24 ސެޕްޓެމްބަރ 2019 - 13:06

ތަފާތު އުނދަގޫތައްކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބް ދިރާގު ދިވެހި ޕްރިމިއާ ލީގުން ބޭރުކޮށްލަން އެފްއޭއެމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަކު ދެ ވަނަ ޑިވިޝަނުގައި ކުޅެން ޖެހުނަސް ވިކްޓްރީން ވާދަކުރާނެ ކަމަށް ޗެއާޕާސަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވިދާޅުވެއްޖެ އެވެ.
އެފްއޭއެމުން ވަނީ ވިކްޓްރީން ބުރާސްފަތި ދުވަހުގެރޭ ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ހާޒިރުނުވުމުން މިއަދު އެ ކްލަބް 40،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. މިއަދު ހަވީރު ފ. ނިލަންދޫއާ ދެކޮޅަށް ކުޅެވޭނީ އެ ފައިސާ ދައްކައިގެންނެވެ.
ވިކްޓްރީ އަށް މި ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ އެ ކްލަބުން މިދިޔަ އަހަރު ކުޅުންތެރިންނަށް ދޭން ހުރި ފައިސާ ދޭން އެއްބަސްވުމުންނެވެ. ނާޝިދު ވިދާޅުވީ އެހެންވެ މި އަހަރު ލިބޭ ހުރިހާ ފައިސާއެއް ވެސް ދެމުން އައީ މިދިޔަ އަހަރުގެ ކުޅުންތެރިންނަށް ކަމަށާއި މި އަހަރަށް ހޯދީ ޒުވާން ކުޅުންތެރިން ކަމަށެވެ.
އޭގެ ތެރެއިން ހަތަރު ކުޅުންތެރިޔަކު މި ވަގުތު ތިބީ 18 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަން ނޭޕާލަށް ގޮހެވެ. ދެން ތިބި ބައެއް ކުޅުންތެރިން އީދަށް ފަހު ޓީމަށް ނާދެ އެވެ. އެހެންވެ ވިކްޓްރީ އަށް ޓީމު ހަމަކުރެވޭނެ ގޮތެއް ނެތެވެ.
ނާޝިދު ވިދާޅުވީ ޔޫތު ގައުމީ ޓީމާ އެކު ބައެއް ކުޅުންތެރިން ގޮސްފައިވާތީ މެޗު ފަސްކޮށްދޭން އެފްއޭއެމުގައި އެދުނު ކަމަށާއި އެފްއޭއެމުން އޭރު ބުނީ އެކަން ކުރެވޭނީ އިދިކޮޅު ޓީމުގެ ރުހުން ލިބިގެން ކަމަށެވެ. އަދި ގްރީންސްޓްރީޓްސް އިން އެފްއޭއެމްގައި އޮތް ބައްދަލުވުމެއްގައި އެކަމަށް އެއްބަސްވި ކަމަށާއި އެ ޔައުމިއްޔާ އޮންނަން ޖެހޭނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.
"އެކަމަކު އެފްއޭއެމުން ބުނީ ސިޓީއަކުން އެންގުމުންނޭ މެޗު ފަސްކުރެވޭނީ،" ނާޝިދު ވިދާޅުވި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ 18 އަހަރުން ދަށުގެ ޓީމާ އެކު ކްލަބް އީގަލްސްގެ 13 ކުޅުންތެރިން އަދި ދަ ގްރާންޑޭގެ ފަސް ކުޅުންތެރިން ގޮސްފައިވާ ކަމަށާއި އުމުރުފުރާގެ ގައުމީ ޓީމުގެ ސަބަބުން ލީގު ފަސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެކަމުގައި އަޅުގަނޑުމެން މަޝްވަރާކުރިން. އެކަމަކު 16 އަހަރުން ދަށުގެ ޓީމާއި 18 އަހަރުން ދަށުގެ ޓީމު މުބާރާތަކަށްދާ ކޮންމެ ފަހަރަކު ލީގު ފަސްކުރަންޏާ ލީގު ކުރިއަށް ގެންދެވޭނެ ގޮތެއް ނޯންނާނެ،" ޖަވާޒް ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ އެފްއޭއެމުން ކްލަބްތަކަށް ފައިސާ ދޭން އެއްބަސްވި ނަމަވެސް ވިކްޓްރީ އަށް އޭގެ ތެރެއިން އެއްވެސް ފައިސާއެއް ނުލިބޭ ކަމަށެވެ. އަދި އެ ފައިސާ ނުލިބެނީ ކްލަބް ލައިސަންސް ފުރިހަމަނުކުރާތީ ކަމަށް ބުނާއިރު އެކަން ނުކުރެވި އޮތީ 18 އަހަރުން ދަށުގެ ޓީމަށް ދިޔަ ހަތަރު ކުޅުންތެރިޔަކު މާލޭގައި ނެތުމުން ލިޔުންތަކުގައި ސޮއިނުކުރެވޭތީ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.
