ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރި އަޔޫޝްމަން ކުރާނާގެ "ޑްރީމް ގާލް" ވެސް 100 ކްރޯޑް ކުލަބުން ޖާގަ ހޯދައިފި އެވެ.

އެ ފިލްމަށް އިންޑިއާ އިން ލިބުނު އާމްދަނީ 100 ކްރޯޑް (14 މިލިއަން) ޑޮލަރަށް އެރީ ހޯމަ ދުވަހު އެވެ. އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ބުދަ ދުވަހާ ހަމައަށް ވަނީ 143.75 ކްރޯޑް ރުޕީސް (20 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ރާޖް ޝާންޑަލިއާ ޑައިރެކްޓްކޮށްފައިވާ ފިލްމު ހަދާފައި ވަނީ 30 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"ޑްރީމް ގާލް" އަކީ ޒުވާން ފިރިހެނަކު ވަޒީފާއެއް ހޯދަން ކުރާ މަސައްކަތްތައް ނާކާމިޔާވުމުން ކޯލް ސެންޓަރެއްގައި އަންހެން އަޑުން ވާހަކަ ދައްކައިގެން އެތައް ބައެއްގެ ހިތްތައް އަތުލުމުން ދިމާވާ ހެއްވާ މަޖާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ނުޝްރަތު ބަރޫޗާ، އައްނޫ ކަޕޫރް، މަންޖޯތު ސިންގް، ވިޖޭ ރާޒް އަދި ނިދީ ބިޝްޓް ހިމެނެ އެވެ.

"ޑްރީމް ގާލް" އަކީ 100 ކްރޯޑް ކުލަބުން ޖާގަ ހޯދި އަޔޫޝްމަންގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ބަދާއީ ހޯ" އެވެ.

އަންނަ މަހުގެ 18 ގައި ރިލީޒްކުރާ ފިލްމު "ލާލް ކަޕްތާން" ގެ ޓްރެެއިލާ ދައްކާލައިފި އެވެ.

ސައިފް އަލީ ޚާން ވަރަށް ތަފާތު ކެރެކްޓާއަކުން ފެނިގެންދާނެ މި ފިލްމަކީ މި އަހަރުގެ އެންމެ ތަފާތު އެއް ފިލްމަށް ވެސް ވާނެ އެވެ. ނަވްދީޕް ސިންގް ޑައިރެކްޓްކޮށްފައިވާ އެކްޝަން ޑްރާމާގެ ކާސްޓުންގެ ތެރޭގައި ޒޯޔާ ހުސައިން، ސޮނާކްޝީ ސިންހާ، ސިމޯން ސިންގް، ދީޕަކް ދޮބްރިޔާލް އަދި މާނަވް ވިޖް ހިމެނެ އެވެ.

"ލާލް ކަޕްތާން" އަކީ ޑައިރެކްޓަރު އާނަންދު އެލް ރާއީ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

އެކްޓަރު ނީލް ނިތިން މުކޭޝްގެ ކޮއްކޮ ނަމަން ނިތިން މުކޭޝްގެ އަލަތު ފިލްމު ޑައިރެކްޝަން "ބައިޕާސް ރޯޑް" އަންނަ ނޮވެމްބަރު މަހުގެ 1 ގައި ސިނަމާތަކަށް ގެންނަން ނިންމައި، ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

މި ތުރިލާ ޑްރާމާގެ ލީޑް ރޯލުން ފެނިގެންދާނީ ނީލް އާއި އަދާ ޝަރުމާ އެވެ. "ބައިޕާސް ރޯޑް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ސުދާންޝޫ ޕާންޑޭ، ގުލް ޕަނަންގް، ރަޖިތު ކަޕޫރް، ޝަމާ ސިކަންދަރު އަދި ތާހިރު ޝައްބީރު ހިމެނެ އެވެ.

"ބައިޕާސް ރޯޑް" އަކީ ނީލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

އަންނަ މަހުގެ 25 ގައި ރިލީޒްކުރާ ކޮމެޑީ ފިލްމު "ހައުސްފުލް 4" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

މި ފިލްމަކީ ސާޖިދު ނަދިއަދްވާވާ ގެނެސްދޭ "ހައުސްފުލް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައެވެ. މި ފަހަރު ފިލްމު ޑައިރެކްޓްކޮށްފައި ވަނީ "ހައުސްފުލް 3" ވެސް ލިޔެ، ޑައިރެކްޓްކުރި ފަރުހާދު ސަމްޖީ އެވެ. އޭނާއާ ފިލްމުގެ ޑައިރެކްޝަން ހަވާލުކުރީ "ހައުސްފުލް 4" ގެ ޑައިރެކްޓަރު ސާޖިދު ޚާންގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެންނެވެ. އަދި އޭރު ފިލްމުގެ ކާސްޓްގައި ހިމެނުނު ނާނާ ޕަޓޭކަރް ވެސް ހަމަ މިކަހަލަ ތުހުމެއްގައި ފިލްމުން ވަކިކޮށްފަ އެެވެ.

"ހައުސްފުލް 4" ގެ ކާސްޓުންނަކީ އަކްޝޭ ކުމާރު، ބޮބީ ޑިއޯލް، ރިތޭޝް ދޭޝްމުކް، ކްރިތީ ސެނަން، ޕޫޖާ ހެގްޅޭ، ކްރީ ކަރްބަންދާ، ރާނާ ދަގޫބަތީ އަދި ޗަންކީ ޕާންޑޭ އެވެ.