ޖަރުމަން ބަލިވިއިރު ސްޕެއިނަށް މޮޅެއް
ޖަރުމަން ބަލިވިއިރު ސްޕެއިނަށް މޮޅެއް

މިއުނިކް (މޭ 30) - ޔޫރޯ އަށް ތައްޔާރުވުމަށް ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ރޭ އަމިއްލަ ދަނޑުގައި ސްލޮވާކިއާއާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިން ބަލިވިއިރު، ސްޕެއިން 3-1 ބޮސްނިއާ އަތުން މޮޅުވެއްޖެ އެވެ.

ޖަރުމަން ބަލިވިއިރު ސްޕެއިނަށް މޮޅެއް
ޖަރުމަން ބަލިވިއިރު ސްޕެއިނަށް މޮޅެއް

ރޭގެ މެޗުން ޖާމަނީ ބަލިވިއިރު މިއީ އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެެއިން ބަލިވި ތިން ވަނަ މެޗެވެ.

ގަދަ ވިއްސާރައިގެ ތެރޭގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޖަރުމަނުންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި ޖަރުމަނަށް މި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން މާރިއޯ ގޯމޭޒެވެ. ލީޑު ފުޅާކުރަން އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް ޖަރުމަނަށް ލަނޑެއް ނުޖެހުނެވެ.

ސްލޮވާކިއާ އިން ވަނީ ފުރަތަމަ ހާފްގެ ފަހު ފަސް މިނިޓްގެ ތެރޭގައި ދެ ލަނޑު ޖަހައި އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 41 ވަނަ މިނިޓްގައި ސްލޮވާކިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަރެކް ހަމްސިކެވެ. އޭގެ ތިން މިނިޓް ފަހުން އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ޖެހީ މިޝަލް ޑުރިސް އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 8 ވަނަ މިނިޓުގައި ސްލޮވާކިއާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ޖޫރަޖް ކުޗްކާ އެވެ.

ސްޕެއިން ރޭ ކުޅުނު މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ސެލްޓަ ވިގޯގެ ފޯވާޑް ނޮލީޓޯ އެވެ. އަނެއް ލަނޑު ޖެހީ ޗެލްސީގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒެވެ. ބޮސްނިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެމިރް ސްޕާހިޗް އެވެ. މި މެޗުގައި ސްޕާހިޗަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ރޭ ކުޅުނު އެހެން މެޗު ތަކުގެ ނަތީޖާ އަށް ބަލާއިރު ޕޯޗުގަލް 3-0 އިން ނޯވޭގެ މައްޗަށް ކުރިހޯދިއިރު، އިޓަލީ ވަނީ 1-0 އިން ސްކޮޓްލެންޑް ބަލިކޮށްފަ އެވެ.