25 ސެޕްޓެމްބަރ 2019 - 16:32

ބިދޭސީ މަސައްކަތްތެރިން ގެންނަން ވަގު ލިޔުންތަކެއް ހުށަހެޅި ކުންފުނިތަކެއްގެ މައުލޫމާތު އާއްމުކޮށް އެ މައްސަލަ ތަހުގީގުކުރަން ޕޮލިހަށް ހުށަހަޅައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ބިދޭސީން ގެންނަން ކޯޓާ އަށް އެދޭއިރު ސައްހަ ނޫން ލިޔުންތައް ހުށަހަޅާކަން ފާހަގަކުރެވޭ ކަމަށެވެ. އެފަދަ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅަމުން އަންނަ ކަމަށް ބުންޏެވެ.
ވަގު ލިޔުންތަކެއް ހުށަހެޅި 13 ކުންފުންޏެއްގެ ނަމެއް އާއްމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަމިއްލަ ބައެއް މީހުން ހިމެނެ އެވެ. އެއާ އެކު ކުންފުނިތަކުގެ ހިއްސާދާރުންގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފަ އެވެ.
1) ނިއު ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
2) މިޝްކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
3) ވެމްޒޯ ޕްރައިވެޓް ލިމިޓެޑް
4) ސަރަމީ ޕްރައިވެޓް ލިމިޓެޑް
5) ޒުބެއިރު އަބްދުﷲ (ރަންހިރު ފެހުން)
6) ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)
7) ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
8) ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް
9) އުޘްމާން ނައީމް (ކޮމްބައިން ބިލްޑް)
10) މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންސް)
11) ސަން ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
12) ސިނޮޕެކް ޕްރައިވެޓް ލިމިޓެޑް
13) ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމުގެ ނުރައްކާ ބޮޑުވެގެން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނައުން އެއް އަހަރު ދުވަހަށް މަޑުޖައްސާލުމެވެ. އަދި ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދީ، އަލުން ރަޖިސްޓްރީކޮށްދިނުމެވެ.
މިހާތަނަށް 300 މީހުން ވަނީ އަލުން ރަޖިސްޓްރީކޮށްދީފަ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުނުވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.