25 ސެޕްޓެމްބަރ 2019 - 11:22

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ރޭ ނިމިގެންދިޔައިރު ލީގުގެ އެއް ވަނަ މަގާމުގައި ފަސް ޕޮއިންޓުގެ ލީޑަކާ އެކު އޮތީ މާޒިޔާ އެވެ.
ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑްކުރުމުން މި ފަހަރުގެ ލީގުގައި ވާދަކުރަނީ ނުވަ ޓީމެވެ. ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް އަށް މެޗު ކުޅުނުއިރު، މާޒިޔާ އެއް ވަަނައިގައި އޮތީ 20 ޕޮއިންޓާ އެކު އެވެ. ލީގުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތް މާޒިޔާ ވަނީ ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އިން އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، އެ ޓީމަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް ތިން މެޗުން އެއްވަރުވިއިރު، ބަލިވީ ހަމައެކަނި މާޒިޔާ އަތުންނެވެ. ތިން ވަނައިގައި އޮތް އީގަލްސް އާއި ހަތަރު ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. އީގަލްސް އަށް ފުރަތަމަ ބުރުގައި ތިން މެޗުން މޮޅުވިއިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. ލީގުގެ އަށް ޓީމުގެ ތެރެއިން އެންމެ ގިނަ މެޗުން އެއްވަރުވީ އީގަލްސް އެވެ. ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ވަނީ މިހާތަނަށް ހަތަރު މެޗުން މޮޅުވެފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބަށް ފުރަތަމަ ބުރުން ލިބުނު 13 ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. މާލީ މައްސަލަތަކުގެ ސަބަބުން ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) އެ ޓީމު ދޫކޮށްލާފައިވާއިރު، ލީގުގައި މިހާތަނަށް ޓީސީ އަށް ލިބުނީ ތިން މޮޅެވެ. ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ.
ހަ ވަނައިގައި އޮތީ ފޯކައިދޫ އެވެ. އެ ޓީމަށް އަށް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިހާތަނަށް ލީގުގައި އެ ޓީމުން ނެރުނު އެންމެ ރަނގަޅު ނަތީޖާ އަކީ މާޒިޔާއާ އެއްވަރުކުރުމެވެ. ޔުނައިޓެޑް ވިކްޓްރީ ލީގުގެ ހަތް ވަނައިގައި އޮތީ އަށް މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އަށް ވަނައިގައި އޮތީ ފުރަތަމަ ބުރުގެ ފަހު ދެ މެޗުން މޮޅުވި ނިލަންދޫ އެވެ. އެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.
އެންމެ ފުލުގައި އޮތީ ވިކްޓްރީ އެވެ. މި ފަހަރުގެ މުބާރާތުގައި ވެސް ކިރިޔާ ބައިވެރިވެވުނު ވިކްޓްރީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ބައިކޮޅަށް 33 ވަންއިރު ޖެހުނީ އެންމެ ގޯލެކެވެ. ޓީމުގެ ހާލަތު ގޯސްވެ ކޯޗަކަށް ހުރި މުހައްމަދު އާދަމް އިސްތިއުފާ ދިންއިރު، ލީގުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓްރީ ކުޅުންތެރިން ހާޒިރެއްނުވެ އެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގައި އިއްޔެ ނިލަންދޫއާ ދެކޮޅަށް ވިކްޓްރީ ޓީމު ހަމަވީ ބަދަލު ކީޕަރުން ކުޅުންތެރިންގެ ގޮތުގައި ހިމަނައިގެންނެވެ.
ލީގު ތިން ބުރަކަށް ކުޅެން ހަމަޖެހިފައިވާއިރު، ދެ ވަނަ ބުރަށް ފަހު އެއް ޓީމު މުބާރާތުން ކަޓާނެ އެވެ. ފަހު ބުރުގައި ކުޅޭނީ އަށް ޓީމެވެ. ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ފެށޭނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.