އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން މީހުން ތިބީ ބަންދުގައި: ފުލުހުން
އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން މީހުން ތިބީ ބަންދުގައި: ފުލުހުން

ސ. ހުޅުދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ހަމަލާދީ ފޭރުނު މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫނުކުރާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ފުލުހުން އެގޮތަށް ބުނީ، އެ މައްސަލައިގެ ތުހުމަތަށް ހައްޔުރި މީހުން ދޫކޮށްލި ކަމަށް، ސޯޝަލް މީޑިއާގައި އާންމު މީހަކު ޖެހި ޕޯސްޓަކަށް ދިން ރައްދެއްގަ އެވެ.

އުމުރުން 70 އަހަރަށް ވުރެ ދޮށީ އެ އަންހެން މީހާއަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހަމަލާދިނުމަށް ފަހު އޭނާގެ އަތުން ފައިސާ އާއި ފޯނެއް ފޭރިގަތެވެ. އަދި އޭނާގެ އަތުގެ ތިން ތަނަކަށް ވަޅިން ހަމަލާ ދީފައިވާއިރު މޫނު މަތީގައި ޖެހުމުގެ ސަބަބުން ވެސް އަނިޔާ ވެފައިވެ އެވެ.

ފުލުހުން ބުނާ ގޮތުގައި ތުހުމަތުކުރެވޭ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

އެކަމަކު ހަމަލާ ދިން މީހުންގެ ތެރެއިން އެކަކީ ކާކުކަން އަންހެންމީހާއަށް އެނގޭ ކަމަށް، ޖީލް އަލީގެ ނަމުގައި ޓްވީޓްކުރި މީހަކު ބުންޏެވެ. އޭނާ ބުނި ގޮތުގައި އަންހެން މީހާއަކީ އޭނާގެ ބޮޑުދައިތަ އެވެ.

އޭނާ ތުހުމަތުކުރި ގޮތުގައި ހަމަލާ ދިން ކަމަށް ބެލެވޭ މީހުންގެ ތެރެއިން ދޫކޮށްލި މީހާގެ ބޮޑުދައިތައަކީ ފުލުހެކެވެ.

އެ ޓްވީޓަށް ރައްދުދެމުން ފުލުހުން ބުނީ ތުހުމަތުކުރެވޭ ދެ މީހުން ތިިބީ ބަންދުގައި ކަމަށެވެ. އެއިން މީހަކާ ގުޅުން ހުރި އެއްވެސް މީހަކު ހުޅުދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އުމުރުގެ ދައްތައަކު އެކަނި އުޅެން ދޫކޮށްފައި ހުރުމާ ބެހޭ ގޮތުން މީހަކު ދިން ރައްދަކަށް ޖަވާބު ދެމުން ޖީލް ބުނީ ބޮޑުދައިތަ ބޭނުންވީ އޭނާގެ އަމިއްލަ ގޭގައި އުޅެން ކަމަށެވެ. ނަމަވެސް ބޮޑުދައިތައަށް އެހީވާން އެ ގޭގައި މީހަކު ވެސް ހުންނާނެ ކަމަށް އޭނާ ލިއުނެވެ.