24 ސެޕްޓެމްބަރ 2019 - 11:01

ތެހެރާން (ސެޕްޓެމްބަރު 24) - ސައުދީ އަރަބިއާގެ ތެޔޮ އުފައްދާ ދެ ތަނަކަށް އީރާނުން އަސްކަރީ ހަމަލާއެއް ދިން ނަމަ އެ ދެ ތަން ބިމާހަމަވީސް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވެއްޖެ އެވެ.
ރަޒީފް މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ސައުދީ އަރަބިއާގެ އަބްގައިގާއި ޚުރައިސްގައި ހުރި ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ތެޔޮ ޕްލާންޓްތަކަށް ޑްރޯން ހަމަލާ ދިނީ އީރާނުން ކަމަށް ބުނަމުންދާތީ އެވެ.
"ސައުދީ އަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާން ކަމަށްވާ ނަމަ، އެ ތެޔޮ ޕްލާންޓްތަކުން ބާކީ އެއްޗެއް ފެންނާކަށް ނުހުންނާނެ،" އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒަރީފް ވިދާޅުވި އެވެ.
ސައުދީ އަރަބިއާ އަށް ހަމަލާ ދިނީ ޔަމަނުގެ ހޫތީން ކަމަށް އެ ޖަމާއަތުން ބުނުމުން އެކަން ދޮގުކުރާނެ ސަބަބެއް އެހެން ބަޔަކަށް ނުދެއްކޭނެ ކަމަށް ޒަރީފް ވިދާޅުވި އެވެ.
ސައުދީގެ ތެޔޮ އުފައްދާ ތަންތަނަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާން ކަމަށް ބުނަމުން ދަނީ އެމެރިކާ އާއި ސައުދީންނެވެ. ހަމަލާގައި ބޭނުންކުރި ޑްރޯން އާއި ކްރޫޒް މިސައިލް އުފައްދާފައި ވަނީ އީރާނުން ކަމަށް ސައުދީގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ސައުދީން ބުނީ އަބްގައިގުގެ ތެޔޮ ޕްލާންޓަށް 18 ޑްރޯން ހަމަލާ ދިން ކަމަށެވެ. ޚުރައިސްގެ ތެޔޮ ޕްލާންޓަށް ހަތަރު ކްރޫޒް މިސައިލް ހަމަލާ ދިން އިރު އަބްގައިގަށް ފޮނުވާލި ތިން މިސައިލް އަމާޒަށް ވާސިލްވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ޑްރޯން ހަމަލާއާ ގުޅިގެން ސައުދީން ވަނީ ތެޔޮ އުފައްދާ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުކޮށްފަ އެވެ.