ކްލޮޕް ބޭނުންވަނީ ލިވަޕޫލްގެ ކޯޗަކަށް ޖެރާޑް ގެންނަން
ކްލޮޕް ބޭނުންވަނީ ލިވަޕޫލްގެ ކޯޗަކަށް ޖެރާޑް ގެންނަން

ލިވަޕޫލް (ސެޕްޓެމްބަރު 25) - އޭނާ ލިވަޕޫލްގެ ކޯޗުކަމުން ވަކިކޮށްފިނަމަ އެ މަގާމަށް ގެންނަން ބޭނުންވަނީ މިހާރު ރޭންޖާސްގެ ކޯޗަކަށް ހުރި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލާ 2015 ވަނަ އަހަރު ހަވާލުވި ކްލޮޕް މިހާރު އެ ކްލަބްގައި ހުރީ 2022 ވަނަ އަހަރާ ހަމައަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. ކްލޮޕް ލިވަޕޫލް ދޫކޮށްލަން އުޅޭ ކަމަށް އޭނާގެ އޭޖެންޓް މާކް ކޮސީކާއާ ހަވާލާދީ ޖަރުމަނުގެ މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކުރި ނަމަވެސް ކްލޮޕް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ފޯފޯޓޫ އަށް ދިން އިންޓަވިއުއެއްގައި، ދާދި ފަހުން ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ކްލޮޕް ބުނީ އޭނާ އަށް ފަހު ލިވަޕޫލްގެ ކޯޗުކަމުގެ މަގާމުން އެންމެ ދެކެން ބޭނުންވަނީ ޖެރާޑް ކަމަށެވެ.

"ކެނީ ޑަލްގީޝް އާއި ސްޓީވެން ޖެރާޑަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަހަންނަށް އެހީވަމުން އައި ދެމީހުން. މާދަމާ ވެސް ލިވަޕޫލުން އަހަރެން ވަކިކޮށްފިނަމަ ކެނީ މި ޓީމާ ހަވާލުވެދާނެ. އެކަމަކު އެ މީހުން އެންމެ ބޮޑަށް ބަލާނީ ރޭންޖާސްގައި އެ ހުރި ޖެރާޑް ގެންނަން،" ކްލޮޕް ބުންޏެވެ.

"އަހަރެން މީހެއް އިހުތިޔާރު ކުރަންޏާ އެ ވާނީ ޖެރާޑަށް. އަަހަންނަށް ވީ ވަރަކުން އޭނަ އަށް އެހީވާނަން. އަހަންނަށް މި ޓީމުގެ ވަޒީފާ ގެއްލޭނީ އަހަރެންނަށް ނުކުރެވިގެން. އެ ނޫން ގޮތަކަށް އެ ކަމެއް ނުވާނެ."

މިދިޔަ އަހަރުގެ މެއި މަހު ރޭންޖާސްއާ ހަވާލުވެ ޖެރާޑް އަންނަނީ އެ ޓީމާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ޖެރާޑް ވަނީ ލިވަޕޫލަށް ކޯޗުކޮށްދިނުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުނެފަ އެވެ.

ލިވަޕޫލަށް ފަހު ކޯޗިން އިން ބްރޭކެއް ނަގާނެ ކަމަށް މީގެ ކުރިން ކްލޮޕް ވަނީ ބުނެފަ އެވެ. އޭނާ ބުނީ އަދިވެސް އެ ވިސްނުން އެބަހުރި ކަމަށާއި މި ވަގުތަށް ބަލާއިރު ކޯޗިންގައި ކުރިއަށް ދިއުމަށް އޭނާ ވަރަށް ބޭނުންވާ ކަމަށެވެ.

"މި ވަޒީފާ އަށް 100 ޕަސެންޓް ދެވޭނެ ކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް. ހާލަތު ކޮންމެ ގޮތަކަށް ބަދަލުވިޔަސް އަހަރެން ތައްޔާރު. މީގައި އޮތީ އެ މީހެއް ވިސްނައިގެން ކޮންމެ ކަމަކާ ކުރިމަތިލުން،" ކްލޮޕް ބުންޏެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކްލޮޕަށް ފީފާގެ މޮޅު ކޯޗުގެ މަގާމު ލިބުނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއާ ވާދަކޮށެވެ. ކްލޮޕް ވަނީ އޭނާ އަށް ލިބޭ މުސާރަ އިން ވަކި އިންސައްތަ އެއް ޗެރިޓީ އަށް ހަދިޔާކުރާނެކަން އިއުލާނުކޮށްފަ އެވެ.