24 ސެޕްޓެމްބަރ 2019 - 21:14

ކަށުކަމާކެމީގެ ހުރިހާ ކަމެއް ދަސްކޮށްދޭ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ޖަމިއްޔާއަކުން ހުޅުވާލައިފި އެވެ.
ދާރުލް ގުރުއާންގެ ފަރާތުން ވާހަކަ ދެއްކެވި އަބްދުއްލަތީފް އަހުމަދު ވިދާޅުވީ އަންނަ މަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހުގައި ކަށުކަމާކެމީގެ އަމަލީ އަދި ތިއަރީ ބައި ކުރިއަށްދާނެ ކަމަށެވެ. އަދި ވުޟޫ ކުރުމާއި ނަމާދާއި ތަޔައްމަމް ކުރުމާ ގުޅޭ ފިގުހު ބައި ކިޔައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާ ލަތީފް ވިދާޅުވި ގޮތުގައި މިއީ ކުދިބޮޑު އެންމެންނަށް ބައިވެރިވެވޭ ގޮތަށް ކަށުކަމާކެމީގެ ކަންކަމާ ގުޅޭ ކޯހަކަށް ދާރުލް ގުރުއާންގެ ފަރާތުން ބާއްވާ ދެ ވަނަ ފަހަރެވެ. މި މަހުގެ 15 އިން ފެށިގެން 22 މީހުންނާ އެކީގައި މީގެ ކޯހެއް މާލޭގައި ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ ދެ ވަނަ ކޯސް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގައި ކަމަށެވެ. އަދި ނ. އަތޮޅާއި ފ. އަތޮޅުގައި ކޯސް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ހަ ދުވަހު ކުރިއަށް އެބަ ގެންދަން ކޯސް،" ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ އެއް މަސް ދުވަހުގެ މިކޯހަށް 1،000ރ. ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބައިވެރިވާން ބޭނުންވާ މީހުން ވީހާވެސް އަވަހަކަށް ނަން ނޯޓު ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ފިރިހެނުންނާއި އަންހެނުންނަށް ބައިވެރިވެވޭ ގޮތަށް އޮތް މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ސެޓްފިކެޓްގެ ކޯހެއް ކަމަށް އެ ތަނުން ބުންޏެވެ.