ސުޝާންތު ނާސާގައި ތަމްރީން ހަދަނީ
ސުޝާންތު ނާސާގައި ތަމްރީން ހަދަނީ

މީގެ ދެ އަހަރު ކުރިން ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އެމެރިކާގެ ޖައްވީ އިދާރާ ނާސާގައި އެސްޓްރޮނޯޓެއްގެ ޓްރޭނިންތަކެއް ހެދި އެވެ. އެއީ އޭރު އޭނާ ކުޅެން އޮތް ޖައްވީ ފިލްމު "ޗަންދާ މާމާ ދޫރް ކޭ" އަށެވެ.

ނަމަވެސް ވަކި ހިސާބަކުން އެކި މައްސަލަތައް ދިމާވެގެން ސަންޖޭ ޕުރާން ސިންގްގެ އެ ފިލްމުގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. އެކަމަކު ސުޝާންތު އަދިވެސް ހުރީ ނާސާގެ ޖައްވީ އިންސްޓްރަކްޓަރަކަށްވުމުގެ އުންމީދުގަ އެވެ. އޭނާ އަށް ވަނީ 2024 ގައި ނާސާ އިން ހަނދަށް ކުރާ މިޝަން އިން ވެސް ޖާގަ ލިބިފަ އެވެ.

އެހެންވެ ސުޝާންތު މިހާރު ތައްޔާރުވަމުން އަންނަނީ އޭނާ ދެ އަހަރު ކުރިން ފެށި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް އިންސްޓްރަކްޓަރެއްގެ ސެޓްފިކެޓް ހޯދަން ދާން ތައްޔާރުވަމުންނެވެ.

މިކަމާ ބެހޭ ގޮތުން މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ޒުވާން އެކްޓަރު ބުނީ ވަރަށް އަވަހަށް ހިއުސްޓަން އަށް ދާން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"އޭރު އަހަރެން ހެދި ވޯކްޝޮޕްތައް އެއްކޮށް ނިންމާލަން ފުރުސަތު ލިބުނު ނަމަ، ޓްރޭނަރުން ބުނެފައިވާ ގޮތުގައި އިންސްޓްރަކްޓަރެއްގެ ސެޓްފިކެޓް ލިބޭނެ. އެހެންވެ މިހާރު ބޭނުން ވަނީ އަލުން އެތަނަށް ގޮސް ޓްރޭނިން ފުރިހަމަކޮށް ސެޓްފިކެޓް ހޯދަން،" މި މަހުގެ 6 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ޗިޗޯރޭ" ގެ ބަތަލު ބުންޏެވެ. "އެ ޓްރޭނިން ނިންމާލާ އިރު ޖައްވީ ދަތުރަކަށް މީހާ ހުންނަނީ ރަނގަޅަށް ތައްޔާރުވެފައި."

އެމެރިކާ އަށް ދާން ސުޝާންތު ތައްޔާރުވަމުން އަންނަ އިރު، އޭނާގެ އިތުރު ފިލްމެއް އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ވެސް ތާވަލުކޮށްފައި އެބައޮތެވެ. އެއީ ނޮވެމްބަރު 29 ގައި ގެނެސްދޭ "ދިލް ބޭޗާރާ" އެވެ.

އެ ފިލްމަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ފިލްމެވެ.