26 ސެޕްޓެމްބަރ 2019 - 10:04

އދ. ފަދަ ބޮޑެތި ޖަމާއަތްތަކުގެ ޕޯޑިއަމްތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެތައް ފަހަރަކު ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނަށް ފަހު މިހާރު އެ ފުރުސަތު ރާއްޖޭގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ލިބިވަޑައިގެންފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އދ.ގެ އާންމު މަޖިލިހުގެ 74 ވަނަ ޖަލްސާގައި އިއްޔެ ރޭ ރައީސް ވާހަކަފުޅު ދެއްކެވުމަކީ ނަޝީދަށް ލިބިވަޑައިގަތް ވަރަށް ބޮޑު އުފާފުޅެކެވެ.

"ޒަމާންތަކަކަށް ފަހު ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ އދ. ގެ އާންމު މަޖިލިހުގައި ތަގްރީރު ކުރެއްވި ކަމީ އަޅުގަނޑުމެން ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" އަމިއްލަ ދަތުރުފުޅެއްގައި މި ވަގުތު އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނެވި ނަޝީދު "މިހާރު" އަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސްގެ ވާހަކަފުޅުގައި ދުނިޔެއަށާއި ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތައް ފާހަގަކުރެއްވި ކަމަށެވެ.
ހާއްސަ ގޮތެއްގައި ޑިމޮކްރަސީ އާއި އިންސާފާއި ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ އަނިޔާވެރި އަމަލުތަކުގެ ވާހަކަތައް ދެއްކެވުމުން، އެކަން މިހާރު ރައްޔިތުންގެ މަޖިލިިހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު ވަކިން ފާހަގަކުރެއްވި އެވެ. ތިމާވެށީގެ މައްސަލަތަކަށް، އެ ތަގުރީރުން ޖާގަ ދެއްވުމަކީ ނަޝީދަށް ރައީސްގެ ވާހަކަފުޅު ހާއްސަވި އެއް ސަބަބެވެ.
"އަޅުގަނޑަށް ފެނުނީ ރައީސްގެ ތަގްރީރު ވަރަށް ފުރިހަމަ ކަމަށް. ކޮންޓެންޓް ވެސް އަދި ޑެލިވަރީ ވެސް. އަމިއްލަ ގޮތުން ދަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލިހުގައި ތަގްރީރު ކުރައްވާތަން ފެނުމަކީ ލިބުނު ވަރަށް ބޮޑު ފަހުރުވެރި ކަމެކޭ،" ނަޝީދު ވިދާޅުވި އެވެ.
މިއީ، އދ. ގެ އާންމު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަގްރީރު ކުރެއްވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު އެ ޖަލްސާގައި ތަގްރީރު ކުރެއްވީ އެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަގުރީރު ނުކުރައްވާތާ ހަތް އަހަރަށް ފަހުގަ އެވެ. ރައީސް ތަގްރީރު ކުރެއްވީ ހަ ވަނަ އަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ތުރުކީގެ ރައީސް ތޮއްޔިބް އުރުދުގާން ފަދަ ވެރިންގެ ފަހުންނެވެ.
މިއީ އދ. ގެ އާންމު ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސް ބުނުމަށް ރާއްޖެ އަށް ލިބުނު ފުރުސަތު ފުރަތަމަ ފަހަރު ވެސް މެ އެވެ.
މިދިޔަ އަންގާރަ ދުވަހު މުޅި ދުނިޔެ ބަލަމުން ދިޔަ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެ ޑިމޮކްރަސީއަށްޓަކައި ކުރި ދަތުރު ނޮވެމްބަރު 2008 ގައި ފެށިތާ ދުވަސްތަކެއް ފަހުން، އެ ދަތުރު މަޑު ޖެހުނު ކަމަށެވެ. ރާއްޖެ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން ޑިމޮކްރަސީ އިޔާދަވުމުގެ މަގަށް ދަތުރު ފަށާފައިވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.