25 ސެޕްޓެމްބަރ 2019 - 14:07

މިދިޔަ އޮގަސްޓުމަހުގެ ނިޔަލަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 16.6 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ މިދިޔަ އޯގަސްޓު މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 1.13 މިލިއަން ޓޫރިސްޓުން ކަމަށެވެ. މީގެ ތެރެއިން މިދިޔަ މަހު ޒިޔާރަތްކޮށްފައި ވަނީ 139،338 ޓޫރިސްޓުންނެވެ. މިއީ މިދިޔަ މަހާ އަޅާ ބަލާއިރު 12.4 ޕަސެެންޓުގެ ކުރިއެރުމެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި އަލީ ވަހީދު ވަނީ އެމެރިކާ އަދި ޔޫރަޕް މާކެޓުން ފާހަގަކުރެވޭ ވަރުގެ ބޮޑު ކުރިއެރުމެއް ލިިބިފައިވާކަން ފާހަގަކުރައްވާފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް އެމެރިކާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 25.5 ޕަސެންޓު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެމެރިކާ ބައްރުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 25.5 ޕަސެންޓަށް އިތުރުވެފައި. މި މާކެޓަކީ ކުރިއަރަމުން އަންނަ މާކެޓަކަށްވާއިރު މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. އިންޑިއާ މާކެޓަކީ މި އަހަރުގެ ތެރޭގައި ކުރިއަރަމުން އަންނަ މާކެޓަކަށް ވާއިރު އެ މާކެޓް އޮތީ ދެވަނައިގަ އެވެ. ރާއްޖެ އަށް ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރީ އިޓަލީންނެވެ.
މި އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް 49،731 އެނދު ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.