24 ސެޕްޓެމްބަރ 2019 - 19:48

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހު ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރުނުވުމުން މިއަދު 40،000ރ. ގެ ޖޫރިމަނާއަކާ ކުރިމަތިވި ވިކްޓްރީ ސްޕޯޓްސް ކްލަބުން ޓީމު ހަމަކޮށްގެން މިއަދު ފ. ނިލަންދޫއާ ދެކޮޅަށް ނުކުތް ނަމަވެސް 6-0 އިން ބަލިވެއްޖެ އެވެ.
އެފްއޭއެމުން ވިކްޓްރީ އަށް އަންގާފައި އޮތީ މިއަދުގެ މެޗު ކުޅެވޭނީ އެ ފައިސާ ދައްކައިގެން ކަމަށެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ވިކްޓްރީން ވަނީ އެ ފައިސާ، އެފްއޭއެމުން އެ ކްލަބަށް ދެން ޖެހޭ ފައިސާގެ ތެރެއިން އުނިކުރަން އެދިފަ އެވެ. އެއާ އެކު މެޗު ކުޅުމުގެ ފުރުސަތު ވިކްޓްރީ އަށް ލިބުނީ އެވެ. ލީގުގެ ގަވާއިދުގައި ވެސް ބުނަނީ ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، އެބައި އެ ކްލަބަކަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާގެ ތެރެއިން އުނިކުރާނީ ކަމަށެވެ.
ވިކްޓްރީން މިއަދުގެ މެޗަށް 11 ކުޅުންތެރިން ހަމަކުރީ އެ ޓީމުގެ ބަދަލު ކީޕަރުން ކުޅުންތެރިންގެ ގޮތުގައި ޖަހައިގެންނެވެ. ބަރާބަރު 11 ކުޅުންތެރިންނާ އެކު ވިކްޓްރީން މި މެޗުގައި ކުޅުނުއިރު، ބަދަލު ކުޅުންތެރިއެއް ބެންޗުގައި ނެތެވެ. އެ ޓީމުން ބުނެފައިވާ ގޮތުގައި ޓީމު ހަމަނުކުރެވޭ އެއް ސަބަބަކީ 18 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ފަސް ކުޅުންތެރިން ގޮސްފައިވާތީވެ އެވެ.
މިއަދުގެ މެޗުގައި ނިލަންދޫ އިން ވަނީ ފުރަތަމަ ހާފްގައި ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ 24 ވަނަ މިނިޓްގައި ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމާޓޯ ދިން ބޯޅައަކުން ވިކްޓްރީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ފުރަތަމަ ލަނޑު ޖެހީ ލޫކަސް އެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އަހުމަދު އުސާމް (ކަލޫ) ވަނީ ނިލަންދޫގެ ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފްގައި ނިލަންދޫ އިން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ ގޯލު ޖަހައި ލޫކަސް އޭނާގެ ހެޓްރިކް ވަނީ ފުރިހަމަކޮށްފަ އެވެ. ވިކްޓްރީގެ ހުސެއިން ޝިހުބާން އަތުން ބައިކޮޅަށް އެއް ގޯލު ވަންއިރު، ފަހު ގޯލު ޖެހީ ނިލަންދޫގެ މެދުތެރޭގައި މިދިޔަ އަހަރު ވެސް މޮޅު ކުޅުމެއް ދެއްކި އަހުމަދު ނަބީލް އެވެ.
ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުމުން އެއީ އޮންނާނެ ހިތްހަަމަޖެހުމެއް ކަމަށާއި އެކަމަކު ފުރަތަމަ ހާފުގައި ލަސްކުޅުމެއް ޓީމުގެ ފަރާތުން ފެނިގެންދިއުމުން އެންމެ ބޭނުންވި ގޮތަށް މުޅި މެޗު ދިޔަ ކަމަށް ނުބެލެވޭ ކަމަށެވެ.
"މެޗު ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތިފައި އޮތީ. އެ މީހުން (ވިކްޓްރީ)ގެ ކުޅުންތެރިން ނެތުމާއި އެ ހުރިހާ ކަމެއް ފެންނަން އޮތީ. އެހެންވެ ކުޅުންތެރިންނަށް ކިތަންމެ ވިސްނައި ދިނަސް އެ ފަސޭހަކޮށްލުމުގެ ބައި އަންނާނެ. މެޗު ފެށުނީ ވެސް 15 މިނިޓް ފަހުން،" ވިކްޓްރީ ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ ފުރަތަމަ ބުރުގެ ފަހު މެޗުގައި އީގަލްސް ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.