އަލިފާނުގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން ކޭކް ޑޯނާސްގެ ހަރަކާތްތަކެއް
އަލިފާނުގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން ކޭކް ޑޯނާސްގެ ހަރަކާތްތަކެއް

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމުގެ ގޮތުން ކޭކް ޑޯނާސްގެ ހަރަކާތްތަކެއް މާލޭގައި ބާއްވަން ފަށައިފި އެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ކޭކް ޑޯނާސްގެ މެމްބަރުން އަންނަނީ އެމްޕީއެލް ސަރަހައްދުގައި އެކި ބާވަތުގެ ކާއެއްޗެހި ވިއްކަމުންނެވެ. މިއަދު ހަވީރު 6:00 ގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތުގައި ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުމުގެ އިތުރުން ހަވީރު ސަޔަށް ބޭނުންވާ ތަކެތި ވިއްކާނެ ކަމަށް ކޭކް ޑޯނާސް އިން ބުންޏެވެ.

މީގެ އިތުރުން މިއަދު މެންދުރު 3:00 އިން ފެށިގެން ހަވީރު 6:00ގެ ނިޔަލަށް ރަސްފަންނާއި ކުޑަކުދިންގެ ބަގީޗާ އާއި ސަލްޓަން ޕާކާއި ހުޅުމާލެ އެއާޕޯޓް މެއިން ބަސް ސްޓޮޕް ކައިރީގައި ކޭކް ވިއްކާނެ އެވެ. މި ކޭކް ސްޓޭންޑުތަކުން އެކި ފްލޭވާތަކުގެ ކަޕްކޭކާއި ކުކީސް ފަދަ ތަފާތު ފޮނިކާތަކެތި ލިބެން ހުންނާނެ އެވެ.

ކޭކް ޑޯނާސް އިން ބުނީ އެ ޖަމިއްޔާގެ މެމްބަރުން ގޭގައި ތިބެގެން ކޭކު އެޅުމަށް ފަހު ކޭކު ވިއްކާނީ އަގުހެޔޮކޮށް ކަމަށެވެ. އަދި މި ހަރަކާތްތަކުގައި ލިބޭ ހުރިހާ ފައިސާއެއް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރާނެ ކަމަށެވެ.

މިއަދު ކުރިއަށްގެންދާ މި ހަރަކާތުގައި ކޭކް ޑޯނާސްގެ 50 އަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު ހެލްޕިން ހޭންޑް އާއި މަކުނުދޫ ޔޫތު މޫވްމަންޓް ފަދަ ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ ކަމަށް ކޭކް ޑޯނާސް އިން ބުންޏެވެ. އެހެންކަމުން މިއަދު ހުޅުވާލާ މި ސްޓޭންޑުތަކަށް ޒިޔާރަތްކޮށް އެމީހަކަށް ވެވެން އޮތް އެހީއެއް ވެދިނުމަށް ކޭކް ޑޯޏާސް އިން ވަނީ އެދިފަ އެވެ.

ކޭކް ޑޯނާސް އަކީ ތަފާތު އެކި ކަންކަމުގައި މީހުންނަށް އެހީވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އިން ވަނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށާއި ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ވެސް ފަންޑް ރެއިޒިން ހަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ.

މާލޭގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް ވަނީ އަނދައިފަ އެވެ. އަދި ގިނަ އަދަދެއްގެ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަަލުކޮށްފަ އެވެ. މި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންޑީއެމްއޭއިން ވަނީ ރިލީފް ފަންޑެއް ހުޅުވާފަ އެވެ.