އައިމް ގޮނާ: މުޅިން އާ ބައެއްގެ، އާ މަސައްކަތެއް
އައިމް ގޮނާ: މުޅިން އާ ބައެއްގެ، އާ މަސައްކަތެއް

ކްރޯމާ ޕްރޮޑަކްޝަން އެނގޭނީ މަދު ބަޔަކަށެވެ. އެކަމަކު ދިއެފްއެމްގެ އަހުލުވެރިންނަށް، ކްރޯމާ ޕްރޮޑަކްޝަންގެ މޭސްތިރި އާޝިޔާ ސޯލިހް އަލެއް ނުވާނެ އެވެ.

އާޝިޔާ މިހާރު ހުރީ މުޅިން ތަފާތު ދާއިރާއެއްގައި ތަފާތު މަސައްކަތްތަކެއް ކުރަން އަތުކުރި އޮޅާލައިގެންނެވެ. ތިން ރައްޓެއްސަކާ އެކު ޕްރޮޑަކްޝަން ހައުސް އެއް ވުޖޫދަށްް ގެނެސް، ވީޑިއޯ ލަވައިގެ މަސައްކަތްތައް ކުރަން ތައްޔާރެވެ. އެ މީހުންގެ ފުރަތަމަ ވީޑިއޯ ލަވަ "އައިމް ގޮނާ" އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

ކްރޯމާ އިން ގެނެސްދިން ލަވަޔަކީ ދިވެއްސާއި އިނގިރޭސި ލިރިކްސް މަސްހުނިކޮށްގެން ހަދާފައިވާ "އައިމް ގޮނާ" އެވެ. ލަވައިގެ ޅެމާއި މިއުޒިކާއި ލަވައިގެ އަޑުގެ ވެރިޔަކީ ލަވައިން ވެސް ފެނިގެންދާ ލީޑް އެކްޓަރު އަދި ކްރޯމްގެ އެއް ހިއްސާދާރު ޝަޒާން މޫސާ ނަސީމެވެ. ލަވައިގެ ޑައިރެކްޝަން ހަދާފައި ވަނީ އާޝިޔާ އެވެ.

"އައިމް ގޮނާ" އަކީ އާޝިޔާގެ ފުރަތަމަ ޑައިރެކްޝަނެވެ. ހަތަރު ދިމާލެއްގައި ޝޫޓްކޮށްފައިވާ ލަވައަކީ 15 ދުވަހުގެ މަސައްކަތެވެ. ލަވަ ޝޫޓް ކުރީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލާގެ އިތުރުން ހުރާގަ އެވެ.

"އަހަރެމެންގެ އަތުގައި މި ވަގުތު ހުރި ރިސޯސްތަކާ އެކު ވީ އެންމެ ރަނގަޅަކަށް ވަރަށް ބުރަކޮށް ލަވައަށް މަސައްކަތްކޮށްފައި ހުންނާނީ،" ހަތަރު މީހުންގެ ޓީމަކާ އެކު ހެދި ލަވަ އާ ބެހޭ ގޮތުން އާޝިޔާ ބުންޏެވެ. "ލަވައިގެ މަސައްކަތް ނިންމާލި އިރު އިންޑް ޕްރޮޑަކްޓާ ދޭތެރޭ މުޅި ޓީމް ވެސް ވަރަށް ހިތްހަމަޖެހޭ."

އައި އެމް ގޮނާ" ލަވައިން މުޅިން އާ އަންހެން ފަންނާނަކު ވެސް މި ވަނީ ތައާރަފުވެގެން ގޮސްފަ އެވެ. މިއީ އެކްޓް ކުރަން އަލަށް ނިކުތް ދުހޫ އެވެ. އާޝިޔާ ބުނި ގޮތުގައި ލަވައަށް ދުހޫ ވަރަށް މަސައްކަތްކޮށްފައިވެ އެވެ.

ލަވައިން އިލޫޝަން ޓީމްގެ ހަރަކާތްތައް ވެސް ފެނިގެން ދާނެ އެވެ.

"މިއީ ވަރަށް ހިތްގައިމު ލޯބީގެ ލަވައެއް. ބެލުންތެރިންނަށް ވަރަށް ރީތި ވާނެ ލަވައެއް ކަމަށް އުންމީދު ކުރަނީ،" ކްރޯމާގެ މެނެޖިން ޑިރެކްޓަރު އާޝިޔާ ބުންޏެވެ.

ކްރޯމާ ޕްރޮޑަކްޝަނުން އޮތީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އުފެއްދުންތައް ބެލުންތެރިންނަށް ގެނެސްދޭ ގޮތަށެވެ. އެގޮތުން މަޝްހޫރު ލަވަ ކިޔުންތެރިއެއްގެ ކަވަ ލަވައެއްގެ ވީޑީއޯ އަންނަ މަހު ރިލީޒް ކުރާނެ އެވެ.

"ކުރިއަށް އޮތް ތަނުގައި އަމިއްލަ ރާގުގެ އަމިއްލަ އުފެއްދުންތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުން މަގުސަދަކީ،" އާޝިޔާ ބުންޏެވެ.