ ވިލާ ހާއްސަ ކޮށްފައި ވަނީ މޫދު އަޑީގެ ކޮޓަރި ތަކަށެވެ. މިއީ ރާއްޖޭގައި މިފަދަ ވިލާތައް ހުޅުވި ދެވަނަ ރިސޯޓެވެ. ރާއްޖޭގެ ފުރަތަމަ މޫދު އަޑީގެ ކޮޓަރިތައް ހުޅުވީ ކޮންރެޑް މޯލްޑިވްސް އިންނެވެ.

މި ވިލާތަކަކުގެ އިތުރުން މާމުޓާގައި ދެން އެންމެ ފާހަގަކޮށްލެވެނީ ރޯޔަލް ވިލާ އެވެ. "ރިސޯޓުގެ ތެރޭގައި ރިސޯޓެއް" ގޮތަށް ސިފަކޮށްފައިވާ މި ވިލާ އަކީ އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަކޮށްފައިވާ ވިލާއެކެވެ. މި ވިލާގައި ފުރިހަމަ ޕްރައިވެސީއާ އެކު 24 ގަޑިއިރު ރޫމް ސާވިސް ލިބޭނެ އެވެ.
މާމުޓާ ރިސޯޓަކީ ރާއްޖޭގެ އެހެން ރިސޯޓުތަކާ ތަފާތު ރިސޯޓެކެވެ. އެގޮތުން މި ރިސޯޓުގެ މެދު ތެރެއިން ގުދުރަތީ ފެންގަނޑެއް އުފެދިފައިވާއިރު އެކޯ ހޮޓެލްސް އިން ވަނީ ޓޫރިސްޓުންނަށް ފެންގަނޑު ބަލާލެވޭނެހެން ބްރިޖެއް ހަދާފަ އެވެ.
މާމުޓާ ރިސޯޓުގައި ތަފާތު އެކި ކުޒީންތަކަށް ހާއްސަ ހަ ރެސްޓޯރެންޓު ހުރެ އެވެ. އަދި ކުޑަކުދިން ވަގުތު ހޭދަކޮށްލުމަށް ސްޕޯޓްސް ސެންޓަރެއް ވެސް ވަނީ ހަދައިފަ އެވެ. މި ސެންޓަރުން ކުޑަކުދިންނަށް ކުޅިވަރުގެ އިތުރުން ތަފާތު އެކި ކަންތައްތަކާ ގުޅެ މައުލޫމާތު ވެސް ލިބެން ހުންނާނެ އެވެ.
ކަސްރަތު ކުރާ މީހުންނަށް ވެސް މި ރިސޯޓުން ތަފާތު ހިދުމަތްތައް ލިބޭނެ އެވެ. އެގޮތުން، ދުވާ ޓްރެކެއް މި ރިސޯޓުގައި ހަދާފައިވާއިރު ކަސްރަތު ކުރުމަށް "ރާވެރިޔާ" ގެ ނަމުގައި ބޫޓް ކޭމްޕެއް ވެސް ކުރިއަށް ގެންދެ އެވެ.
މީގެ އިތުރުން މި ރިސޯޓުގައި ސްޕާއަކާއި ޑައިވް ސެންޓަރެއް ވެސް ހުރެ އެވެ. ރިސޯޓަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް ރިސޯޓުގެ ވަށައިގެން 26 ސަރަހައްދެއްގައި ޑައިވް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. މި ޑައިވް ޕޮއިންޓުތަކުން ތަފާތު އެކި ބާވަތްތަކުގެ ވެލަ އާއި މިޔަރާއި މުރަކަ ފެންނާނެ ކަމަށް އެ މާމުޓާ ރިސޯޓުން ބުނެ އެވެ.