22 ސެޕްޓެމްބަރ 2016 - 08:44

ޓިއުރިން (ސެޕްޓެމްބަރު 22) - ކަލިއާރީގެ މައްޗަށް 4-0 އިން ކުރި ހޯދައި އިޓާލިއަން ލީގުގެ ތާވަލުގެ އެއް ވަނަ އަށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އަރައިފި އެވެ.
މި ހަފުތާގައި ވާދަވެރި އިންޓަ މިލާން އަތުން ބަލިވެ، މާޔޫސްކަމާ ކުރިމަތިވި ޔުވެންޓަސް މި މޮޅާ އެކު އެއް ވަނަ ހޯދީ 12 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް އެ ފުރުސަތު ލިބުނީ ކުރިން އެއް ވަނައިގައި އޮތް ނަޕޯލީ އަށް ރޭ ޖެނޯއާއާ އަތުން މޮޅުނުވެވުމުންނެވެ. އެ މެޗު 0-0 އިން އެއްވަރުވިއިރު ނަޕޯލީ ދެ ވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އިން ތިން ލަނޑުގެ ލީޑެއް ނެގި އެވެ. ގޯލްތައް ކާމިޔާބުކޮށްދިނީ ޑެނިއަލް ރުގާނީ އާއި ރެކޯޑް އަގަކަށް ގެނައި ފޯވާޑް ގޮންޒާލޯ ހިގައިން އަދި ޑެނީ އަލްވެސް އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑަކީ މެޗުގެ ފަހުކޮޅު ކަލިއާރީގެ ކެޕިޓެއްލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ތާވަލުގެ ތިން ވަނައިގައި 10 ޕޮއިންޓާ އެކު އޮތް ރޯމާ ވަނީ ރޭ ކްރޮޓޯނޭ އަތުން 4-0 މޮޅުވެފަ އެވެ. އެޑިން ޖެކޯ ދެ ލަނޑު ޖެހިއިރު އަނެއް ދެ ގޯލް އައީ ސްޓެފަން އައް ޝާރަވީ އާއި މުހައްމަދު ސަލާހުގެ ފަރާތުންނެވެ.
އަނެއްކޮޅުން އިންޓަ ވަނީ އެމްޕޮލީ އަތުން 2-0 އިން މޮޅުވެ ފޯމް ދަމަހައްޓައިފަ އެވެ. ކެޕްޓަން މައުރޯ އިކާޑީގެ ދެ ލަނޑުން މޮޅުވިއިރު އެ ޓީމު އޮތީ 10 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ވާދަވެރި އޭސީ މިލާން އޮތީ ނުވަ ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.