އެކަމަކު ޖަވާޒް ވިދާޅުވީ ފުރިހަމަނުކޮށް ހުރީ އެ ހަތަރު ކުޅުންތެރިންގެ ލިޔެކިޔުންތައް އެކަނި ނޫން ކަމަށާއި ވަރަށް ގިނަ އެހެން ކުޅުންތެރިންގެ ކަންކަން ވެސް ފުރިހަމަނުކުރާ ކަމަށެވެ.
ނާޝިދު ވިދާޅުވީ އެ ކްލަބަށް މި އަހަރު ލިބުނު ހުރިހާ ފައިސާއެއް ވެސް ހޭދަކުރަނީ މިދިޔަ އަހަރުގެ ދަރަނިތައް ހަލާސްކުރަން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 1.5 މިލިއަން ރުފިޔާ ދައްކައި ނިންމާފައިވާ ކަމަށާއި މި އަހަރުގެ ދަރަންޏަކީ މިއަދު ކުރި ޖޫރިމަނާ ނުލާ އެންމެ 20،000ރ. ކަމަށެވެ. ނާޝިދު އެހެން ވިދާޅުވި ނަމަވެސް މިދިޔަ އަހަރުގެ މުސާރަ ނުލިބިގެން ބައެއް ކުޅުންތެރިން ވަނީ އެފްއޭއެމަށް ސިޓީ ހުށަހަޅައިފަ އެވެ.
"އެހެންވެ ރީޒަނަބަލް ގޮތެއްގައި ކްލަން ހިންގޭ ކަމަށް ގަބޫލުކުރަނީ. އަޅުގަނޑުމެން މި އައީ މަޑުމަޑުން މިދިޔަ އަހަރުގެ ދަރަނިތައް ނިންމަމުން. އެހެންވެ މި އަހަރު ހަރަދެއް ކުރެވެން ނޯންނާނެތީ މި އަހަރަށް ހޯދީ ހުސް ޒުވާން ކުޅުންތެރިން. ބޭނުންވަނީ ޓީމެއް ބިނާކުރަން. ތަށްޓެއް ހޯދުމެއް ނޫން. އެކަމަކު އޭގެ ތެރެއިން ހަތަރު ކުޅުންތެރިޔަކު ގައުމީ ޓީމާ އެކު ދިއުމުން ޓީމު ހަމަކުރަން ދަތިވޭ،" ނާޝިދު ވިދާޅުވި އެވެ.
"އަނެއްކޮޅުން އެފްއޭއެމުން ދޭން ވައުދުވި ފައިސާއެއް ނުދޭ. ލިބުނު ހަމައެކަނި އެހީއަކީ މިނިސްޓްރީން އަޅުގަނޑުމެން އާދޭސްކޮށްގެމް ލިބުނު 250،000ރ."
ނާޝިދު ވިދާޅުވީ އެކިގޮތް ގޮތުން މަސައްކަތް ކްލަބް ފުރަތަމަ ޑިވިޝަނުގައި ބާއްވަން މަސައްކަތްކުރަމުން އަންނައިރު އެފްއޭއެމްގެ ފަރާތުން އުދަނގޫތައް ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި އޮތީ ކޮންމެވެސް ގޮތަކުން ވިކްޓްރީ ލީގުން ބޭރުކުރުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެކަމަށް ބާރު ދެއްވީ، ކުރީ މެޗުގެ ޖޫރިމަނާ ދައްކަން އެންމެ ފަސް ގަޑިއިރުދީ އެ ފައިސާ ނުދައްކައިފި ނަމަ މެޗު ނުކުޅެވޭނެ ކަމަށް އެފްއޭއެމުން މިއަދު އެންގި އެންގުމުންނެވެ.
