25 ސެޕްޓެމްބަރ 2019 - 11:51

އެފްއޭއެމުން ހިފަހައްޓާފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފައިސާ، އެ ކްލަބުން މުސާރަ ނުދީ ތިބި ކުޅުންތެރިންނަށް އެފްއޭއެމުން ދިން އިރު އެކަމުގައި އޭނާ އިސްތިސްނާކުރި މައްސަލައިގައި ގޯލްކީޕަރު އިމްރާން މުހައްމަދު ޝަކުވާކޮށްފި އެވެ.
ނިއު އިން މުސާރަ ނުލިބިގެން އިމްރާން އެ މައްސަލަ އެފްއޭއެމަށް ހުށަހެޅީ މިދިޔަ އަހަރު އެވެ. އެ މައްސަލަ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ނިންމާފައިވަނީ ފަހުން ހުށަހެޅި ކުޅުންތެރިންގެ މައްސަލަތަކާ އެކު މި އަހަރުގެ ޖޫން މަހު އެވެ.
އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ޖޫން 12 ވަނަ ދުވަހު ނިއު އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ އިނާމު ފައިސާގެ ގޮތުގައި އާއި އެފްއޭއެއެމް އިން ނިއު އަށް ދޭން ޖެހޭ ފައިސާގެ ގޮތުގައި ހިފަހައްޓާފައިވާ 300،000ރ.، އެ ކްލަބުން މުސާރައިގެ މައްސަލަ ކޮމިޓީ އަށް ހުށަހަޅާފައިވާ 10 ކުޅުންތެރިންނަށް ހަމަހަމައަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ކުޅުންތެރިންނަކީ އިމްރާނުގެ އިތުރުން އަލީ އަޝްފާގް (ދަގަނޑޭ) އާއި އަކްރަމް އަބްދުލްޣަނީ އާއި އިމްރާން ނަޝީދާއި މުހައްމަދު އުމެއިރާއި ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ރަޝީދު (ހޮކޭ) އާއި ރިލްވާން ވަހީދު (ރިލޭ) އާއި ހަސަން އަދުހަމް (ސަޑޭ) އަދި ހިސާމް ސަލީމް (ކޮކީ) އެވެ.
އިމްރާން "މިހާރު" އަށް ބުނީ އޭނާ އަށް ނޫން އެހެން ކުޅުންތެރިންނަށް އެ ފައިސާ އެފްއޭއެމުން ދީފައިވާ ކަމަށާއި އެ އެސޯސިއޭޝަނަކީ ފުޓްބޯޅައިގެ ބެލެނެވެރި ފަރާތް ކަމަށްވާތީ ވަކި ކުޅުންތެރިޔަކާ މެދު ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.
"ކޮންމެވެސް ސަބަބަކާ ހުރެ އެ ފައިސާ ނުދެންޏާ އެކަކަށް ވެސް ނުދޭންވީ. އެކަމަކު އެހެން ހުރިހާ ކުޅުންތެރިންނަށް ދީފައި އަޅުގަނޑު ނުދެންވީ ސަބަބެއް ނެތް،" އިމްރާން ބުންޏެވެ.
މި އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ އިމްރާން ބުނީ އަޑުއިވޭ ވާހަކަތަކަށް ބަލާއިރު އެ ފައިސާ އޭނާ އަށް ނުދީ ހިފަހައްޓަނީ ސޯޝަލް މީޑިއާގައި އެ އެސޯސިއޭޝަނަށް ފާޑުކިޔާތީ ކަމަށެވެ. އެކަމަކު އިމްރާން ބުނީ އޭނާ ފާޑުކިޔަނީ ޒާތީ ގޮތުން ނޫން ކަމަށާއި ތަނުގެ މަސައްކަތަށް ކިޔާ ފާޑެއްގެ ސަބަބުން، އެތަނުން ކުޅުންތެރިންނަށް ކޮށްދޭން ޖެހޭ ކަމެއް ހުއްޓިފައި އޮވެގެން ނުވާނެ ކަމަށެވެ.
"މިއީ ވަރަށް ދެރަ މައްސަލައެއް. މިކަމުގައި ދެން ހަދާނެ ގޮތެއް ނޭގޭ. ފުޓްބޯޅައިގެ ކަމެއްގައި ކޯޓަށް ދެވެނީކީ ނޫން. ޕްލެޔަރުންނަށް ކުރިމަތިވާ މިފަދަ ކަންކަމުގައި ގޮތް ނިންމަން އޮންނަ ކޮމިޓީން މައްސަލަ ނިންމީމާ އެކަން އެސޯސިއޭޝަނުން ތަންފީޒްނުކުރަންޏާ ދެން ކޮން ތާކަށް ވަކި ދާނީ؟" ގައުމީ ޓީމުގެ ގޯލް 18 އަހަރު ބެލެހެއްޓި ކުޅުންތެރިޔާ ބުންޏެވެ.
މި މައްސަލައިގައި އެފްއޭއެމްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.