25 ސެޕްޓެމްބަރ 2019 - 08:32

ބާސެލޯނާ (ސެޕްޓެމްބަރު 25) – ވިޔަރެއާލް އަތުން 2-1 އިން މޮޅުވެ ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ އަށް ނޭވާލާނެ ޖާގައެއް ލިބުނު ނަމަވެސް ލިއޮނަލް މެސީ އަށް އަނެއްކާ ވެސް އަނިޔާވެ އެ ޓީމަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް މިދިޔަ މަހުގެ ކުރީކޮޅު ކުރިމަތިވި ކުޑަކަޅުވާގެ އަނިޔާއަކުން ސަލާމަތްވެގެން އެނބުރި އައިސް ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ވާތު ފަލަމަސްފަނޑަށް އަނިޔާވެ ފަރުވާ ހޯދައިގެން ކުޅެން އެރި ނަމަވެސް އިންޓަވަލް ގަޑިއަށް ފަހު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. ބަދަލުގައި އެރީ އޮސްމާނޭ ޑެމްބެލޭ އެވެ.
ނަތީޖާތައް ދަށްވެ މަގާމް ގެއްލުމުގެ ބިރު ވެސް ކުރިމަތިވެފައިވާ ބާސާގެ ކޯޗު ވަލްވާޑޭ ބުނީ މެސީ އަށް ކަމެއް ވުމުން އެންމެންނަށް ހުއްޓުން އަރާ ކަމަށާއި އެކަމަކު އެހާ ބޮޑަށް ހާސްވާނެ ޖާގައެއް ނެތް ކަމަށެވެ.
"މިއީ އެޑަކްޓާ މަސްގަނޑަށް ކުރިމަތިވި ކުޑަކުޑަ މައްސަލައެއް. ރިސްކެއް ނުނަގަން ވެގެން އޭނާ ބޭލީ. މާބޮޑު ކަމެއް ނޫން އެކަމަކު މާދަމާ (މިއަދު) ބަލާލަން އޭގެ ތަފްސީލް،" ވަލްވާޑޭ ބުންޏެވެ.
ބާސެލޯނާ އަށް ދެން އޮތީ ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހު ރަށުން ބޭރުގައި ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗާއި ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.
މި މޮޅާ އެކު ބާސެލޯނާ އޮތީ 10 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި 11 ޕޮއިންޓާ އެކު އޮތީ ރޭ ރަށުން ބޭރުގައި ރެއާލް ވަޔަޑޮލިޑާ 1-1 އިން އެއްވަރުވި ގްރާނަޑާ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އާއި ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެ އަދަދަށެވެ. އެކަމަކު މިރޭ ކުޅޭ މެޗުތަކަށް ފަހު އެ ދެ ޓީމަށް ކުރިއަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ.
ވިޔަރެއާލާ ދެކޮޅަށް ރޭ ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމަށް ފަސޭހަވެގެންދާނީ ހަ ވަނަ މިނެޓުގައި އެންޓޮއިން ގްރިޒްމަން އެ ޓީމަށް ކުރި ހޯދައިދިނުމުންނެވެ. އަދި 15 ވަނަ މިނެޓުގައި އަރްތޫރް ވަނީ ލީޑު ފުޅާކޮށްދީފަ އެވެ. ވިޔަރެއާލަށް ތަފާތު ކުޑަކޮށްދިނީ 44 ވަނަ މިނެޓުގައި ސަންޓި ކަޒޯލާ އެވެ.
"އަދިވެސް އަހަރެމެން މިއޮތީ އެންމެ މަތީ މިނެއްގައެއް ނޫން. އެކަމަކު މެޗަކަށް ފަހު މެޗެއް ހުރިހާ ކަމެއް ރަނގަޅުވަމުން އަންނާނީ،" ގްރިޒްމަން ބުންޏެވެ.