ޔުއެފާ އިން އަލަށް ފަށަނީ ޔުރޮޕާ ކޮންފަރެންސް ލީގު
ޔުއެފާ އިން އަލަށް ފަށަނީ ޔުރޮޕާ ކޮންފަރެންސް ލީގު

ނިޔޯން (ސެޕްޓެމްބަރު 25) – ޔުއެފާ އިން އަލަށް ފަށާ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޔުރޮޕާ ކޮންފަރެންސް ލީގުގެ ނަމުގައި 2021 ވަނަ އަހަރު ފަށަން ނިންމައިފި އެވެ.

މިއީ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ތެރެއިން ވެސް އެކަށީގެންވާ ފުރުސަތުތަކެއް ނުލިބޭ ގައުމުތަކާއި ކްލަބްތަކަށް ވެސް ޔޫރަޕުގެ މުބާރާތެއްގައި ވާދަކުރަން ފުރުސަތު ދިނުމުގެ ގޮތުން ފަށާ މުބާރާތެކެވެ. ބެލެވޭ ގޮތުގައި މުބާރާތުން ފުރުސަތު ދޭނީ ޔޫރަޕުގެ ރޭންކިންގައި އެންމެ ދަށް ލެވެލުގެ ގައުމުތަކުގެ ކްލަބްތަކަށެވެ. އެކަމަކު ބޮޑެތި ގައުމުތަކުން ވެސް ބައެއް ޓީމުތަކަށް ފުރުސަތު ދީފާނެ ކަމަށް ބެލެވެ އެވެ.

މުބާރާތް ކުރިއަށްދާނީ ހަތަރު ޓީމުގެ އަށް ގްރޫޕުގެ މެދުގައި ގްރޫޕް ސްޓޭޖް ކުޅުމަށް ފަހު ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމު ދެ ވަނަ ބުރަށް ދާ އުސޫލުންނެވެ. އަދި ދެ ވަނަ ޓީމު ޖެހޭނީ ޔުރޮޕާ ލީގުގެ ގްރޫޕުގެ ތިން ވަނަ ހޯދާ ޓީމުތަކާ އެކު ޕްލޭއޮފެއް ކުޅޭށެވެ. ދެ ވަނަ ބުރުން ދެން ފުރުސަތު ލިބޭނީ އެ މެޗުތަކުން މޮޅުވާ ޓީމުތަކަށެވެ.

ޗެމްޕިއަން ޓީމަށް ޔުރޮޕާ ލީގުން ފުރުސަތު ލިބޭ މި މުބާރާތުގެ މެޗުތައް އޮންނާނީ ޔުރޮޕާ ލީގު ވެސް ކުޅޭ ރޭ ކަމަށްވާ ބުރާސްފަތި ދުވަހުގެރެ އެވެ. ޗެމްޕިއަންސް ލީގުގެ މެޗުތައް އޮންނަނީ އަންގާރަ އާއި ބުދަ ދުވަހުގެރެ އެވެ.

އިއްޔެ ބޭއްވި ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ކުރިއަށް އޮތް ތިން އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުތައް ކުޅޭނެ ސިޓީތައް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން 2021 ވަނަ އަހަރުގެ ފައިނަލް ރަޝިއާގެ ސެއިންޓް ޕީޓާސްބާގުގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމުގައި ކުޅޭއިރު 2022 ގައި ފައިނަލް އޮންނާނީ ޖަރުމަނުގެ މިއުނިކުގެ އެލިއަންޒް އެރީނާގަ އެވެ. އަދި 2023 ގައި އޮންނާނީ އިންގްލެންޑުގެ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގަ އެވެ. މި ސީޒަނުގެ ފައިނަލް ކުޅުމަށް ހަމަޖައްސާފައިވަނީ ތުރުކީގެ އިސްތަންބޫލުގެ އަޓާޓާކް އޮލިމްޕިކް ސްޓޭޑިއަމެވެ.