ކޮމަލިކާގެ ރޯލު ދިނީ އާމްނާ އަށް
ކޮމަލިކާގެ ރޯލު ދިނީ އާމްނާ އަށް

ސްޓާ ޕްލަސް އިން ދައްކާތާ މިހާރު އަހަރެއް ވެފައިވާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޮމަލިކާގެ ރޯލް ދެން ކުޅޭނީ ޖޭސްމިން ބާސިން ކަމަށް މީޑިއާތަކުން ދާދި ފަހުން ބުނި ނަމަވެސް، އެ ރޯލަށް އާމްނާ ޝަރީފް ސޮއިކޮށްފައިވާކަން ކަށަވަރުކޮށް ދީފި އެވެ.

އާމްނާ އަކީ "ކަސޯޓީ" ގެ ވެސް ޕްރޮޑިއުސަރު އެކްތާ ކަޕޫރް މީގެ އަހަރުތަކެއް ކުރިން ގެނެސްދިން ކާމިޔާބު ސިލްސިލާ "ކަހީ ތޯ ހޯގާ" ގައި ކަޝިޝްގެ ރޯލް ކުޅެގެން މަޝްހޫރުވި ބަތަލާ އެވެ.

"ކަސޯޓީ" ގެ ނެގަޓިވް ކެރެކްޓާ ކޮމަލިކާގެ ރޯލަށް ސޮއިކުރިކަން އާމްނާ ވަނީ ޓަައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ވެސް ޔަގީންކޮށް ދީފަ އެވެ. އޭނާ ބުނީ އެ ރޯލަށް އެއްބަސްވީ ތަފާތު ކެރެކްޓާއެއް ކުޅެލަން ބޭނުންވާތީ ކަމަށެވެ.

"އެ ރޯލަކީ ހަގީގަތުގައި އަހަރެންގެ ލައިފް ވެސް އަލުން ބައްޓަންކުރަން ލިބޭނެ ފުރުސަތަކަށްވާނެ. އަދި އަހަންނަކީ އަބަދުވެސް ތަފާތު ކެރެކްޓާތައް ކުޅެން ލޯބި ވެސް ކުރާ މީހެއް. ކުރިން ކުޅުނު ކަހަލަ ލޯބީގެ ރޯލެއް ކުޅުމަކީ ހަމަ ފަސޭހަކަމަކަށް ވެދާނެ،" އާމްނާ ބުންޏެވެ. "އެކަމަކު ބޭނުންވޭ ބެލުންތެރިން ސަޕްރައިޒްވާ ކަހަލަ ކެރެކްޓާއެއް ކުޅެލަން. ކޮމަލިކާ އަކީ އެކަހަލަ ރޯލެއް."

އޭނާ ބުނިގޮތުގައި އެ ރޯލް ވާނީ މިހާތަނަށް އެކްޓަރެއްގެ ގޮތުގައި ކުރިމަތިލާ އެންމެ ބޮޑު ޗެލެންޖަށެވެ. އަދި ކޮމަލިކާގެ ރޯލް ކުޅުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ބުންޏެވެ.

"އެ ރޯލް އަހަންނަށް އޮފާކުރި ހިސާބުން ވެސް ގަބޫލުކުރިން މިއީ ޗެލެންޖަކަށް ނަގަން ހަމަ ވަރުގަދަ ރޯލެކޭ،" އާމްނާ ބުންޏެވެ. "ވަރަށް އުފަލުން މިހާރު މިހުރީ."

"ކަހީ ތޯ ހޯގާ" އިން ލިބުނު މަޝްހޫރުކަމާ އެކު، އާމްނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި އާއޯ ވިޝް ކަރޯ (2009)، އަލޫ ޗާޓް (2009) އަދި އޭކް ވިލަން (2014) ހިމެނެ އެވެ. އަންނަ އަހަރު ރިލީޒްކުރާ ޖާންވީ ކަޕޫރްގެ ހޮރޯ-ކޮމެޑީ "ރޫހީ އަފްޒާ" ގެ ރޯލަކުން ވެސް އާމްނާ ފެންނާނެ އެވެ.

މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސްދޭ "ކަސޯޓީ" ގެ އާ ސީޒަންގައި ކުރިން ކޮމަލިކާގެ ރޯލް ކުޅުނީ ހީނާ ޚާނެވެ. ނަމަވެސް ފިލްމުތަކުން ފުރުސަތު ލިބެން ފެށުމުން އޭނާ ވަނީ އެ ރޯލް ދޫކޮށްލައިފަ އެވެ.

ކޮމަލިކާގެ ރޯލް ޖޭސްމިން އަށް ހުށަހަޅާފައިވާ ކަމަށް އަޑުއަރާފައި ވަނިކޮށް، އެ ރޯލަށް ގޯހަރް ޚާން ގެންނަން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިދިޔަ ހަފުތާގައި މީޑިއާތަކުން ބުނެފައިވެ އެވެ. ނަމަވެސް އޭނާ ވަނީ އެ ރޯލަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފަ އެވެ.

އާމްނާ "ކަސޯޓީ" އަށް ސޮއިކޮށްފައިވާތީ އެކްތާ ކުރި ޓްވީޓެއްގައި ވަނީ މާ ލަސްތަކެއް ނުވެ އާ ކޮލަމިކާ ދައްކައިލާނެ ކަމަށް ބުނެފަ އެވެ.

މި ސިލްސިލާގެ މުހިއްމު ރޯލްތައް ކުޅެނީ އެރިކާ (ޕްރޭނާ) ފެނަންޑޭޒް އާއި ޕާތު (އަނޫރާގް) ސަމްތާންގެ އިތުރުން ކަރަން (ބަޖާޖް) ސިންގް ގްރޯވާ އެވެ.