ލީގުގެ ގަވާއިދުގައި ބުނަނީ މި އުސޫލުން ކުރެވޭ ޖޫރިމަނާ ދެއްކުމަށް އަންގާ މުއްދަތުގައި ނުދައްކައިފި ނަމަ އެ ކްލަބަށް އެފްއޭއެމަށް ލިބެން ޖެހޭ ފައިސާ އިން ޖޫރިމަނާ ކުރެވުނު އަދަދު އެފްއޭއެމް އަށް ނެގޭނެ ކަމަށެވެ. މިގޮތުން ފައިސާ ހަމަނުކުރެވިއްޖެ ނަމަ ގޮތެއް ނިންމާނީ އެސޯސިއޭޝަނުގެ ގަވާއިދުގެ ދަށުން އެކްސްކޯ އިން ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.
ޖަވާޒް ވިދާޅުވީ މިއީ ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުމެއް ކަމަށާއި ކުޅުންތެރިންގެ މައްޗަށް ކުރާ ޖޫރިމަނާ ވެސް ނުދައްކައިފި ނަމަ މެޗު ނުކުޅެވޭ އުސޫލުން ކްލަބަކަށް ވެސް މެޗު ކުޅެވޭނީ ފައިސާ ދައްކައިގެން ކަމަށެވެ.
ނާޝިދު ވިދާޅުވީ ކްލަބްތަކުގެ ހާލަތު އެފްއޭއެމަށް އެނގޭނެ ކަމަށާއި އެހެންވެ މިވަގުތު އެ ޖޫރިމަނާ ދައްކަން މަޖުބޫރުކުރުވުމަކީ ކްލަބަށް ދަތިކުރުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފަސް ގަޑިއިރު މިއޮތީ އެ ފައިސާ ދައްކަން. ވިކްޓްރީގެ ހާލަތު މިވަގުތު އޮތްގޮތުން އެ ފައިސާ ދެއްކޭނެ ގޮތެއް ނެތް. އަޅުގަނޑު މީހުން ކައިރީ އާދޭސްކޮށްގެން އެ ފައިސާ ލިބިދާނެ. އެކަމަކު އެފްއޭއެމް އަށް ކްލަބްތަކުގެ ހާލަތު އެނގޭއިރު އެގޮތަށް ކަންތައް ކުރުމަކީ ދެރައެއް،" ނާޝިދު ވިދާޅުވި އެވެ.
އެފްއޭއެމުން ވިކްޓްރީ އަށް އެފަދަ ދަތިތައް ކުރިމަތިކުރަމުން އަންނަނީ އެ ކްލަބުން އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަސައްކަތް ފެށި ހިސާބުން ކަމަށް ބެލެވެ އެވެ. އެއީ މިދިޔަ އަހަރު ވެސް އެ ކްލަބް ދެ މެޗަކަށް ހާޒިރުނުވެ ދިޔައިރު އެފަދަ ފިޔަވަޅެއް އަޅާފައި ނެތުމެވެ. އަދި އޭރު އެފްއޭއެމުން އެ ކްލަބަށް ލޯނެއް ވެސް ދިނެވެ.
ވިކްޓްރީން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅަން މަސައްކަތްކުރި ނިއު ރޭޑިއަންޓް ސަސްޕެންޑްކުރުމުންނެވެ. ނިއު ސަސްޕެންޑްކުރީ ވެސް އެ މައްސަލައިގައި ކަމަށް އެ ދުވަސްވަރު އެކްޓިން ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ނާޝިދު ވިދާޅުވީ އެފްއޭއެމުން ކިތަންމެ އުނދަގޫ ކުރިޔަސް އަދި ލީގުން ބޭރުކޮށްލިޔަސް ވިކްޓްރީން ވާދަކުރާނެ ކަމަށާއި އަދި ކްލަބުގެ ނަން ދިރުވަން މަސައްކަތްކުރާނެ ކަމަށެވެ.
"ކްލަބަށް 50 އަހަރުވާއިރު އެހެން ޑިވިޝަނެއްގައި ވެސް އޮވެދަނެ. އެކަމަކު މައްސަލައެއް ނެތް. ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހުނަސް ވިކްޓްރީން ނުކުޅެ ނުތިބޭނަން. ވިކްޓްރީ ވާދަކުރާނެ. އެއީ އަޅުގަނޑު އެފްއޭއެމަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ،" ވިކްޓްރީގެ ކުރީގެ އިސް ހިންގުންތެރިޔާ ކެނެރީ އަބްދުއްސައްތާރުގެ ބޭފުޅެއް ކަމަށްވާ ނާޝިދު ވިދާޅުވި އެވެ.