27 ސެޕްޓެމްބަރ 2019 - 07:08

ފިލްމު ކުންފުނި ކްރިއާޖް އެންޓަޓައިންމަންޓާ ގުޅިގެން ފިލްމުތައް ގެނެސްދޭން ހެދި ބައެއް އެއްބަސްވުންތަކާ ހިލާފުވެ ފައިސާގެ މުއާމަލާތްތަކުގައި މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުގެ ޖަލު ހުކުމެއްގައި ހުރި ޕްރޮޑިއުސަރު ޕްރޭނާ އަރޯރާ އަށް މަސް ފަހުން ކަފާލާތުގެ ދަށުން މިނިވަންވެއްޖެ އެވެ.
ފިލްމު "ރުސްތުމް" އާއި "ޕެޑްމޭން" އަދި "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޕްރޭނާގެ މައްޗަށް ފައިސާގެ މައްސަލަތަކެއްގައި ޖަލު ހުކުމެއް އިއްވީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީއާ އަށް 30 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ގެއްލުމެއް ދިނުމާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ޕްރޭނާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ޕްރޭނާގެ މައްޗަށް އިއްވި ހުކުމާ އެކު، ކްރިއާޖްގެ މަސައްކަތްތައް ވެސް ވަނީ ހުއްޓުމަށް އައިސްފަ އެވެ. އެގޮތުން އެ ކުންފުނިން އިއުލާންކޮށްފައި ހުރި ޕްރޮޖެކްޓްތަކުގެ އެއްވެސް މަސައްކަތެއް ފަހުން ކުރިއަކަށް ނުދެ އެވެ. އޭގެ ތެރޭގައި ކުރީގެ ދެ ފިލްމެއް ކަމަށްވާ "ވޯ ކޯން ތީ" އާއި "ރާތު އޯރް ދިން" ގެ ރިމެކްތައް ހިމެނެ އެވެ.
ޕްރޭނާ ޖަލަށް ދާން ޖެހުނު އިރު، އޭނާއާ ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާ ބޮޑެތި މައްސަލަތަކެއް ޖެހިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސައިފް އަލީ ޙާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޙާން ބޮލީވުޑަށް ތައާރަފުކުރި މިދިޔަ އަހަރުގެ ފިލްމު "ކޭދަރުނާތު" އެވެ.
އެ ފިލްމަކީ ކުރިން ޑައިރެކްޓަރު އަބީޝެކާއި ކްރިއާޖް ގުޅިގެން ގެނެސްދޭން އުޅުނު ފިލްމެކެވެ. އެކަމަކު ކްރިއާޖް މައި ސްޓޫޑިއޯއަކަށް އޮވެ، ފިލްމުގެ މަސައްކަތްކުރި މީހުންނަށް ފައިސާ ނުދިނުމާއި ފައިސާގެ މުއާމަލާތްތަކުގައި އޮޅުވާލުމާއި މަކަރު ހެދުންތަކާ "ކޭދަރުނާތު" އަށް ގިނަ މައްސަލަތަކެއް ކުރިމަތިވެ އެވެ.
އެގޮތުން ފިލްމު ރިލީޒްކުރެވުނީ ވެސް ކުރިން ތާވަލު ކުރި ތާރީހަށް ވުރެ އެތައް ދުވަހެއް ފަހުންނެވެ. އަދި އެ ފިލްމު ރިލީޒްކުރީ ކްރިއާޖާ އެކު އޮތް އެއްބަސްވުން އުވާލައި ޑައިރެކްޓަރު އަބީޝެކާއި ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ގުޅިގެންނެވެ.
މީގެ އިތުރުން މިދިޔަ އަހަރު ރިލީޒްކުރި ޖޯން އަބްރަހަމްގެ "ޕަރުމަނޫ: ދަ ސްޓޯރީ އޮފް ޕޮޚްރާން" ގެ އެއްބަސްވުމުގެ މައްސަލާގައި ޖޯން އާއި ޕްރޭނާއާ ދެމެދު މައްސަލަތައް ޖެހި، އެ ފިލްމު ވެސް ރިލީޒްކުރުން ފަސްވެ އެކި ކަހަލަ މައްސަލަތަކާ ކުރިމަތިވެ އެވެ. އެންމެ ފަހުން ފިލްމު ރިލީޒްކުރީ ކްރިއާޖާ އެކު ހެދި އެއްބަސްވުން އުވާލައި، އެ ކުންފުނީގެ ހިއްސާއެއް ނެތި އެވެ.
ޖަލުން މިނިވަންވުމަށް ފަހު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕްރޭނާ ބުނީ ފާއިތުވި ތަނުގައި އޭނާ އަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިއްޖެ އެވެ. އެހެންވެ ދެން ކުރިއަށް ދާނީ ކުރިން ހެދުނު ގޯސްތަކުން އިބުރަތް ހޯދައިގެން ކަމަށާއި އޭނާގެ ސަބަބުން ގެއްލުންވި އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުންޏެވެ.
ޕްރޭނާ ބުނީ ވަރަށް އަވަހަށް އަނެއްކާ ވެސް ފިލްމީ މަސައްކަތްތައް ފަށައި، އާ ޕްރޮޖެކްޓަތެއް އިއުލާންކުރާނެ ކަމަށެވެ. ކްރިއާޖަކީ ޕްރޭނާ އާއި ޕްރޮޑިއުސަރު އަރުޖުން އެން ކަޕޫރް ގުޅިގެން އުފެއްދި ކުންފުންޏެކެވެ.