ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި
ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 25) - ސިޔާސީ ވާދަވެރިއެއްގެ އަގު ވައްޓާލުމަށް ބޭރު ގައުމެއްގެ އެހީ ހޯދި މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ރަސްމީކޮށް ޑިމޮކްރެޓިކުން ފަށައިފި އެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޑިމޮކްރެޓިކް ރައީސް ނެންސީ ޕެލޯސީ ވިދާޅުވީ ރައީސް އަށް ވެސް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެ ކަމަށާއި އެމަނިކުފާނު ވެސް ކުރެއްވި ކަމެއްގެ ޒިންމާ އުފައްލަވަން ޖެހޭނެ ކަމަށެވެ.

ޓްރަމްޕުގެ މައްޗަށް ކުރެއްވި ތުހުމަތު އެމަނިކުފާން ވަނީ ދޮގު ކުރައްވައިފަ އެވެ. އަދި މަގާމުން ދުރުކުރަން ކުރާ މަސައްކަތަކީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމަށް ޑިމޮކްރެޓުންގެ ބޮޑު ތާއީދެއް އޮތް ނަމަވެސް ރިޕަބްލިކަނުން ކޮންޓްރޯލް ކުރާ ސެނެޓުން ފާސްވުމަކީ ނާދިރު ކަމެކެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށީ ޔޫކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ކުރެއްވި ފޯން ކޯލެއްގައި ދެއްކި ބައެއް ވާހަކަތައް ފަޅާ އެރުމާ ގުޅިގެންނެވެ. ޓްރަމްޕް ދެއްކެވި ވާހަކަތައް މާބޮޑަށް ސާފުކޮށް ނޭނގުނު ނަމަވެސް ޑިމޮކްރެޓުން ތުހުމަތު ކުރަނީ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަން އާއި އެމަނިކުފާނުގެ ދަރިކަލުން ހަންޓާގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ބެލުމަށް ޒެލެންސްކީ އަށް ޓްރަމްޕް މަޖްބޫރުކުރެއްވި ކަމަށެވެ. ބައިޑަން ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައިފަ އެވެ.

ޕެލޯސީ ވިދާޅުވީ ޓްރަމްޕް ވަނީ ގާނޫނީ ކުށެއް ކުރައްވާފައި ކަމަށާއި އެއީ ގާނޫނު އަސާސީން ޓްރަމްޕާ މަތިކޮށްފައިވާ ޒިންމާތަކާ ޚިލާފުވުން ކަމަށެވެ.

"ސިޔާސީ ގޮތުން އަމިއްލަފުޅަށް މަންފާއެއް ހޯދޭނެ ކަމަކަށް ޔޫކްރޭނުގެ ރައީސްގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ޓްރަމްޕް ވަނީ އެއްބަސްވެވަޑައިގެންފައި. ރައީސް ވެސް ކުރެއްވި ކަންތަކުގެ ޒިންމާ އުފުއްލަވަން ޖެހޭނެ،" ޕެލޯސީ ވިދާޅުވި އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކުގައި ހުންނެވި ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ ހަގީގަތް ވެސް ނުބަލާ ތަހުގީގު ފަށާފައިވާ ކަމަށެވެ. އަދި ޔުކްރޭނުގެ ރައީސްއާ ދެއްކެވި ވާހަކަތަކުގެ ޓްރާންސްކްރިޕްޓް ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސަކު މަގާމުން ދުރުކުރެވޭނީ ރައީސާ ދެކޮޅަށް ހުށަހަޅާ މައްސަލަ ހައުސްގެ ކޮމިޓީން ތަހުގީގު ކުރުމަށް ފަހު ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށް ފޮނުވުމުން ސިމްޕަލް މެޖޯރިޓީން ފާސްކޮށްގެންނެވެ. ދެން އެ މައްސަލަ ގެންދާނީ ސެނެޓަށެވެ. ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާނެ އެވެ. ސެނެޓުގެ މެޖޯރިޓީ މިހާރު އޮންނަނީ ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީއަށެވެ.