މެސީ ތިން ހަފުތާއަށް ކުޅުމާ ދުރަށް
މެސީ ތިން ހަފުތާއަށް ކުޅުމާ ދުރަށް

ބާސެލޯނާ (ސެޕްޓެމްބަރު 22) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ 1-1 އިން ބާސެލޯނާ އެއްވަރުވި މެޗުގައި ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީގެ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ތިން ހަފުތާ އަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އެތުލެޓިކޯގެ ޑިއޭގޯ ގޮޑިންގެ ޓެކުލަކާ ގުޅިގެން މެސީ އަށް އަނިޔާވިއިރު އޭނާ ވަނީ 59 ވަނަ މިނެޓުގައި ކުޅުމާ ދުރަށް ގޮސްފަ އެވެ.

އުކުޅުވަޅުގެ އަނިޔާއަކާ ގުޅިގެން، ވޯލްޑް ކަޕް ކޮލިފައިންގައި ވެނެޒުއޭލާއާ ދެކޮޅަށް މި މަހު ކުރީކޮޅު އާޖެންޓީނާ ކުޅުނު މެޗުގައި ވެސް މެސީ ނުކުޅެ ހުންނަން ޖެހުނެވެ. އެކަމަކު ފިޓްވެ، ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ ފަސް މެޗުގައި އޭނާ ބައިވެރިވި އެވެ.

މި ފަހަރުގެ އަނިޔާއާ ގުޅިގެން އޭނާ އަށް ސްޕެނިޝް ލީގުގައި ސްޕޯޓިން ގިޔޯން އަދި ސެލްޓާ ވީގޯއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިއާ މޮންގްލަޑްބެކްއާ ދެކޮޅަށް އަދި ވޯލްޑް ކަޕް ކޮލިފައިންގައި ޕެރޫ އާއި ޕެރެގުއޭއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ހުންނަން ޖެހޭނީ ކުޅިބަލާށެވެ.

މެސީ އަށް އެންމެ އަވަހަށް ވެސް ކުޅެން ނުކުމެވޭނީ ޗެމްޕިއަންސް ލީގުގައި އަންނަ މަހުގެ 19 ގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށެވެ.