ކޯޗިންގައި ޒަވީގެ އަމާޒަކީ ބާސެލޯނާ އާއި ޕްރިމިއާ ލީގު
ކޯޗިންގައި ޒަވީގެ އަމާޒަކީ ބާސެލޯނާ އާއި ޕްރިމިއާ ލީގު

ދޯހާ، ގަތަރު (ސްޕްޓެމްބަރު 24) - ކޯޗިން ކެރިއަރުގައި އެންމެ ބޭނުންވަނީ ބާސެލޯނާ ނޫނީ އިނގިރޭސި ޕްރިމިއާ ލީގުގައި މަަސައްކަތްކުރަން ކަމަށް ގަތަރުގެ އަލް ސާދުގެ ކޯޗު، ސްޕެއިނުގެ ކުރީގެ އެއް ވަނަ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

އުމުރުން 39 އަހަރުގެ ޒަވީ ކުޅުން ހުއްޓާލުމަށް ފަހު މިދިޔަ މެއި މަހު އަލް ސާދުގެ ކޯޗުކަމާ ހަވާލުވެ އޭނާ އަންނަނީ އެ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އަލް ސާދާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ހުރި ޒަވީގެ ކޯޗުކަމުގައި އަލް ސާދުން ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އަންނަ މަހު ކުޅޭ ސެމީގައި އަލް ސާދު ނުކުންނާނީ ސައުދީ އަރަބިއްޔާގެ އަލް ހިލާލްއާ ދެކޮޅަށެވެ.

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޒަވީ ބުނީ ފުޓްބޯޅަ ކެރިއަރުގައި ވެސް އޭނާ އަކީ ބޭނުންވާ ކަންތައްތައް ފާޅުގައި ހާމަކުރި މީހެއް ކަމަށާއި ކޯޗިންގައި ވެސް ކުރިއަށްދާނީ އެ ގޮތުގައި ކަމަަށެވެ.

"އަމާޒަކީ ޔޫރަަޕަށް އެނބުރި ގޮސް ބާސެލޯނާ ނޫނީ (އިނގިރޭސި) ޕްރިމިއާ ލީގުގައި ކޯޗުކޮށްދިނުން. ޗެލެންޖެއްގެ ގޮތުގައި މިހާރު މި ކުރާ މަސައްކަތް ވެސް ރަނގަޅު. އެކަމަކު ބާސެލޯނާ އަބަދުވެސް ހާއްސަވާނެ،" ބާސެލޯނާ އަށް 1998 އިން ފެށިގެން 2015 އަށް ކުޅުނު ޒަވީ ބުންޏެވެ.

"ބާސެލޯނާ ލެވެލްގައި އޮތް ޓީމަކަށް ކޯޗުކޮށްދިނުމަކީ މި ކަމުގައި އުޅޭ ކޮންމެ މީހެއް ވެސް އުފަލުން ހަވާލުވާނެ ޒިންމާއެއް."

ޒަވީ ބުނީ ކާމިޔާބު ކޯޗުން އެ މީހުންގެ މަސައްކަތް ފާހަގަކުރަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެންވަރު ވަޒަންކޮށްގެން ކަމަށާއި އޭނާ ވެސް އެ މަގުން ކުރިއަށްދާން ބޭނުންވާ ކަމަށެވެ.

"އިނގިރޭސި ޕްރިމިއާ ލީގަށް ކޮންމެ މީހަކު ވެސް ޝައުގުވެރިވާނެ. މި ވަގުތު ބޮޑެތި ޓީމުތަކަށް އެންމެން ވެސް ވިސްނާނެ. ބޭރު ލީގުތަކުން ޕްރިމިއާ ލީގަށް ދިޔަ ކޯޗުން ކުރާ މަސައްކަތް މިހާރު ވެސް އެބަފެނޭ. އެ ކެޓަގަރީގައި ހިމެނުމަކީ އަހަރެންގެ އުއްމީދެއް،" ޒަވީ ބުންޏެވެ.

ބާސެލޯނާގެ ކޯޗުކަމުގައި މިހާރު ހުރި އާނެސްޓޯ ވަލްވޭޑޭއާ މެދު އެ ކްލަބްގެ ގިނަ ސަޕޯޓަރުންގެ ނުރުހިފައިވާއިރު، މި ސީޒަނުގައި ވަލްވޭޑޭ އަށް ޔޫރަޕްގައި ކާމިޔާބު ނުލިބިއްޖެނަމަ އޭނާ ވަކިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.