25 ސެޕްޓެމްބަރ 2019 - 11:18

މައިންޑް-ރީޑިން ސްޓާޓަޕެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކުންފުނި ކޮންޓްރޯލް (ސީޓީއާރްއެލް) ލެބްސް، ފޭސްބުކް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ކުންފުނިން ގަނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މާކް ޒަކަބާގްގެ ފޭސްބުކުން އެ ކުންފުނި ގަތީ 1 ބިލިއަން ޑޮލަރަށެވެ. މިއީ 2014 ގެ ފަހުން ފޭސްބުކުން މިހާތަނަށް ހެދި އެންމެ ބޮޑު ވިޔަފާރީގެ މުއާމަލާތެވެ. އެ ކުންފުނިން އެ އަހަރު ވަނީ އޮކިއުލަސް ވީއާރް 2 ބިލިއަން ޑޮލަރަށް ގަނެފަ އެވެ.
ފޭސްބުކުން ބުނެފައިވާ ގޮތުގައި ކޮންޓްރޯލް ލެބްސް މަސައްކަތްކުރާނީ ފޭސްބުކް ރިއަލިޓީ ލެބާ އެކީގަ އެވެ. އެއީ އެ ކުންފުނީގެ އޭއާރް އަދި ވީއާރް ޑިވިޝަންގެ މަސައްކަތްތައް ވަރުގަދަކޮށް، އެތަނަށް ބޭނުންވާ ހާޑްވެއާ ވެސް ޑިވެލޮޕްކުރުން ފަދަ މަސައްކަތަށް ކުރާ ގޮތަށެވެ. ފޭސްބުކްގެ އޭއާރް އާއި ވީއާރް އިން މިހާރު އަންނަނީ ޓީވީ ސްޓްރީމްކުރެވޭ ޑިވައިސްއެއް ވެސް ލޯންޗްކުރަން ތައްޔާރުވަމުންނެވެ.
ފޭސްބުކުން ބުނި ގޮތުގައި އެ ކުންފުނީގެ ކަސްޓަމަރުންނާ ހަމައަށް އެންމެ އަވަހަށް އަންނާނެ ކޮންޓްރޯލް-ލެބްސްގެ ޕްރޮޑަކްޓަކަށްވާނީ ރިސްޓްބޭންޑެވެ. މި ޑިވައިސްއަކީ ސިކުނޑީގެ ހަރަކާތްތައް ކޮމްޕިއުޓަރަށް ތަރުޖަމާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ.
ކޮންޓްރޯލް-ލެބްސް ގަތުމަށް ފަހު ފޭސްބުކްގެ އޭއާރާއި ވީއާރްގެ ހެޑް އެންޑްރޫ ބޮޒްވޯތު ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި ފޭސްބުކްގެ ޑިވައިސްތައް ބޭނުންކުރާ މީހުންނަށް ޓެކްނޮލޮޖީ މާ ރަނގަޅަށް ވެސް ބޭނުން ކުރެވޭނެ ގޮތްތައް ފަހިވެގެން ދާނެ އެވެ.
"މިއީ އަހަރެމެން ކަނެކްޓްވާ ގޮތަށް ބަދަލުތަކެއް ގެނުވާނެ ކަމެއް." އޭނާ ވިދާޅުވި އެވެ.
ފޭސްބުކާ އެކު ހެދި ޑީލާ ބެހޭ ގޮތުން ކޮންޓްރޯލް-ލެބްސް އިން ބުނީ އެ މީހުން މިހާރު ތިބީ ވަރަށް އުފާވެފައިވާ ކަމަށެވެ.
ނަމަވެސް ބައެއް މީހުން ވަނީ ދެ ކުންފުނީގެ މި މުއާމަލާތަށް ފާޑު ކިޔައިފަ އެވެ. ސަބަބަކީ ފޭސްބުކުން މީސްމީހުންގެ ޒާތީ މައުލޫމާތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމުގެ ގިނަ ތުހުމަތުތަކެއް ކުރެވެމުން ދިއުމެވެ.