25 ސެޕްޓެމްބަރ 2019 - 08:36

އަންނަ މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރާ ޑައިރެކްޓަރު ވިކްރަމް ބަޓްގެ ބިރުވެރި ފިލްމު "ގޯސްޓް" ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ޓީވީ ސިލްސިލާ "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" އިން މަޝްހޫރުކަން ހޯދި ބަތަލާ ސަނާޔާ އިރާނީ އާއި ޝިވަމް ބާރްގާވާ އެވެ. އިނގިރޭސިލާތުގައި މަންޒަރުތައް ނަގާފައިވާ "ގޯސްޓް" އަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ވާޝޫ ބަގްނާނީ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
ވިކްރަމަކީ މީގެ ކުރިން ވެސް ވަރަށް ކާމިޔާބު ބިރުވެރި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ރާޒް" ސީރީޒާއި "ހޯންޓެޑް ތްރީޑީ" ގެ އިތުރުން "1920" ހިމެނެ އެވެ.
ވިކްރަމް އެންމެ ފަހުން ގެނެސްދީ މިދިޔަ އަހަރު ރިލީޒްކުރި ބިރުވެރި ފިލްމު "1921" އެވެ.
އިންޑިއާ އަށް ނިސްބަތްވާ ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން ދެ ޝޫޓަރުން ކަމަށްވާ ޗަންދުރޯ އާއި ޕްރަކާޝީ ތޯމަރުގެ ވާހަކަ ކިޔައިދޭ ފިލްމު "ސާންޑް ކީ އާނކް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 25 ގައި ރިލީޒްކުރާ މި ފިލްމުގެ އެންމެ މުހިއްމު ދެ ކެރެކްޓާ ކުޅެފައި ވަނީ ތާޕްސީ ޕައްނޫ އާއި ބޫމީ ޕެޑްނޭކަރެވެ. "ސާންޑް ކީ އާނކް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ވިނީތު ކުމާރު ސިންގް، ޑައިރެކްޓަރު ޕްރަކާޝް ޖާ އަދި އާމިރު ޚާންގެ ދައްތަ ނިޚާތު ހާން ހިމެނެ އެވެ.
ޑައިރެކްޓަރު އަނޫރާހް ކެޝަޕާއި ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެން ހަދާފައިވާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ތުޝާރު ހިރަނަންދާނީ އެވެ.
ސައިފް އަލީ ޚާން ވަރަށް ތަފާތު ރޯލަކުން ފެންނަ ފިލްމު "ލާލް ކަޕްތާން" ގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.
އަންނަ މަހުގެ 18 ގައި ރިލީޒްކުރާ މި ފިލްމުގެ ޓްރެއިލާ އަށް ވެސް ގިނަ ބަޔަކު މިހާރު އަންނަނީ އިންތިޒާރުކުރަމުންނެވެ. "ލާލް ކަޕްތާން" އަކީ މިދިޔަ އަހަަރު "ޒީރޯ" ގެނެސްދިން ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމު ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ 2015 ގައި ރިލީޒްކުރި އަނުޝްކާ ޝަރުމާގެ "އެންއެޗް10" ގެނެސްދިން ނަވްދީޕް ސިންގެވެ.
އެކްޝަން ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "ލާލް ކަޕްތާން" ގެ ކާސްޓުންގެ ތެރޭގައި ޒޯޔާ ހުސައިން، މާނަވް ވިޖް، ދީކަޕް ދޮބްރިޔާލް ސިމޯން ސިންގް ހިމެނެ އެވެ.
ހޮލީވުޑްގެ ކާމިޔާބު ފިލްމު "ދަ ގާލް އޮން ދަ ޓްރޭން" ހިންދީ ރިމެކްގެ ޝޫޓިން ނިންމާލައިފި އެވެ.
އިނގިރޭސިވިލާތުގައި މަންޒަރުތައް ނެގި ފިލްމުގެ ލީޑް ބަތަލާ ޕަރިނީތީ ޗޯޕްޅާ ވަނީ އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އަދި ނަން އިއުލާންނުކުރާ ފިލްމުގައި ކުޅުނީ މިހާތަނަށް ކުޅެން ޖެހުނު އެންމެ އުނދަގޫ ރޯލެވެ.
ފިލްމުގައި ޕަރިނީތީ ކުޅުނީ "ދަ ގާލް އޮން ދަ ޓްރޭން" ގައި އެމިލީ ބްލަންޓް ކުޅުނު ކެރެކްޓާ އެވެ. މި ފިލްމަކީ މީގެ ތިން އަހަރު ކުރިން ޓޭޓް ޓޭލާ ގެނެސްދިން މިސްޓްރީ ތުރިލާ ޑްރާމާއެކެވެ.
ފިލްމުގެ ހިންދީ ރިމެކްގެ ކާސްޓުންގެ ތެރޭގައި ކްރިތީ ކުލްހާރީ އާއި އަދިތީ ރާއޯ ހައިދަރީ ވެސް ހިމެނެ އެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ ފިލްމުގެ ޑައިރެކްރަކީ ރިބޫ ދާސްގުޕްތާ އެވެ.