ފީފާ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހޯދައިފި
ފީފާ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހޯދައިފި

މިލާން (ސެޕްޓެމްބަރު 24) - ފީފާ ބެސްޓް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބާސެލޯނާ އާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފި އެވެ.

އުމުރުން 32 އަހަރުގެ މެސީއާ މި އެވޯޑަށް ވާދަކުރީ ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އިޓަލީގެ މިލާނުގައި ރޭ އޮތް އެވޯޑް ހަފުލާގައި ރޮނާލްޑޯ ބައިވެރިނުވެ އެވެ.

މިއީ ފީފާ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހޯދި ހަ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ މި އެވޯޑް ހޯދާފައިވަނީ 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރު އެވެ. ފީފާއިން ދޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2010 އިން 2015 ވަނަ އަހަރާ ހަމައަށް ދެމުން އައީ ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑާ އެއްކޮށްލައިގެންނެވެ. ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. މިއީ އެ ނަމުގައި ދޭން ފެށި ފަހުން މެސީ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ ސީޒަނުގައި މެސީ ވަނީ އިންޑިވިޖުއަލް ގިނަ އެވޯޑްތަކެއް ހޯދައިފަ އެވެ. ބާސެލޯނާ އަށް ހަމައެކަނި ސްޕެނިޝް ލީގު ކާމިޔާބު ކުރެވުނު ނަމަވެސް މެސީ ވަނީ ހުރިހާ މުބާރާތެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފީފާ އެވޯޑްގައި ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ނޫސްވެރިންނަށް ވެސް ވޯޓް ލެވޭއިރު، މެސީގެ ގަދަ ތިނެއްގައި ހިމެނެނީ ސަޑިއޯ މާނޭ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ފްރެންކީ ޑި ޔޮން އެވެ. ވެން ޑައިކް ވޯޓް ދީފައިވާ ތަރުތީބަކީ މެސީ، ސަލާހު އަދި މާނޭ އެވެ. ރޮނާލްޑޯ ވޯޓްދީފައިވަނީ މަތައިސް ޑި ލިޓް، ޑި ޔޮން އަދި ކިިލިއަން އެމްބާޕޭ އަށެވެ.

އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޔާގެން ކްލޮޕެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގެ ދެ ވަނަ ވެސް ލިވަޕޫލަށް ހޯދައިދީފަ އެވެ. މި އެވޯޑަށް ކްލޮޕް ވާދަކުރީ ޓޮޓެންހަމްގެ މައުރީސިއޯ ޕޮޗެޓިނޯ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދީ ވޯލްޑް ކަޕް އެމެރިކާ އަށް ކާމިޔާބު ކޮށްދިނުމުގައި ތަފާތު ދެއްކި މޭގަން ރެޕީނޯ އެވެ. އެންމެ މޮޅު އަންހެން ކޯޗަކީ އެމެރިކާގެ ޖިމް އެލިސް އެވެ.

އެންމެ މޮޅު ގޯލްކީޕަަރަކަށް ލިވަޕޫލްގެ އެލިސަން ބެކާ ހޮވުނުއިރު، އެންމެ މޮޅު އަންހެން ގޯލްކީޕަރަކީ ވެން ވީނަންޑާލް އަށެވެ. އެލިސަން ވަނީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމާއި ޔޫރަޕްގެ މޮޅު ކީޕަރުގެ މަގާމުގެ އިތުރުން ކޮޕަ އެމެރިކާގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދައިފަ އެވެ.

ފީފާގެ ފިފްޕްރޯ ޑްރީމް ޓީމުގައި ހިމެނެނީ އެލިސަން، ސާޖިއޯ ރާމޯސް، މާސެލޯ، ޑި ލިޓް، ވެން ޑައިކް، ލޫކަ މޮޑްރިޗް، ޑި ޔޮން، މެސީ، އެޑެން ހަޒާޑް، އެމްބާޕޭ އަދި ރޮނާލްޑޯ އެވެ.

އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ ޑެބްރެޗެންގެ 18 އަހަރުގެ ކުޅުންތެރިޔާ ޑެނިއަލް ޒޯރީ އަށެވެ. އޭނާ ވާދަކުރީ މެސީ އާއި ރިވަ ޕްލޭޓްގެ ޖޮނަތަން ކުއިންޓޭރޯއާ އެވެ. ފެއާ ޕްލޭ އެވޯޑް ލިބުނީ މާސެލޯ ބިއެލްސާ އާއި އޭނާ ކޯޗުކޮށްދޭ ލީޑްސް ޔުނައިޓެޑަށެވެ. އެއީ މިދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕްގައި އެސްޓަން ވިލާއާ ދެކޮޅަށް ލީޑްސް ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިއަކަށް އަނިޔާވެގެން ދަނޑުމަތީގައި ވެއްޓިފައި އޮއްވައި ލީޑްސް އިން ލަނޑު ޖެހުމުން ބިއެލްސާ، އެސްޓަން ވިލާ އަށް ލަނޑެއް ޖަހަން ދޫކޮށްލަން ލީޑްސްގެ ކުޅުންތެރިންނަށް އަންގާފައިވާތީވެ އެވެ.