ސޮނާކްޝީ އަށް ރާއްޖެ އިން "ފެންމަތީ ނާސްތާއެއް"!
ސޮނާކްޝީ އަށް ރާއްޖެ އިން "ފެންމަތީ ނާސްތާއެއް"!

ބޮލީވުޑްގެ ފިލްމީ ތަރިންގެ ހިތްތަކުގައި ރާއްޖޭގެ ރީތިކަމުގެ ލޯބި އުތުރުއެރުމަކީ އާ ކަމެއް ނޫނެވެ. އެކަމަކު ބަތަލާ ސޮނާކްޝީ ސިންހާ ރާއްޖޭގެ ރިސޯޓެއްގައި، ހެނދުގެ ނާސްތާ އަށް އިންސާފުކޮށްލި ގޮތް ފެންނަ ކަހަލަ ފޮޓޯ ވަރަށް މަދުވާނެ އެވެ.

ޖުމައިރާ ވިޓަވެލީގައި ޗުއްޓީ ހޭދަކޮށް މިއަދު ފުރުމުގެ ކުރިން ހަތަރު ފޮޓޯއަކުން އޭނާގެ އުފާވެރިކަން ފޭނުންނަށް ދައްކައިދިނެވެ. އެކަމަކު މި މަހު 23 ގައި ޓްވީޓްކުރި ހެނދުގެ ނާސްތާގެ ފޮޓޯ އަށް ލިބުނުހާ ލައިކެއް ނުލިބެ އެވެ. "އަހަރެންގެ ނާސްތާ މި ހުރީ ފެންމަތީގައި ދެމިދެމި،" ކަމަށް ލިއުނު ފޮޓޯ އަށް 20،000 އަށް ވުރެ ގިނަ މީހުން ލައިކްކުރި އެވެ. އަދި 500 އަށް ވުރެ ގިނަ ފަހަރު ޓްވީޓްކުރި އެވެ.

ކުރީގެ މަޝްހޫރު ބަތަލް، ސަތަރުގަން ސިންހާގެ ދަރިފުޅު މިއަދު ވަނީ ރާއްޖެ އިން ފުރައިފަަ އެވެ. ފުރަމުން އޭނާ ބުނި ގޮތުގައި "ރާއްޖެ ދޫކޮށް ދާން ޖެހޭ ވަގުތު އަބަދުވެސް އަހަރެންގެ ހިތް ކުޑަކޮށް ހަލާކުވެ" އެވެ.

"އެކަމަކު ޖުމެއިރާ އިން ލިބުނު ލޯތްބާއި މެހެމާންދާރީގެ ސަބަބުން މިފަހަރު އެ ހިތާމަ މާ ބޮޑެވެ،" މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ސޮނާކްޝީ ލިއުނެވެ.

ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓްތަކުގައި ބޮލީވުޑްގެ ތަރިން ހޭދަކުރާ ޗުއްޓީއާ ބެހޭ ފޮޓޯތައް އިންޑިއާގެ ފޭނުންގެ މެދުގައި މަޝްހޫރެވެ. އަދި ރާއްޖެ އަކީ މިހާރު އިންޑިއާގެ ޓޫރިސްޓްގެ މެދުގައި މަގުބޫލުވަމުން އަންނަ މަންޒިލެކެވެ. މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާ އިން ޒިޔާރަަތްކުރި ޓޫރިސްޓުންގެ ނިސްބަތް، ކުރީ އަހަރުތަކަށް ވުރެ 100 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.