25 ސެޕްޓެމްބަރ 2019 - 13:29

ޓޫރިޒަމް ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ޖޮބް ފެއާގައި 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ދިވެހިންނަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހުކުރު ދުވަހު ފަށާ ޓޫރިޒަމް ޖޮބް ފެއާ އަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފެއާ ކަމަށެވެ. ފަރުކޮޅު ފުށީގައި ބާއްވާ މި ފެއާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ހިލޭ ދަތުރު ވެސް ހަމަޖައްސައިދޭނެ އެވެ.
މި ޖޮބްފެއާ މީގެ ކުރިން ހުރިހާ ފަރާތްތަކަށް ހުޅުވާލި ނަމަވެސް މި ފެއާ ދިވެހިންނަށް ހާއްސަކުރަން ނިންމެވިކަން މިއަދު މިނިސްޓަރު ވިދާޅުވި އެވެ. މިއީ ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ދިވެހިންގެ އަދަދު އިތުރު ކުރުމުގެ މަގުސަދުގައި ޓޫރިޒަމް މިނިސްޓްރީން ނިންމި ގޮތެކެވެ.
"ޖޮބްފެއާގައި ރިސޯޓުތަކުން ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަށް 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު މިވަނީ ހުޅުވާލާފައި. މި ފެއާގައި ބައިވެރިވާ ފަރާތްތަކަށް އަޅުގަނޑުމެން ކޮންމެ ބައިގަޑިއިރަކުން ހިލޭ ޓްރާންސްފާ ބާއްވާނަން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޖޮބްފެއާގައި ވަޒީފާގެ ފުރުސަތުގެ އިތުރުން އިންޓާންޝިޕްގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ރިސޯޓުތަކުން މި ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީން ޖޮބްފެއާގައި ބައިވެރިވާ މީހުންގެ ތެރެއިން 10 މީހަކަށް ފުލް ޕެއިޑް ސްކޮލާޝިޕެއް ދޭން ނިންމާފައިވާކަމަށް ވެސް މިިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
"މި ފެއާގައި އެކި ރިސޯޓުތަކުގައި އިންޓާންޝިޕް އަދާކުރުމުގެ ފުރުސަތު ވެސް އަޅުގަނޑުމެން މި ވަނީ ހުޅުވާލާފައި. އަދި ކޮންމެވެސް 10 ފަރާތަކަށް ފުލް ޕެއިޑް ސްކޮލާޝިޕެއް ދިނުމަށް ވެސް އިންޑަސްޓްރީގެ ފަރާތްތަކުން ވަނީ ނިންމާފަ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް ޖޮބް ފެއާގައި ހުރިހާ ވަޒީފާއެއް ދިވެހިންނަށް ހާއްސަކޮށްފައިވާއިރު ޓޫރިޒަމް ދުވަހުގެ ހުރިހާ ހަރަކާތެއްގައި ވެސް ފެންނާނީ ދިވެހި ފަންނާނުންގެ ހުނަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.