ބީޗް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ޝައްފަ
ބީޗް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ޝައްފަ

ތިން ކުޅިވަރެއްގައި ރާއްޖޭން ވާދަކުރާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖެ ދިދަ އުފުލާނެ އެތުލީޓަކަށް މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ޝައްފަ ހަމަޖައްސައިފި އެވެ.

ބީޗް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ޝައްފަ
ބީޗް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ޝައްފަ

ވިއެޓްނާމުގެ ޑަނަންގައި، ހޮނިހިރު ދުވަހު ފަށާ ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ގައުމީ ފިރިހެން ބީޗް ވޮލީބޯޅަ ޓީމާއި އަންހެން ބީޗް ވޮލީބޯޅަ ޓީމުގެ އިތުރުން ބޮޑީބިލްޑިން އަދި ރޯވިން ޓީމެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލުމުގެ ޝަރަފް ޝައްފަ އަށް ދިން އިރު އޭނާ އަކީ އަންހެން ބީޗް ވޮލީބޯޅަ ޓީމުގެ ކެޕްޓަނެވެ. އަދި އޭނާ ގައުމީ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. ޝައްފަ ވަނީ ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދައިފަ އެވެ.

ޝައްފަ އަށް ދިދަ ހަވާލުކޮށްދެއްވީ، ކޮންޓިންޖެންޓް ފުރުމުގެ ކުރިން ރޭ އެއާޕޯޓުގެ ވީއައީ ލޯންޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުޅިވަރާ ބެހޭ މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކީ ކްރިކެޓް ބޯޑް ހިންގުމުގައި އިސްކޮށް އުޅުއްވާ އިމާދު އިސްމާއިލެވެ.

އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގޭމްސްގައި އޭޝިއާގެ 45 ގައުމަކުން ވާދަކުރެ އެވެ. ގޭމްސްގައި 22 ކުޅިވަރަކުން 172 އިވެންޓް އޮންނާނެ އެވެ.